ނަޑެއްލާގައި އެމްޑީޕީގެ މެމްބަރޝިޕް އިތުރު ކުރުމުގެ ހާއްސަ ޕްރޮގުރާމެއް ހިންގައިފި

ލިޔުނީ : ޙަމްދޫން ރަޝީދު / ގދ. ނަޑެއްލާ ( ނަޑެއްލާ އެމްޑީޕީ މެދުމިން ގޮފީގެ ރައީސް )

ދިވެހިރައްޔިތުންގެް ޑިމޮކްރަޓިކް ޕާޓީ ( އެމްޑީޕީ ) ގެ 7 ވަނަ އަހަރީދުވަހާއި ދިމާކޮށް ނަޑެއްލާގައި އެމްޑީޕީ ގެ މެމްބަރޝިޕް އިތުރު ކުރުމަށް ހާއްސަ ޕްރޮގުރާމެއް ނަޑެއްލާ އެމްޑީޕީ މެދުމިންގޮތްޕާއި ނަޑެއްލާ އެމްޑީޕީ ޒުވާނުންގެ ގޮފި ގުޅިގެން ހިންގައިފި އެވެ.

26 ޖޫން 2012 އިން 29 ޖޫން 2012 ގެ ނިޔަލަށް ޖުމްލަ 4 ދުވަހަށް ދިގުދެމިގެންދިޔަ މި ޕްރޮގުރާމުގައި ނަޑެއްލާގެ ގިނަ އަދަދެއްގެ ޒުވާނުން ވަނީ އެމްޑީޕީއާ އަލަށް ގުޅިފައެވެ. އަދި ދިވެހި ރާއްޖެއަށް ބޮޑީ ބިލްޑިންގެ ދާއިރާއިން ރީތި ނަމާއި ޝަރަފް ހޯދައިދީ ޤައުމީ އިނާމް ހާސިލްކޮށްފައިވާ ގދ. ނަޑެއްލާ ފެބުރުއަރީގެ އަލްފާޟިލް އަލްސަމަތު މުޙައްމަދު ވަނީ 26 ޖޫން 2012 ގައި އެމްޑީޕީ އާއި ގުޅިފައެވެ.

” މިފަދަ ފަހުރު ވެރި ދުވަހެއްގައި އެމްޑީޕީ އާއި ގުޅުމުގެ ފުރުސަތު ލިބުނީތީ އުފާކުރަން. އެމްޑީޕީ އަކީ މި ރާއްޖޭގެ ކުރިމަގު ބައްޓަން ކުރި ޕާޓީ މިރާއްޖޭގައި އިންތިހާބަކުން އަދިވެސް ވެރިކަން ކުރާނީ ގ. ކެނަރީގޭ މުހައްމަދު ނަޝީދު ކަމީ މި ރައްޖޭގެ ސިޔާސީ ހަޤީގަތް” ކަމުގައި އަލްސަމަތު ވިދާޅުވިއެވެ.

ނަޑެއްލާ ހަރުގޭގައި ފެށި މި ހަރަކާތް ފުޅާވެ ޖޫން 28 އަދި 29 ގައި ދޮރުން ދޮރަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލުއަހުވާލު ބަލައި ޕާޓީ އާއި ގުޅުމުގެ ޝައުގުވެރި ކަމުގައި ތިއްބެވި ފަރާތްތަކަށް ޕާޓީ އާއި ގުޅުމަށް ފޯމް ފުރުމުގައި އެހީތެރި ވެދީފައިވެއެވެ.

އެމްޑީޕީ އާ އަލަށް ގުޅުނު ނަޑެއްލާގެ މެމްބަރުންގެ ފޯމުތައް ކުރިޔަށް އޮތް ހަފްތާތެރޭގައި އެމްޑީޕީގެ ޗެއަރޕާސަން އާއި ހަވާލު ކުރެވޭނެ ކަމުގައި ނަޑެއްލާ އެމްޑީޕީ ޒުވާނުންގެ ގޮފީގެ ރައީސް އަލްފާޟިލް މުހައްމަދު އަބްދުﷲ ވިދާޅުވިއެވެ. އަދި އަލަށް މި ފޮނުވޭ ފޯމްތައް ޕާޓީގައި ރަޖިސްޓްރީ ކުރެވުމުން އެއްޕާޓީއެއްގައި ނަޑެއްލާއިން އެންމެ ގިނަ ބަޔަކު ދަފްތަރު ކުރެވިފައިވާނީ އެމްޑީޕީ ގައެވެ.

މިހާރުވެސް ނަޑެއްލާގައި އެމްޑީޕީ ގައި ރަޖިސްޓްރީ ކުރެވިފައިވާ 3 ގޮފި ވާއިރު އިތުރު ގޮތްޕެއް ވަރަށް އަވަހަށް ވުޖޫދުވާނެއެވެ.