ބަޣާވާތް ގެނައި ދުވަހު ހުންނެވީ މަރުގެ މިޔަމަތީގައި ކަމަށާއި، އެދުވަހު އެމަނިކުފާނު ހަވަރަށް ދޭން އުޅުނު ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

raees-press-conference-06-03-12-450-x-338

ދިވެހި ފުލުހުންނާއި ސިފައިންގެ މަދު ބަޔަކު ވެގެން ބަޣާވާތް ގެނައި ދުވަހު ރައީސް ނަޝީދު ހުންނެވީ މަރުގެ މިޔަމަތީގައި ކަމަށާއި، އެދުވަހު އެމަނިކުފާނު ހަވަރަށް ދޭން އުޅުނު ކަމަށް ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭ ވީއައިޕީ ރޫމްގައި އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް ނަޝީދު ވިދާޅުވީ ބަޣާވާތް ގެނައި ދުވަހު އެމަނިކުފާނު ހަވަރަށްދޭން ބަޣާވާތްކުރި މީހުންގެ ތެރެއިން ބަޔަކު ރާވައި، ފާޅުގައި އެހެން ގޮވަމުން ދިޔަ ކަމަށާއި، އެކަން ކުރީގެ ނައިބު ރައީސް އަދި މިހާރުގެ ބާޣީ ރައީސް ވަހީދަށް ރަގަޅަށް އެނގިވަޑައިގަންނަވާނޭ ކަމަށެވެ. އަދި ބާޣީ ރައީސް އަށް އެކަން އެނގިވަޑައިނުގަންނަވާ ކަމަށް އެ ވިދާޅުވާ ވިދާޅުވުމަކީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑު ޑރ.ވަޙީދާ ގުޅަން މަސައްކަތްކުރިން، ކެބިނެޓާ އެކު ވަޙިދާ ބައްދަލުކުރަން މަސައްކަތްކުރިން. މަޖިލިސް ޝާހިދު ހުންނެވީ ޑިފެންސަށް އައިސް ބައްދަލުކުރާ ގޮތަށް ވެސް މެ. އެ ފުރުޞަތު އަޅުގަނޑަށް ނުދިނީ. ހަމަމިއާއެކު އުއްތަމަ ފަނޑިޔާރާވެސް ބައްދަލުކުރަން ފުރުސަތު ނުދިން އެވަގުތު އެތާ ތިއްބެވި އެއްވެސް ފަރާތަކުން. އަޅުގަނޑު އެވަގުތު ހުރީ މަރުގެ މިޔަމަތީގައި. ހުރިހާ ކަމެއްވެސް މިނިވަން ތަޙްގީގަކަށްފަހު އެނގި ސާފްވާނެ.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ބައިނަލްއަޤްވާމީ ތަޙްގީގުކުރާ ޓީމަކުން މި ބަޣާވާތް ތަހުގީގުކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި ހަމަ މިފަދަ ފަރާތެއް މެދުވެރިކޮށްގެން ޝަރީޢަތްކުރުމަށް ވެސް ވިސްނަވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެފަދަ ތަޙްގީގެއް ފަށާތާ 1 މަސްދުވަހުގެ ތެރޭގައި ނިމޭވަރުވާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މި ތަޙްގީގަކީ ދިވެހި ރައްޔިތުންނަށްޓަކައި ކުރާ ތަޙްގީގެއް ކަމަށާއި، ތަހުގީގު ނިމުމުން ހުރިހާ މައްސަލައެއް ސާފުވެ، ހުރިހާ ސުވާލަކަށް ޖަވާބު ލިބޭނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ހުރިހާ ކަމެއް ވެސް ވެ ދިޔައީ ގިނަ ބައެއްގެ ކުރިމަތީގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ފެބްރުއަރީ 7 ވަނަ ދުވަހު ކުރެވުނީ ބަޣާވާތެއް ކަމަށާއި، އެ ހަގީގަތް އެނޫން ގޮތަކަށް ފުރޮޅާލެވޭނޭ ހަމަ އެއް ގޮތެއް ވެސް ނެތް ކަމަށް ރައީސް ނަޝީދު މިރޭ ވިދާޅުވިއެވެ.

މި ނޫސް ކޮންފަރެންސަށް ފަހު، އިންސާފުގެ މައިދާނަށް ވަޑައިގެން އެ މައިދާނުގައި ރައީސް ނަޝީދު ވަނީ ޒުވާނުންގެ ޖަގަހަ ހުޅުއްވައިދެއްވާފަ އެވެ.