ރައްޔިތުން ނިންމަންވީ ރައްޔިތުން ދާނީ ވަގުންނާ އެކުގައިތޯ ނުވަތަ އިޚްލާޞްތެރިންނާ އެކުގައިތޯ – ޑރ.ޝަހީދު

1 ޖުލައި 2010

ވަގުން ހައްޔަރުނުކޮށް ޑިމޮކްރަސީ ކުރިޔަށް ނުގެންދެވޭނޭ ކަމަށާއި، ރައްޔިތުން ދާނީ ވަގުންނާ އެކުގައިތޯ ނުވަތަ އިޚްލާޞްތެރިންނާ އެކުގައިތޯ ނިންމަން ރައްޔިތުންނަށް ޖެހިފައިވާ ކަމަށް ކުރީގެ ޚާރިޖީ ވަޒީރު ޑރ.އަޙުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސް އެއްގައި ޑރ.ޝަހީދު އިތުރަށް ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ ޑިމޮކްރަސީގެ ޅަފަތުގައި ދިމާވެފައިމިވާ ކޮރަޕްޝަނުން ރާއްޖެ ސަލާމަތްކޮށް، އެގޮންޖެހުންތައް ނައްތާލައި، ރާއްޖޭގައި ޤާއިމްކޮށްފައިވާ ޑިމޮކްރަސީ ހަރުދަނާކުރުން ކަމަށެވެ. އަދި ގައުމުގެ އެންމެ ބޮޑު މަހުޖަނު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރަކަށް އިނުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށާއި، މިއީ ރާއްޖެ ފިޔަވައި ދުނިޔޭގެ އެހެން އެއްވެސް ޤައުމަކުން ފެންނަ މަންޒަރެއް ނޫން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިނޫސް ކޮންފަރެންސްގައި ވާހަކަދެއްކެވި، މާލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު އަސްއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދޭކަމަށް އަބަދުވެސް ވާހަކަ ދެކެވެ ކަމަށާއި، ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދީފައިވާ ކަން ސާބިތުވާ ދަރަޖައަށް ކަންތައް ގޮސްފައިވާތީ، އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ސަރުކާރަށް މަޖުބޫރުވެފައިވާ ކަމަށެވެ.
މާލިއްޔަތުގެ ޤާނޫނު މަޖިލީހުން ފާސްކޮށްފައި އޮތް ގޮތުން، ގެދޮރު ޢިމާރާތްކުރުމުގެ މަޝްރޫޢުތަކަށް ލޯނު ހޯދުމުގެ ފުރުޞަތު ގެއްލިގެން ދިއުމުގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ސަބްސިޑީ ތަކާއި ފައިސާގެ އިނާޔަތްތަކު ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް ދެމުންގެންދާ ޕެންޝަން ފިޔަވައި އެހެން ހުރިހާ އެހީތައް ބަންދުވާނޭ ކަމަށެވެ.