ކައިރިން ދުށްތަން ދޮގެއް ނުކުރެވޭނެ (ފަސްވަނަ ބައި)

ފުނަމާ

ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތަކެއްގައި މީހުން އާބާދުވެ އުޅެމުން ގެންދާ ޖަޒީރާ ގައުމެކެވެ. އިހު ، އެވޭލާ ޒަމާނުގައި މީހުން އެއްރަށުން އަނެއް ރަށަށް ދަތުރުކޮށް އުޅުނީ ފަންރިޔަލާއި ފޮތި ރިޔަލުގައެވެ. ވައިމަޑުނަމަ ފަލީގައެވެ. ދާދި ކައިރީގައި އޮންނަ ރަށަކަށް ބޭނުމަކު ޖެހިގެން ދާން ޖެހުނަސް މުޅިދުވަހުގެ ހަތަރުދަން އެކަމުގައި ހޭދަކޮށްލަން ޖެހެއެވެ. އެހެން ނަމަވެސް އެއްރަށުން އަނެއް ރަށަށް ދަތުރު ނުކޮށް އަމިއްލަ ރަށުން ހުރިހައި ކަމެއް ފުށްދައިލައިގެން ތިބެވޭނެ ގޮތެއް ދިވެހީންނަކަށް މިއަދަކުވެސް ނެތެވެ. ޚާއްސަކޮށް މާލެއާއި އެއަތޮޅެއްގައި ވެރިކަން ކުރާ ރަށަކަށް ގިނަގިނައިން އޮންނަނީ ދާން ޖެހިފައެވެ.

ރިޔަލުގެ ޒަމާނަށް ބަލާލާއިރު ރަމްޟާން މަހަށް ކާޑުކޮޅު ގަނެލުމުގެ ބޭނުމުގައި އެބަޔަކަށް ވިއްކާލަން ލިބުނު އެއްޗެއް ހިފައިގެން މާލެއަށް ދާއޮޑި ޝައްވާލު މަހުގެ އެއްދިހަ ނިމޭއިރުވެސް ރަށަށް ނާދެވޭ ވާހަކައަކީ މިހާރު މަޖަލަކަށް ދަށްކާލާ ވާހަކައެއް ނަމަވެސް އެދަތުރުތައް ލަސްވުމުން ރަށުގެ ރަށްޔިތުން ރޯދަމަހުގައި އުޅޭންޖެހޭނެ ހާލުއޮތީ ހިތައް އަރުވައިލުމެވެ. ވައިނުލިބި ކަނޑުންނޭރި އޮއިގަދަކަމުން ފަލިޖަހައި އޮޑި ކުރިއަށްނޭރި ފަޅުވެރީން ބަލިވުމުން މައިފުށްޓަރުގައި މަސްއޮޑި އަޅައިގެން ގަދަވިއްސާރައިގައި ފަންގި ގަނޑުގެ ދަށުގައި މުޅިރޭގަނޑު ހަތަރުދަން ހޭދަކުރި ކަމުގައި ބުނެއުޅޭ މުސްކުޅީން މިއަދުވެސް ދުނިޔޭގައި އެބަތިއްބެވެ. ދުވާލު ހަތަރުދަމުގެ މަސްވެރިކަމުން ލިބުނު މަސްކޮޅު އުކާލަން ޖެހެނީ ކުނިވެގެންނެވެ. މިހާލަތު ބަދަލުވެގެން ދިޔައީ ސުމުއްވުލް އަމީރު އަލްމަރުޙޫމް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ދިވެހި މަސްއޮޑި ފަހަރުގައި އިންޖީނު އެޅުމާއި ގުޅިގެންނެވެ.

މިއަދު ދިވެހީން މާލެއަށް ނުވަތަ އެހެނިހެން ރަށްރަށަށް ދަތުރުކޮށް އުޅެނީ އިންޖީނުއެޅި ބޮޑެތި އަދި، ކުދި އޮޑިފަހަރުގައެވެ. ސްޕީޑު ލޯންޗު ފަހަރާއި ފެނާއި އެއަރޕޯޓަށް ޖައްސާ މަތިންދާ ބޯޓުގައެވެ. ނަމަވެސް ތިމާމެން އެވަގުތަކު މުހުތާދުވާ ކޮންމެ ރަށަކަށް ގޮސްއައިސް އުޅުމަކީ ދަތިކަމެކެވެ. ކޮންމެ ކޮންމެ ރަށަކަށް ދިއުމަށް އޮޑިފަހަރު ލިބުން ދަތިވުމާ ، ލިބުނަސް ކުރާންޖެހޭ ޚަރަދުގެ ބޮޑުކަމުންނެވެ. ކައިރީގައި އޮންނަ ރަށަކަށް ދިއުމަށް ގާތްގަނޑަކަށް ދުއިސައްތަ ތިންސަތޭކަ ރުފިޔާ ޚަރަދުވާއިރު އަތޮޅުގެ ދުރު ރަށްރަށަށް ދަތުރުކުރުމަށް ދޮޅުހާސް ދެހާސް ރުފިޔާ ޚަރަދު ކުރާން ޖެހެއެވެ. ޖެހިގެން އޮންނަ އަތޮޅުގައި ދިރިއުޅޭ ގާތްތިމާގެ މީހަކާ ބައްދަލުކޮށްލަން ސީދާ ރަށުން ފުރައިގެން ކުލިދީގެން އުޅަނދެއްގައި ދާންވެއްޖެނަމަ ހަތަރު، ފަސްހާހުގެ މިކޮޅަކުން ގައިމުވެސް ނުޗަލާނެއެވެ. އެހެންނޫނީ ޖެހެނީ މާލެދާން ކެލަޔަށޭ ބުނެއުޅޭ ބީދައިން ރަށުން ފުރައިގެން މާލެގޮސް މާލޭމަގުން އަނެއްކާ އެއަތޮޅަކަށް ދަތުރު ކުރާށެވެ. ވަގުތާއި އެތަކެއް ފައިސާ ހޭދަކުރަމުންނެވެ.

ރަށްރަށުގައި މިހާރަކަށް އައިސް އުފަށްދާ ބައެއްކަހަލަ ތަކެތި ވިއްކާލުމަށް ޖެހެނީ އެންމެ ކުޑަމިނުން އަތޮޅުގެ ރަށްރަށަށް ދަތުރުކުރާށެވެ. މިސާލަކަށް ދަނޑުވެރިކަމުން ލިބޭ މިރުސްކޮޅެއް ވިޔަސް ރަށަށް ނުވިކި ހަލާކުވާތީއެވެ. އެހެންކަމުން ދިރިއުޅުމަށް ކުރާ މިފަދަ މަސައްކަތުންވެސް އެންމެ ރަނގަޅު ފައިދާ އޮންނަނީ ނުހޯދިފައެވެ. ރަށުގައި ދެމީހަކު ދަނޑުވެރިކަން ކުރާނަމަ ރަށަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ތަކެތި ހެއްދޭތީވެ ކޮންމެ ގޮތަކުންވެސް އެތަކެތި އެހެންދިމާލަކަށް ފޮނުވަން ޖެހެއެވެ. މާލެފޮނުވުމުން އެކިފަހަރު ލިބޭ އަގުގެ ތަފާތު ބޮޑުކަމާއެކު ކުރާމަސައްކަތް ނުކުރާ މަސައްކަތަކަށް ބަދަލުވާ ފަހަރުވެސް އަންނަލެއް ގިނަކަމުންނެވެ.

ހޮސްޕިޓަލުނެތް ރަށެއްގައިނަމަ ބައްޔެއް ވުމުން ބާރުލައި ދާންޖެހެނީ އަތޮޅުގައި ހުންނަ ހޮސްޕިޓަލަށެވެ. ނަމުގައި ދެތިން ޑޮކްޓަރެއް ބައިތިއްބާފައިތިބޭ މިފަދަ ހޮސްޕިޓަލުތަކުގައި ސްޕެޝަލިސްޓުންގެ ޚިދުމަތް ލިބެނީ މަދުފަހަރެއްގައެވެ. ގިނަފަހަރަށް އެތަކެއް ޚަރަދުކޮށްގެން ދިހަބާރަ ފަހަރު ހޮސްޕިޓަލަށް ދިއުމަށްފަހު ދެންދާން ޖެހެނީ ބޮޑުޚަރަދު ކޮށްގެން މާލެއަށެވެ. އެއިރު އަތުގައި ފޮރުވިފައިހުރި ލާރިކޮޅުގެ ބޮޑު ބައެއް ހުސްވެފައި އޮންނަނީ ހޮސްޕިޓަލަށް ދިއުމަށް ކުރެވުނު ދަތުރު ތަކަށެވެ. މާލެގޮސް ޖެހެނީ އަތޮޅުގެ މެންބަރުގެ ގާތަށް ސަލާމާ ހިނގާށެވެ. މިނޫންގޮތެއް އަމުދުން ނޯވެއެވެ. އާސަންދައާއި މަދަނަ އާންމުވުމުން ކޮންމެވެސް ވަރެއްގެ ހައްލެއް އައިނަމަވެސް ކުރީގައި ކަންއޮތް ގޮތަކީ އެއީއެވެ.

އަމިއްލަ އަތޮޅުގެ އެހެނިހެން ރަށްރަށުން މީހުންނާ އިނދެގެން ދިރިއުޅެ އާއިލާގެ މެންބަރުން ނުވަތަ ގާތްތިމާގެ މީހަކަށް ޒިޔާރަތް ކުރުމަކީވެސް ޚަރަދު ބަރަދުގެ ގޮތުން ބޮޑުކަމަކަށް ވާތީވެ އެފަދަ ގުޅުންތައްވެސް ހީނަރުވެދާކަމުގައި ދަންނަވާން ޖެހެއެވެ. ހަމައެކަނި މޯބައިލް ފޯނަކުން ދަށްކާލެވޭ ވާހަކައަކުން ދެމެދުގެ ގުޅުންތައް ދެމިއެއް ނޯވެއެވެ. އަދި އަތްމަތި ހުންނަގޮތުން ކޮންމެ ކޮންމެ ފަހަރަކު ގުޅައިގެން ގަޑިދެގަޑިއިރު ވާހަކަ ދަށްކާން ތިބެވޭކަށްވެސް ނޯވެއެވެ. ވާނީވެސް އެހެންތާއެވެ. ރާއްޖެއަކީ މުއާސަލާތީ ޚިދުމަތް އެންމެ އަގުބޮޑު އެއްގައުމެވެ. ނަމަވެސް ރަށުބަންދުން ނުވީއްލި ދިވެހީންނަށް ޖެހިފައިވަނީ އެބަޔަކު ތިބިތާކު ފާޑަކަށް ތާށިވެފައި ތިބޭށެވެ.

ރަށުބަންދުން ވީއްލުމުގެ ވާހަކައަކީ ކުރީންވެސް ދެކެވޭ ވާހަކައެކެވެ. އެކަމަކު އެއީ ބައެއް ކުށްތައް ކުރާ މީހުން ރަށްރަށުގައި ބަންދުކޮށްގެން ގެންގުޅުމަށްފަހު ދޫކޮށްލާ ވާހަކައެވެ. ނަމަވެސް ދިވެހި އެންމެހައި ރައްޔިތުން މިތިބީ ދަތުރުފަތުރުގެ ދަތިކަމާ ގުޅިގެން ރަށުބަންދުގައިކަން އެންމެ ފުރަތަމަ ރަށްޔިތުންނަށް ވިސްނައި ދެވި މިދެންނެވި ރަށުބަންދުގެ ވާހަކަ ދެއްކެންފެށީ އެމްޑީޕީގެ އުފެދުމާއި ހަމައިންނެވެ. އަތޮޅުފެރީއާއި އަތޮޅުން ބޭރަށް ފެރީބާއްވައި ރައްޔިތުންގެ ޖީބަށް ކުޅަދާނަ އަގެއްގައި އެނިޒާމު ގާއިމު ކޮށްދިނުމުގެ ގޮތުން ދަތުރު ފަތުރުގެ ނިޒާމުން މުޅިރާއްޖެ ގުޅާލުމުގެ ވާހަކަ އެންމެ ފުރަތަމަ ރައީސް ނަޝީދު ދަށްކަވާން ފެއްޓެވުމުން އެކަން އިދިކޮޅު ފަރާތްތަކުން ހެދީ ބޮޑު ޖޯކަކަށެވެ. އެއީ އެއްގޮތަކަށްވެސް ކުރެވޭނެ ކަމެއް ނޫންކަމުގައި އެވެރީން ގެންދިޔައީ ބުނަމުންނެވެ. އަދި މިގައުމަށް ލިބޭއެއްޗަކުން ރަށްޔިތުންނަށް އެފަދަ ނިޒާމަކަށް ބޭނުންވާ ފައިސާ ހޯދައި ނުގަނެވޭނެ ކަމުގައި ދިޔައީ ފާޅުގައި ބުނަމުންނެވެ. އަހަރަކު ” ބޮލި އަތްގޮށްޓެއްގެ ” އަގުގައި އެތަކެއް އަހަރުވަންދެން ކޮންމެވެސް ކަލޭފާނަކަށް ސަރުކާރަށް ، ރަށްޔިތުންނަށް ފައިދާއެއް އަމުދުން ނެތްގޮތެއްގައި ވަގުފުކޮށް ދީފައި އޮންނަ ދެތިން ފަޅުރަށް ކޮންމެ އަތޮޅެއްގައި އޮންނަކަމެއް ރަށްޔިތުންގެ ވިސްނުމަކަށް އެއިރަކު ނާދެއެވެ. މިފަދަ ރަށެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން ރަށްޔިތުންނަށް ހެޔޮއަގެއްގައި ދަތުރު ފަތުރުގެ ޚިދުމަތް ދިނުމަށް އަރުވައި ޖަހައިގެން ތިބި ކުންފުނިތަކެއް ފުރުސަތުގެ އިންތިޒާރުގައި ތިބިކަމެއް ނޭނގެއެވެ.

މިއަދު މުޅިރާއްޖޭގެ އެންމެހައި ރަށްތައް މިވަނީ ދަތުރު ފަތުރުގެ ނިޒާމަކުން ގުޅާލެވިފައެވެ. ކުރީގައި ސަތޭކަ ރުފިޔާއިން ފެށިގެން ދޮޅުހާހުން ހަ ހާހުންޚަރަދުކުރި ދަތުރުތައް މިއަދު މިވަނީ ދިހަރުފިޔާ ނުވަތަ ވިހިރުފިޔާއަށް ކުޑަވެފައެވެ. އަދި ހަތަރުފަސްހާސް ރުފިޔާއިން ނުކުރެވުނު ދަތުރުތައް އެވަނީ އެންމެ ފަންސާހަކަށް ރުފިޔާއަށް ކުޑަވެފައެވެ. މިނިޒާމު ރާއްޖެއަށް ތަޢާރަފު ކޮށްދެއްވީ އަޅުގަނޑުމެންގެ ދުރުވިސްނަވާ ލީޑަރު އަދި ދިވެހިރާއްޖޭގެ މިދައުރުގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. އެމްޑީޕީގެ ވެރިކަމުގައެވެ. މިއަކީ ދޮގުކުރެވޭނެ ވާހަކައެއް ނޫނެވެ. ނަމަވެސް ބާޣީ އިއްތިހާދުން މިއަދު އެގެންދަނީ މިކަން ހުއްޓުވާލައި ރައްޔިތުން އަނެއްކާވެސް ރަށުބަންދަށް އަނބުރައި ގެނެވޭނެ ހުރިހައި ރޭވުމެއް ރާވަމުންނެވެ. ރަށްޔަތުން ވިސްނައި ހޭލައި ތިބޭށެވެ.