ކުރު ޚަބަރު: އެމްޑީޕީ ގެ ތަރުޖަމާން އިމްތިޔާޒް ފަހުމީ ރޭ 7.00 ގައި ދެއްވި ޕްރެސް ކޮންފަރެންސް

22 ފެބްރުއަރީ 2012، (ބުދަ) ރާޅުގަޑު، މާލެ؛

1. އެމްޑީޕީގެ ރިޔާސީީ ޕްރިއިމަރީ އަށް ރައީސްނަޝީދު ކުރިމަތިލައްވައިފި؛ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީސް އަށް ކުރިމަތިލާ ފަރާތްތަކަށްް ފުރުޞަތު ހުޅުވާލުމާއި ގުޅިގެން މިހާތަނަށް ސިޓީ ފޮނުއްވާފައިވަނީ ހަމައެކަނި ގ. ކެނެރީގޭ އަލްފާޟިލް މުހައްމަދު ނަޝީދުއެވެ. އިންތިޚާބަށް ކުރިމަތިލައްވާ ފަރާތްތަކުން، ސިޓީ ހުށަހެޅުއްވުމަށްފަހު، 28 ފެބްރުއަރީ 2012ގެ ކުރިން 300 މީހުންގެ ސޮއެ ހުށަހަޅަން ޖެހެއެވެ.

2. ބަގާވާތް ހިންގި ފަރާތުން ބަގާވާތް ތަހުގީގުކުރުމަށް ކޮމިޝަނެއް އުފައްދަވައިފި؛ 14 ޖެނުއަރީން 8 ފެބްރުއަރީ 2012ގެ ނިޔަލަށް ހިނގި ޙާދިޘާތައް ތަޙްޤީޤް ކުރުމަށް ކަމަށް ބުނެ މިވަގުތު ދަޢުލަތް ހިންގެވުމުގެ ބާރުތަކާއި ޙަވާލުވެގެން ތިއްބެވި ފަރާތްތަކުން އެކުލަވާލައިފައިވާ ‘ކޮމިޝަން އޮން ނެޝަނަލް އިންކުއަރީ’ އަކީ މި ޕާޓީން ދެކޭ ގޮތުގައި މިނިވަން ކޮމިޝަނެއް ކަމުގައި ބެލޭނެ އެއްވެސް ޖާގައެއް ނެތެވެ. އެމް.ޑީ.ޕީ. ގޮވާލައިފައިވަނީ މި ތަޙްޤީޤަކީ އިންސާފުވެރި ތަޙްޤީޤަކަށް ހެދުމަށްޓަކައި ކޮންމެހެން ކަމާބެހޭ ބޭރުގެ ފަރާތްތައް ހިމަނަށް ޖެހޭނެ ކަމަށެވެ. އަދި ތަޙްޤީޤް ކުރަން ޖެހޭ ކަމަށް ބުނެފައިވާ މުއްދަތަކީވެސް އެމް.ޑީ.ޕީ. ދެކޭ ގޮތުގައި 7 ފެބްރުއަރީ 2012ގައި ހިންގުނު ބަޣާވާތާއި އެއާއި ގުޅިގެން ހިނގުނު ލާއިންސާނީ ޖަރީމާތަކުގެ ތަޙްޤީޤެއް ހިނަގުމަށްޓަކައި އެންމެ އެކަށީގެންވާ މުއްދަތެއް ނޫންކަމާއި އަދި މި ބަޤާވާތާއި 16 ޖެނުއަރީ 2012ގެ ކުރިން ހިނގި އެތައް ކަމަކާއި ގިނަ ގުޅުންތަކެއް އެބަހުރި ކަމުގައި މި ޕާޓިން ދެކެމުއެވެ.

މިހާރު އެކުލަވާލައިފައިވާ ‘ކޮމިޝަން އޮން ނެޝަނަލް އިންކުއަރީ’ ގައި ހިމެނި ވަޑައިގަންނަވާ ފަރާތްތަކަކީ އަލްފާޟިލް އިސްމާއިލް ޝަފީޢު، އަހްމަދު މުޖްތަބާ، އަދި ޑރ. އިބްރާހިމް ޔާސިރެވެ.

އިސްމާއިލް ޝަފީއުއަކީ މާފުށީ ޖަލުގައި ސިފައިންގެ އަނިޔާވެރިކަމުގައި މަރާލެވުނު މ. އޭސިއާ އީވަން ނަސީމްގެ މަރުގެ ޙާދިޘާ ހިނގި ދުވަހު ކުރީގެ ސަރުކާރުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ މަޤާމްގައި ހުންނެވި ފަރާތެކެވެ. އަދި އޭގެ ފަހުން ހަމަ ފުލުހުންގެ ބެލުމުގެ ދަށުގައި މަރުވެފައިވާ ހުސެން ސޮލާޙްގެ މަރުގެ ޙާދިޘާ ހިނގިއިރު، އޭނާ ހުންނެވީ މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމުގައެވެ.

އަހްމަދު މުޖްތަބާ އަކީ އީވަން ނަސީމްގެ މަރުގެ ތަޙްޤީޤް ކުރުމަށްޓަކައި އެކުލަވާލެވުނު ކޮމިޝަނުގައި ހިމެނުނު ފަރާތެކެވެ.

އެމް.ޑީ.ޕީ.ން ގޮވާލާފައިވަނީ ރައްޔެތުންވެސް އަދި ދުނިޔެވެސް ޤަބޫލު ކުރާނެ ފަދަ އިންސާފުވެރި ތަޙްޤީޤެއް ހިންގުމަށެވެ. އަދި މިރޭ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕުން (ސީ.އެމް.އޭ.ޖ.ީ) ނެރެފައިވާ ބަޔާނުގައިވެސް މިވާހަކަތައް ތަކުރާރު ކޮށްފައި ވެއެވެ. މިމަހުގެ 17 އިން 19 އަށް ރާއްޖެއަށް ޒިޔާރަތްކުރި 3 މިނިސްޓަރުންގެ ޓީމުގެ ރިޕޯޓަށް ބިނާކޮށް، މި ބަޔާނުގައި ވަނީ:
“…ރާއްޖެއަށް ކުރި ޒިޔާރަތުގެ ރިޕޯޓާއި އަދި މިހާތަނަށް ލިބިފައިވާ މަޢްލޫމާތަށް ބަލައި، 7 ފެބްރުއަރީ 2012 ގައި ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވީ ރާއްޖޭގެ ޤާނޫނު އަސާސީގައިވާ ހަމަތަކުގެ މަތީން ތޯ ކަށަވަރު ނުކުރެވޭ ކަމަށެވެ. އަދި މި ގްރޫޕުގެ ހުރިހައި މެމްބަރުންވެސް އެއްބަސް ވެލެއްވީ އަދި އެދެނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 6 އާއި 7ގައި ދިވެހިރާއްޖޭގައި ހިނގާ ދިޔަ ކަންތައްތައް، ވީ އެންމެ ދެފުށް ފެންނަ ގޮތެއްގައި، އިންސާފުވެރިކޮށް، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ތަޙްޤީޤްކޮށް ނިންމުމަށެވެ. އަދި މިގޮތުން، 21 ފެބްރުއަރީ 2011ގައި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެކުލަވާލާފައިވާ 3 މެމްބަރުންގެ ކޮމިޝަނަކީ ކުރިން މިދެންނެވި ފަދަ އިންސާފުވެރި ތަޙްޤީޤެއް ހިންގޭނެ ކޮމިޝަނެއް ކަމުގައި ނުދެކޭ ކަމާއި އަދި ދިވެހި ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާއިވެސް އެކުގައި، މި ތަޙްޤީޤް ކުރުމުގައި، ކަމާއި ގުޅުން ހުރި ބައިނަލް އަޤްވާމީ ފަރާތްތައްވެސް ހިމެނުމަށް، މި ގްރޫޕުގެ މެމްބަރުން އެދިވަޑައިގަނެއެވެ.”

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕުން ރާއްޖެއަށް ޒިޔާރަތްކުރި 3 މެމްބަރުންގެ ވަފްދުގައި ހިމެނުނީ ޓްރިނިޑޭޑް އެންޑް ޓޮބޭގޯގެ މިނިސްޓަރ ފޮރ ފޮރިން އެފެއަރސް އެންޑް ކޮމިއުނިކޭޝަންސް ހޮނަރަބަލް ޑރ. ސުރުޖްރަތަން ރަމްބަޗަން، ބަންގްލާދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއަރސް ހޮނަރަބަލް ޑީޕޫ މޯނީ، އަދި އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއަރސް އެންޑް ޓްރޭޑްގެ ސެކްރެޓަރީ މރ. ޑެނިސް ރިޗަރޑްސަން އެވެ.

3. ސިވިލް ސާވިސްގެ މަސައްކަތު ގަޑިއަށް ބަދަލު ގެނައުން؛ މިވަގުތު ސަރުކާރު ހިންގުމުގެ ބާރުތަކާއި ހަވާލުވެ ތިއްބެވި ފަރާތްތަކުން، ދިވެހި ސިވިލް ސަރވަންޓުން މަސައްކަތް ކުރާ ގަޑިތަކަށް ބަދަލު ގެނައުމަކީ، އެމް.ޑީ.ޕީ.ން ދެކޭ ގޮތުގައި ދައުލަތުގެ ޚަރަދު ކުޑަކޮށް އުފެއްދުން ތެރިކަން އިތުރު ކުރުމަށްޓަކައި، ބައިނަލް އަޤްވާމީ އެހީ ފޯރުކޮށްދޭ ފަރާތްތައް ކަމުގައިވާ އައި.އެމް.އެފް. އާއި އޭ.ޑީ.ބީ. ފަދަ މުހިންމު މުއައްސަސާތަކުގެވެސް މަޝްވަރާއާއި އެކުގައި ކުރެވުނު މަސައްކަތްތަކެއްކަން މި ވަގުތު މި ޕާޓީން ފާހަގަ ކުރަމެވެ. 2008ގެ ނޮވެމްބަރުގައި އެކުލަވާލެވުނު އެމް.ޑީ.ޕީ. އިއްތިޙާދުގ ގުޅިފައިވާ ކޯލިޝަންގެ ސަރުކާރުން ސިވިލް ސަރވަންޓުންގެ މަސައްކަތުގެ ގަޑިއަށް ބަދަލު ގެނެސްފައިވާނީ، ދައުލަތުގެ ޚަރަދު ކުޑަކޮށް އުފެއްދުން ތެރިކަން އިތުރު ކުރުމުގެ މަޤްޞަދުގައެވެ. އަދި ކުރިން އޮތް ގޮތަށް ގަޑިތައް ބަދަލު ކުރުމުން، ސަރުކާރުގެ އުފެއްދުންތެރިކަން ދަށްވެ، ރައްޔެތުނަށް ދޭން ޖެހޭ ޚިދްމަތްތައް ދިނުމުގައި އިތުރަށް ލަސްވުމާއި، އޯވަރޓައިމްގެ ގޮތުގައި، ސިވިލް ސަރވަންޓުންނަށް ދޭ ފައިސާގެ އަދަދު އެތައްތަނަކުން އިތުރު ވެގެން ދާނެ ކަމުގައި މި ޕާޓީން ދެކެމުއެވެ. އަދި މިހާރު ސަރުކާރު ހިންގާ ފަރާތްތަކުން މިގެންނަ ބަދަލު ގެންނަ ސަބަބެއް ޢާންމުންނަށްވެސް، އަދި ސިވިލް ސަރވަންޓުންނަށްވެސް ހާމަކޮށްދީފައި ނުވާ ކަން މި ޕާޓީން ފާހަގަ ކުރަމެވެ.

4. ޝަރުއީ ދާއިރާއިން ކަންތައްތައް ކުރާގޮތާއި މެދު ކަންބޮޑުވުން؛ މިދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ރާއްޖޭގެ ކޯޓުތަކުން ކޮށްފައިވާ ބައެއް ޙުކުމް ތަކާއިމެދު އެމް.ޑީ.ޕީ.ން ކަންބޮޑުވެއެވެ. މިގޮތުން، ކުރީގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަނުގެ ޢަމަލުތަކެއްގެ މައްސަލަތަކެއްގައި ޝަރީޢަތަށް ހުށަހެޅިފައިވާ މުލަކު ދާއިރާގެ ރައްޔެތުންގެ މަޖިލީހުގެ މެމްބަރު އަހްމަދު ނާޒިމުގެ މައްޗަށް އެއްވެސް ދައުވާއެއް ކުރެވޭނެތަނެއް ނެތް ކަމަށް އިއްޔެގައި ވަނީ ކޯޓުން ނިންމާފައެވެ. އަދި މީގެ އިތުރުން، މަޖިލިސްގައި އެމް.ޑީ.ޕީ. ތަމްޘީލް ކުރައްވާ ތިމަރަފުށީ ދާއިރާގެ މެމްބަރުގެ މައްސަލައެއް ނިންމާ އޭނާގެ މައްޗަށް ވަނީ މިދިޔަ ހޯމަ ދުވަހު ޙުކުމް ކުރައްވާފައެވެ. އަދި މިކަމުންވެސް ދޭހަ ވަނީ މި ގެނެވުނު ބަޤާވާތުގައި އެމް.ޑީ.ޕީ.ގެ ހުރިހައި މެމްބަރުންގެ ‘ދުވަސް ދުއްވާލުމަށް’ މަސައްކަތް ކުރެވި އަދިވެސް ކުރެވެމުން ދާ ކަމުގައި މި ޕާޓީން ދެކޭ ކަމުގައިވެސް ބަޔާން ކުރަމުއެވެ.

5. އަންހެނުންގެ ރޫހް އާ ޖޯޝަކާއި އެކު ނުކުތުން؛ ޕާޓީގެ ފަރާތުން ކުރަމުންދާ ‘އިންސާފުގެ ދަތުރު’ އަވަސް ކުރުމުގެ ގޮތުން އެމް.ޑީ.ޕީ.ގެ އަންހެނުންގެ ރޫޙުގެ ފަރާތުން ވަނީ 21 ފެބްރުއަރީ ވަނަ ދުވަހުގެ ރޭ މުހިންމު ނިންމުމެއް ނިންމާފައެވެ. މި ޑިކްލަރޭޝަނުގައި އިންތިޚާބުގެ ތާޜީޚެއް އިޢްލާނު ކުރަންދެން، އިހްތިޖާޖުގައި ބައިވެރިވާނެކަމުގައި ނިންމާފައިވެއެވެ. އަދި ރައްޔެތުންގެ ވޯޓަކާއި ނުލާ ވެރިކަން ބަދަލު ވާނެ ކަމުގައި ޤަބޫލު ނުކުރާކަމަށް، އަދި ‘އެމީހުން އެތިބީ ކުށްވެރިވެފައި ކަމުގައި’ އަންހެނުންގެ ރޫޙުން ތަކުރާރުކޮށް ގޮވާލާފައިވެއެވެ.

6. އިންތިހާބުގެ ތާރީޙެއް ކަނޑައެޅުން؛ މަޖިލިސްގައި ނުވަތަ ކައުންސިލްތަކުގައި މެމްބަރުން ތަމްޘީލް ކުރާ ޕާޓީތަކާއެކު މިއަދު އެމް.ޑީ.ޕީ. ވަނީ މަޝްވަރާ ކުރަން ފަށާފައެވެ. އަދި 21 ވަނަ ދުވަހު މަޝްވަރާތަކުގައި އެމް.ޑީ.ޕީ.ން ބައިވެރި ނުވިކަމަށް ޑރ. ވަހީދު ހަސަން މަނިކުގެ ފަރާތުން ޚަބަރު ފަތުރާފައިވާއިރުގައި، މިއީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކައެއް ކަމުގައިވެސް ދަންނަވަމެވެ. އެމް.ޑީ.ޕީ.ން ދެކޭ ގޮތުގައި، އިންތިޚާބުވެފައި ރައްޔެތުންގެ މަޖިލިސް ނުވަތަ އެއްވެސް ކައުންސިލެއްގައި މެމްބަރަކު ނުހިމެނޭ ޕާޓީއަކީ ޑިމޮކްރެޓިކް ހަމަތަކުން ބަލާއިރުގައި ރައްޔެތުން ތަމްސީލް ކުރާ ޕާޓީތަކެއްގެ ގޮތުގައި ބެލެވޭނެ ޖާގައެއް ނެތެވެ.

7. ރައީސް ނަޝީދު އައްޑުއަށް ކުރައްވާ ދަތުރު އަދި ކޮންމެ ދުވަހަކު ޤައުމާއި މުޚާތަބް ކުރެއްވުން؛ ރައީސް ނަޝީދު ވަނީ އިއްޔެ ހެނދުނުވެސް ޤައުމާއި މުޚާތަބް ކުރައްވާ ހެންވޭރު ލޮނުޒިޔާރަތްކޮޅު ސަރަޙައްދުގައި ކުރިއަށްދާ ‘އިންސާފުގެ ދަތުރު’ގައި ވާހަކަ ދައްކަވާފައެވެ. އަދި މިއަދު މެންދުރު އެމް.ޑީ.ޕީ.ގެ ޑެލިގޭޝަނަކާއިއެކު ރައީސް ނަޝީދު އައްޑު ސިޓީއަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ. އިއްޔެ ދެއްކެވި ވާހަކަ ފުޅުގައި، މި ރާއްޖެއަށް ދިމާވި ފަދަ ޙާދިޘާތަކެއް ދިމާވި އެހެން ޤައުމެއް ކަމުގައިވާ އީސްޓް ޓީމޯރގެ ރައީސް ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވާ ރައީސް ނަޝީދުއާއި ހިއްޞާ ކުރައްވާފައިވާ ބައެއް ވާހަކަތައް ވެސް އެ ސަރަޙައްދުގައި ތިއްބެވި އާންމުންނާއި އަދި އެމް.ޑީ.ޕީ.ގެ މެމްބަރުންނާއި އެމަނިކުފާނު ހިއްސާ ކުރެއްވިއެވެ. އަދި މިކަމުން ދިވެހިންނަށް ގިނަ ފިލާވަޅުތަކެއް ލިބިގަނެވިދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.