ބާޣީން އެތިބީ ބާކީވެ ރޭރުވެފައެވެ!

ފުނަމާ

އިއްޔެ އެމީހުން ގޮވައިނެގީ ތިމަންނާމެން މިކުރަނީ ﷲގެ މަގުގައި ކުރާ ޖިހާދެއް ކަމުގައެވެ. މިކަމުގައި އިސްވެ ނަގާކިޔާން މިގައުމުގައި ނުކުމެތިބީ ޢިލްމުވެރީންގެ ނިގާބު އަޅައިގެން ނުކުމެތިބި ޖާހިލުން ތަކެކެވެ. އެމީހުންގެ ދޫތަކުގެ މުނާފިގުކަން ހުރި މިންވަރީ އިއްޔެ ނޫން އެހަށްދުވަހު އެމީހުންގެ ދޫތަކުން މިގައުމު އެބައެއްގެ އަތްދަށުން ސަލާމަތް ކޮށްދެއްވުން އެދި ދުޢާކޮށް މުސްލިމުން ނޫންކަމުގައި އެމީހުން ބުނިމީހުންނަށް މިއަދު ސަނާކިޔައި އެވަރުގެ ތަގުވާވެރި ބަޔަކު ނެތްކަމުގައި ގޮވަމުން ދިއުމެވެ. މިފަދަ ޖާހިލު ދެފުށްދެގޮތް މީހުންނަކީ މުސްލިމު ޢިލްމުވެރީން ކަމުގައި ބުނާނެ ޖާގައެއް އޮތްކަމަކަށް ނުދެކެމެވެ.

“ތިމަންނާގެ ބޭބެއާއި ތިމަންނާއަށް އެވެނި މިވެނި އަނިޔާދިނޭ، ހެޔޮނުވާނެޔޭ މިމީހާގެ ވެރިކަން ނިންމާލަދޭށޭ” ގޮވިމީހާ މިއަދު އަރައި އެބުނާ އަނިޔާވެރިޔަކީ ނަބީބޭކަލެއްފަދަ މީހެއް ކަމުގައި މިއަދު ބުނާއަޑު އިވުމުން ކިތަންމެ ހިތް ނޭދުނަސް އެމީހާއެއީ މުނާފިގު ކަމުގެ އަލާމާތެއް ހުރިމީހެއް ކަމުގައި ނުބުނެވިދާނެ ހެއްޔެވެ؟

އެކާވީސް ދުވަސް ވަންދެން ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލޭގައި މީހުން ނިދިޔަނުދީ، ދައުލަތުގެ ޢިމާރާތްތަކާއި އަމިއްލަ މީހުންގެ މުދަލަށް ގެއްލުންދެމުން ލުއްޗާއިންތަކެއް، ވެރިކަމާހެދު މުދުނަށް ދެލޯއަރައިގެން ދުވުނުތަން އަހަރެމެން ފަހެ ނުދެކެމު ހެއްޔެވެ؟ ފުލުހުންގެ ބެރިކޭޑުތައް ކޮންމެ ރެޔަކު މޫދަށް އުކާލައި، ފުލުހުންގެ ގުދާރުމައްޗަށް ފުންމަފުންމައިގެން އެރުމުގެ އިތުރުން ސިފައިންނާޢި ފުލުހުންގެ ގަޔަށް އަލިފާންބޯޅަ އުކައި ރޯކުރި މަންޒަރު ނުދެކެމު ހެއްޔެވެ؟ އެންމެފަހުން ރިޝްވަތުގެ ހުތުރު، ނަޖިސް ފައިސާއިން ބަޔަކު ފެންވަރުވައިގެން ނުކުމެ މަގުމަތީން ދިވެހިރައްޔިތުން އިންތިޚާބުކުރި ސަރުކާރެއް ފޭރިގަނެ އެތަކެއް ރައްޔިތުންގެ ބޮލާއި ކަނދުރާތައް ވަކިކުރާން ދުވެފިއެވެ. އެދުވަހު އެކުރި ކަންކަމަކީ ޣައިރު ގާނޫނީ ކަންކަމަށް ނުވާނަމަ މިއަދު އެގޮވަނީ ކީކޭހެއްޔެވެ؟ ރައްޔިތުންގެ ވޯޓަކުން އަޣުލަބިއްޔަތު ލިބިގެން މީހަކު ހުންނާންޖެހޭ މަގާމެއްގައި އެމަގާމު ފޭރިގަނެގެން ނުހުރުމަށް ގޮވާލައި ، ރައްޔިތުންގެ ވޯޓުގެ ޙައްގު އަނބުރައި ރައްޔިތުންނަށް ހޯދައިދިނުމަށް ބަޔަކުނުކުމެ އިހްތިޖާޖު ކުރުމުން މިކަން ޣައިރު ގާނޫނީވީ ކޮންގޮތަކުން ހެއްޔެވެ؟ ބާޣީން އެބުނާ މަދުމީސްކޮޅު އެތައް ހާހަކުންގުނިގެން ކޮންމެ ރެޔަކާއި ދުވާލަކު ނުކުމެ މެދުނުކެނޑި އަޑުއުފުލާތާ ފަސްމަސްދުވަސް ހަމަވަނީއެވެ. ވެރިކަމާހުރެ ބޫތުކައިފައި އެތިބަ ބާޣީންނަށް އެވެރިކަން ފޭރިގަނެވުމުން ވަޖިދުވީ މިންވަރުން އެތިބީ ދެލޯކަނުވެ ، ކަންފަތްވެސް ބީރުވެފައެވެ. ނޫންނަމަ އެތަކެއްހާސް ރައްޔިތުން މިގައުމުގައި މެދުނުކެނޑި މިގޮވާ ގޮވުންތަކުގެ އަޑުއިވުނީސްތާއެވެ. ގޮވާންނުކުމެ މިތިބަ މީހުންގެ ބައިބޯކަން ފެނުނީސްތާއެވެ. ނޫނެކެވެ. ހަމައެމީހުންގެ ލުއްޗާ އެދުންތަކުގެ ސަބަބުން އެތިބީ ކަނުވެ ބީރުވެފައެވެ.

މިއަދު މިގައުމުގެ ރައްޔިތުންނަށް އެދެމުންދާފަދަ ރަހުމެއްނެތް އަނިޔާތައް ދުނިޔޭގެ އެއްވެސް ކަންކޮޅެއްގައި ދެވެމުންދާނަމަ ބުނެވޭނީ އެއީ ފަލަސްތީނުގައި ސިހުޔޫނީން މުސްލިމުންނަށް ކުރަމުން ގެންދާފަދަ ބޭރަޙުމް އަނިޔާތަކެއް ކަމުގައެވެ. މީގެކުރީން ބޮސްނިޔާ ގައި، ޗެޗުނިޔާގައި، މުސްލިމުންނަށް ދިންފަދަ ވޭންދެނިވި އަނިޔާތައް މިގައުމުގެ ވެރިކަން ފޭރިގަނެގެން އެތިބަ ބާޣީން އެގެންދަނީ ދިވެހި ރައްޔިތުންނަށް ދެމުންނެވެ. ހިތުގައި އެއްވެސް ކުލުނެއް ނެތިއެވެ. ނޫސްވެރީން ބިންމައްޗަށް ވަށްޓާލައި ކަރަށް ފައިންއަރައި ކެމެރާގަނޑު ފޭރިގަތުމަކީ މިއަދު އެމީހުންގެ ކުރިމަތީގައި މިނިވަންކަން އޮތް މިންވަރެވެ. ﷲއަށް އަޅުކަންކުރުމަށް މިސްކިތްތަކަށް އަރަނިކޮށް ގަޔަށްބޮލަށް އަރައި ތަޅައި ރޯނާގަންނުވައި ނަމާދުކުރިޔަނުދީ ގެންގޮސް ހައްޔަރު ކުރުމަކީ އެމީހުންގެ ދީންވެރިކަން އޮތް މިންވަރެވެ. މިއަދު އިސްލާމް ދީނަށްވެސް އެބާޣީން އެގެންދަނީ ފުރައްސާރަ ކުރަމުންނެވެ. ގުރުއާނާއި ސުންނަތައް އެގެންދަނީ ހަޖޫޖަހަމުންނެވެ.
މިގައުމުގައިވެސް އިންސާނީ ޙައްގުތައް ހިމާޔަތް ކުރުމުގެ ނަމުގައި ނަމުން ބޮޑު ކޮމިޝަނެއް އެބައޮތެވެ. އެމީހުންގެ ކަމަކީ ހަޖޫކިޔުމެވެ. ދިވެހި ރައްޔިތުންނަށް ފުރައްސާރަ ކުރުމެވެ. ރައްޔިތުންގެ ޙައްގުތައް ނީލަންކިޔުން ނޫންކަމެއްގައި އެމީހުން ހަރަކާތްތެރިއެއް ނުވެއެވެ. ދެންމިގައުމުގައި އިންސާނީ ޙައްގުތައް ރައްކާތެރި ކުރެވޭނީ ކޮންގޮތަކުން ހެއްޔެވެ؟ އިންސާނީ ކަރާމާތް އޮންނާނީ ކޮންތާކު ހެއްޔެވެ؟ އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކަށް މީހަކު މެރިޔަސް ފުލުހުންނާއި ސިފައިން ނުކުމެ ރައްޔިތުންގެ މުދާކޮޅު ލޫޓުވާލައި މީހުން ތަޅާރޯނާ ގެންނެވިޔަސް އެބުނާ ކޮމިޝަނަށް ކަހެރުވަކެކޭވެސް ހީނުވާނެއެވެ. އެމީހުންނަށް ދިވެހިރައްޔިތުންގެ ޙައްގުތަކަށްވުރެ ބޭނުންބޮޑީ އެމީހުންނަށް ލިބޭ މުސާރައެވެ.

ދެންއޮތީ ޕޮލިސް އިންޓަރގްރިޓީ ކޮމިޝަންއެވެ. ފުލުހުން ނުކުމެ ރައްޔިތުން އުލުބޭންދިޔަސް އެވެރީން “ތަށަށް ކިޔަނީ މަރިޔަނބު ހެއްޔޭވެސް” އަހާނުލައެވެ. އެމީހުންގެ ހައިބަތާ ގަދަރަށް އުނިކަން އަންނަނީވެސް ތޯއްޗެކެވެ. ނޫނީ ބާޣީސަރުކާރުން އިތުރު އިނާޔަތް ތަކެއް ދީފާނެކަމުގެ ދަހިވެތި ކަމުގައި ހަނުތިބެނީ ކަމުގައިވެސް ވެދާނެއެވެ. ވާނީވެސް އެހެންތާއެވެ. މިއަދު ވެރިކަމުގައި އެތިބަމީހުންނާއި އެމީހުންގެ ބައިވެރީން އިއްޔެ ނުކުމެ މޭގައި އަތްޖަހާފައި ތިމަންނާމެންނީ ބާޣީން ކަމުގައި ވީތީ ފަޚުރުވެރި ވާކަމުގައި ބުނަމުން އެތިބީ ބާޣީ ، ޣާޒީއަށް ބަދަލު ކޮށްލައިގެން ވިއްޔާއެވެ. އެހެންވެ ގަންނަ ބިރެއްވެސް އޮންނަނީ ތޯއްޗެކެވެ. އެކަމަކު އެނގޭކަމަކީ މުޅިދުނިޔޭގައިވެސް އެންމެ ރަހުމުކުޑަ އެއްބައެއްގެ ގޮތުގައި މިގައުމުގެ ބާޣީފުލުހުންނާއި ސިފައިން މިއަދު ގުނެމުން ދާކަމެވެ. މުޅިދުނިޔެ އެމީހުންގެ ވަހުޝީކަމާއި އަނިޔާވެރިކަމާހެދި އެތިބީ ޙައިރާން ވެފައެވެ.

ދުވަހަކު ތެދެއް އަމުދުން ހަދާންނޭނގޭ ބާޣީންގެ ވެރިކަލޭގެ ގާތުގައި ގައުމެއްގެ ސަފީރަކު “ކަލޭމެން ހާދައަނިޔާ ވެރިޔޭ “ބުނެފިއްޔާ އެދުވަހަކު ގޮވާނަގާނީ” އެވެނި ގައުމެއްގެ ސަފީރަކު ތިމަންނާ ކަންކުރާލެއް ފުރިހަމަކަމުން ހާދަތައުރީފެއް ކޮށްފިޔޭ” އެވެ. މިއީ މުނާފިގުންގެ ކިބައިގައި އެންމެއާންމު އަލާމާތްކަމުން މިކަމަކާ އަޖައިބުވާކަށް ވެސް ނުޖެހެއެވެ. އެކަމަކު ފެނި އެނގޭ ޙަގީގަތަކީ ބޭރާއި އެތެރޭގެ ފިއްތުންތަކުގެ ސަބަބުން ބާޣީން މިއަދު އެތިބީ ބާކީވެ ރޭރުވެފައި ކަމެވެ. މިއަދު އެތިބަ ހިސާބުން ދެން އެބާޣީންގެ ހިތްތައް ނަފުރަތުގެ ގިނިން އަންދައިގަނެގެން އެންމެ ފަހުން ދެންފަށާނީ މިގައުމުގެ ރައްޔިތުންތައް ކަތިލައި، މަރާށެވެ. ކޮންމެ ގޮތަކުންވެސް އެމީހުންގެ ޖާނު ސަލާމަތް ކުރުން ނޫންގޮތެއް މިއަދު އެތިބީ ނުފެނިފައެވެ. ވީމައި “އެވެސް މަރޭ، މިވެސް މަރޭ” ގޮވަމުން ނުކުމެ ދެންމިހާރު ދިވެހި ރައްޔިތުންގެ ތެރެއިން ބާޣީންނަށް ސަނާ ނުކިޔާހާ ބަޔަކު މަރައި ހުސްކުރާނޭކަން ޔަގީނެވެ.