އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމަށް ކުރިމަތިލެއްވި ޝަރުތުހަމަވާ ހަމައެކަނި ކެންޑިޑޭޓަކީ މޫސަ – އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލިސް

އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމަށް ކުރިމަތިލެއްވި ޝަރުތުހަމަވާ ހަމައެކަނި ކެންޑިޑޭޓަކީ އެ ޕާޓީގެ ޗެއަރޕާސަން ކަމުގެ މަސްއޫލިއްޔަތު މިހާރު ވެސް އަދާކުރައްވަމުން ގެންދަވާ ރީކޯ މޫސާ މަނިކު ކަމަށް އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ. މި ގޮތަށް ނިންމީ މިއަދު ބޭއްވި އެ މަޖިލީހުގެ ބައްދަލުވުމުންނެވެ.

މި ބައްދަލުވުމުގައި ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލުމަށް އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ މޫސާ މަނިކާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހަންމަދު ނަޝީދުގެ އެޕްލިކޭޝަން ދިރާސާ ކުރުމަށް ފަހު އެ ކޮމިޓީން ނިންމާފައިވަނީ މުޙަންމަދު ނަޝީދު ކާނަލްގެ ނަމުގައި ހުށަހަޅުއްވާފައިވާ އެޕްލިކޭޝަން ހުށަހަޅާފައިވަނީ އޭނާ ނޫން ކަމަށް ކާނަލް ވިދާޅުވެފައިވާތީ އާއި، ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅުއްވަން ޖެހޭ 300 ތާޢީދު ފޯމު ކާނަލްގެ ނަމުގައި ހުށަހަޅުއްވާފައިވާ އެޕްލިކޭޝަނާއެކު ލިބިފައި ނުވާތީ އެ އެޕްލިކޭޝަން ބާޠިލް ކުރުމަށެވެ. އެހެން ކަމުން އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ހަމައެކަނި މިހާރުގެ ޗެއަރޕާސަން މޫސާ މަނިކު ކަމަށް އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން މިއަދު ވަނީ ނިންމާފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރީކޯ މޫސާ މަނިކު 900 އަށް ވުރެ ގިނަ ސައްޙަ ތާޢީދު ފޯމު ހުށަހެޅުއްވި ނަމަވެސް ކާނަލްގެ ނަމުގައި ހުށަހަޅުއްވާފައި ވަނީ ސައްޙަ 97 ފޯމެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި، ޗެއަރޕާސަން އަދި ޗެއަރޕާސަން ނައިބު އިދާރީ އާއި ބައެއް ދާއިރާތަކުގެ ރައީސުންނާއި ނާއިބު ރައީސުން އިންތިޚާބުކުރުމަށް އެމްޑީޕީން ބާއްވާ، އެމްޑީޕީ އިންތިޚާބު 2012 ބޭއްވުމަށް ހަމަޖެހިފައިވަނީ 2 ޖޫން 2012 ވާ ހޮނިހިރު ދުވަހުއެވެ.