ސީދާ ހަރަކާތް ހުއްޓުވުމުގައި ފުލުހުންގެ އަނިޔާވެރިކަން އިންތިހާއަށް އިތުރުވެއްޖެ

ބަޣާވާތުގެ ސަރުކާރު ނިމުމަކަށް ގެނެސް ޑިމޮކްރަސީގެ ހަމަތަކާއި އެއްގޮތަށް ރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރުމަށް އެމްޑީޕީން ފަށާފައިވާ ސީދާ ކުއްލި ހަރަކާތުގެ އެއްވުންތައް ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު އެކަށީގެންނުވާ ބާރުގެ ބޭނުން ކުރަން ފަށައިފިއެވެ.

އެ ގޮތުން ފުލް ރަޔަޓް ގިޔަރުގައި ތިބޭ ފުލުހުން އެއްވެސް ހަތިޔާރެއް ނެތް އާންމުންނަށް މުގުރު ބުރިންނާއި ބޫޓުންނާ ހަމަލަދީ އެއްވުންތަކުގެ ބައިވެރިންގެ ލޮލަށް އަމާޒުކޮށް ވަރަށް ކައިރިން ޕެޕާރ ސްޕްރޭ ޖަހާފައިވެއެވެ. އަދި ފުލުހުން އެއްވުންތަކުގެ ބައިވެރިންގެ އިތުރުން ނޫސްވެރިންނާ ވެސް މުޚާތަބުކުރަނީ ވަރަށް ދަށު ދަރަޖައިގެ ހަޑިހުތުރު ބަހުރުވައިންނެވެ. އަދި ރޭގެ އެއްވުން ރޫޅާލުމަށް ރަބަރު ވަޒަން ބޭނުން ކުރުމުގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް ވެސް މަންޒަރުދުށް މީހުން ބުނެއެވެ.

ރޭގެ އެއްވުން ރޫޅާލުމަށް އިހުތިޖާޖުގެ ބައިވެރިންނާ ދިމާލަށް ދުއްވައިގަތްއިރު ފުލުހުން ތިބިފަޅިން މުޒާހަރާ ކުރަމުންދިޔަ މީހުންނާއި ދިމާލަށް ގިނަ އަދަދަކަށް ގާއުކާފައިވާކަން ވެސް ފާހަގަކުރެވުނެވެ. އަދި ބެރިކޭޑެއްގައި ރޯކޮށްލާފައިވަނީ ވެސް ފުލުހުން ތިބި ފަޅިން ކަމަށް މަންޒަރުދުށް މީހުން ބުނެއެވެ. މީގެ އިތުރުން ރާއްޖެޓީވީގެ ކެމެރާމަން ޝަނޫންއަށް ފުލުހުން ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. ސީދާ ރާއްޖެޓީވީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެ ސްޓޭޝަންގެ މުއައްޒަފުންނަށް ބިރުދެއްކުމަށް ފުލުހުންކުރާ މަސައްކަތް ރާއްޖެޓީވީން ކުށްވެރިކޮށްފައިވާ އިރު، ރޭ ޝަނޫނަށް ފުލުހުން ދިން ހަމަލާގައި އޭނާގެ ކޮނޑުކަށިގަނޑަށް ވަރަށް ބޮޑަށް ގެއްލުންވެ މިހާރު ވެސް ދަނީ އައިޖީއެމްއެޗް ގައި ފަރުވާދެމުންނެވެ. އަދި މިނިވަން ނޫހުގެ ކެމެރާމަން ހައިދަރަށް ވެސް ފުލުހުން ރޭ ވަނީ ހަމަލަދީފައި ކަމަށް އިހުތިޖާޖުގެ ބައިވެރިން ބުނެއެވެ.

އެމްޑީޕީގެ ސީދާ ކުއްލި ހަރަކާތަކީ ސުލްހަވެރި ހަރަކާތެއް ނޫން ކަމަށް ދެއްކުމަށް ބަޣާވާތުގެ ސަރުކާރު ގެނައުމަށް ވާގިވެރިވި ފުލުހުން ވަނީ މަސައްކަތް ފަށާފައެވެ. އެ ގޮތުން ފުލުހުން ތިބޭ ފަޅިއަށް ބަޣާވާތުގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި ބައެއް ގޭންގްތަކަށް ނިސްބަތްވާ ޒުވާނުން ވައްދައި، އެމްޑީޕީގެ ސުލްހަވެރި އެއްވުންތައް ހަމަނުޖެހުމަށް ބަދަލުކޮށް އެއީ އެއްވުންތައް ރޫޅާލުމުގެ ބަހަނާ ކަމަށް ފުލުހުންދަނީ ދައްކަމުންނެވެ. މިއީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ފެށިގެން އައި ދުވަސްވަރު ވެސް ފުލުހުން އަމަލުކޮށްފައިވާ ގޮތް ކަމަށް އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.

އެމްޑީޕީގެ ސީދާ ކުއްލި ހަރަކާތް 5 ވަނަ ދުވަހަކަށް ދިގު ދެމިފައިވާ އިރު، މި އެއްވުންތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ވެއެވެ. އަދި އޭގެ ތެރެއިން 40 މީހަކު މިހާރު ވެސް ދޫނިދޫގައި ހައްޔަރުގައި އެބަތިބި ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުން ބުނެއެވެ.

އެމްޑީޕީގެ ސީދާ ހަރަކާތް މިއަދު 2 ޖަހާއިރު، އުސްފަސްގަނޑުން ފެށޭނެއެވެ.