ވޯޓަކުން ނޫން ގޮތަކަށް ރައްޔިތުންގެ ބާރުވެރިކަން ނުދާނެ ގޮތަކަށް ކަންތައްތައް އިންތިޒާމް ކުރަންޖެހޭ ކަމަށް މާރިޔާ ވިދާޅުވެއްޖެ

ވޯޓަކުން ނޫން ގޮތަކަށް ރައްޔިތުންގެ ބާރުވެރިކަން ނުދާނެ ގޮތަކަށް ކަންތައްތައް އިންތިޒާމް ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލާ އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ފެބްރުއަރީ 7 ވަނަ ދުވަހު ރާއްޖޭގައި ކުރި ބަޣާވާތް ހިނގައިދިޔަގޮތް އިތުރަށް އޮޅުން ފިލުވުމަށް އެމްޑީޕީން ފަށާފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު މެންދުރު މާލޭ ސިޓީ ހޯލުގައި އެމްޑީޕީން ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން މާރިޔާ ވިދާޅުވީ ރައްޔިތުންގެ ވޯޓަކުން ނޫން ގޮތަކަށް ރާއްޖޭގެ ވެރިކަން ބަދަލުވެގެން ނުވާނޭ ކަމަށެވެ. ރާއްޖޭގެ ޤާނޫނު އަސާސީން ބަޣާވާތަކަށް ތަންނުދޭ ކަމަށާއި، ޤާނޫނު އަސާސީ ތަންދެނީ ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް އޮތުމަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ޑިމޮކްރެޓިކް ވެރިކަމުގެ މައިގަނޑު އަސާސަކީ އިންތިޚާބަކުން ވެރިއަކު އައްޔަންކުރުންކަން ވެސް މާރިޔާ ފާހަގަކުރެއްވިއެވެ.

އެމްޑީޕީން ފަށާފައިމިވާ މަސައްކަތުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބަޣާވާތް ރާވައި ހިންގީ ކޮން ބައެއްތޯ ބަލައި، އެބަޔަކު އިންސާފުގެ ކުރިމަށްޗަށް ގެންދިއުން ކަމަށް މާރިޔާ ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގައި ޒަމާނުއްސުރެ އަށަގެންފައިވާ ބަޣާވާތްކޮށްގެން ވެރިކަން ބަދަލު ކުރުމުގެ ސަގާފަތް ނައްތާލައި، ވޯޓަކުން ނޫން އެހެން ގޮތަކުން ވެރިޔަކު އިންތިޚާބު ނުކުރެވޭނޭ ގޮތް ހެދުމަކީ ވެސް އެމްޑީޕީން ފަށާފައިމިވާ މަސައްކަތުގެ މުހިންމު ބޭނުމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެމްޑީޕީއަކީ އަބަދުވެސް އިންސާނީ ޙައްގުތަކަށް ވަކާލާތުކުރާ އަދި މިނިވަން އިންސާފުވެރި އިންތިޚާބުތަކަށް ތާޢީދުކުރާ ޑިމޮކްރަސީގެ ހަމަތަކަށް ލޯބިކުރާ ޕާޓީއެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ޕާޓީއަކީ އެއް ޕާޓީއެއްގެ ގޮތުގައި ނިކުމެ އެހެން ހުރިހާ ސިޔާސީ ޕާޓީތަކާ ވާދަކުރެވޭފަދަ، އެހެން ޕާޓީތަކުން ޖެހިލުންވާ ފަދަ ޕާޓީއަކަށްވަނީ ވެފައެވެ.