ޝާހިދުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް އެމްޑީޕީން ގަރާރެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްޢަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.

އެމްޑީޕީން ޝާހިދުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ގަރާރެއް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ބޮޑެތި ބައެއް މައްސަލަތައް ޕާޓީތަކާ މަޝްވަރާކުރެއްވުމެއް ނެތި ޝާހިދު އަމިއްލަފުޅަށް ނިންމަވަމުން ގެންދަވާތީ އެވެ.

” ..މިފަދަ ނިންމުންތައް އަމިއްލަފުޅަށް ނިންމާ، މަޖިލީހުގެ ގަވާއިދުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުމަށް ފެނިވަޑައިގަތުމުން އެމާއްދާއަކަށް ޢަމަލުކޮށް، އަނެއް މާއްދާއަށް ޢަމަލުނުކުރުމަކީ މަޖިލީހުގެ ރައީސްގެ އަމިއްލަފުޅުކަމަކަށް ހެއްދެވުމަކީ، މަޖިލީހުގެ ގަވާއިދުގެ ހުރުމަތް ކެނޑި، މެންބަރުންގެ ބާރު ކެނޑި، މިނިވަން ޑިމޮކްރެޓިކް އަދި މަލްޓި ޕާޓީ ސިސްޓަމެއްގައި އެފަދަ މަޤާމެއްގައި ހުންނަވާ ބޭފުޅަކު ކުރެއްވުން ކުފޫ ހަމަވެގެންވާކަމެއްކަމަށް ޤަބޫލުނުކުރެވޭތީއާއި އަދި މިފަދަ ގޮތަކަށް ޢަމަލުކުރުމަށް މަޖިލީހުގެ ރައީސަށް ފުރުސަތުދެވިއްޖެ ނަމަ އެގާއިމުކުރެވެނީ އަންޑިމޮކްރެޓިކް ހުދުމުހުތާރު ޕްރީސިޑެންޓެއްކަމަށް ވާތީ މަޖިލީހުގެ ޤަވާއިދުގެ ދަށުން، މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅުމަށް” އެމްޑީޕީން މިއަދު ހުށަހެޅި ގަރާރުގައި ވެއެވެ. .

މި ގަރާރުގައި އެމްޑީޕީގެ 27 މެންބަރަކު ވަނީ ސޮއިކުރައްވާފައެވެ. މި ގަރާރުގައި އެމްޑީޕީގެ ބައެއް މެންބަރުންނަށް ސޮއިނުކުރެވިވަނީ ބައެއް މެންބަރުން ރާއްޖެއިން ބޭރުގައި ވަޑައިގެން އުޅުއްވާތީ އާއި، މެންބަރުންނާ ގުޅޭ ގޮތް ނުވެގެން ކަމަށް ގަރާރު ހުށަހެޅުއްވުމުގައި އިސްކޮށް އުޅުއްވި މެންބަރަކު ވިދާޅުވިއެވެ.