އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް މިރޭ ދަރުބާރުގޭގައި އޮންނާނެ

dharubaaruge-10-02-12-572

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޚާއްސަ ޖަލްސާ އެއް މިރޭ ދަރުބާރުގޭގައި އޮންނާނެއެވެ.

މިރޭ 9 ޖަހާއިރު، ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި ފަށާ މި ޖަލްސާއަށް އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، އެ ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ އަދި ރާއްޖެއަށް ގެނެސްފައިވާ ބަޣާވާތާއި ދެކޮޅު ހުރިހާ ފަރާތްތަކުން ހާޒިރުވެވަޑައިގެން ދެއްވުމަށް އެމްޑީޕީން އެދެއެވެ.

ކުއްލި ބަޣާވާތަކުން ރާއްޖޭގެ ޑިމޮކްރެޓިކް ވެރިކަން ވައްޓާލި ފަހުން އެމްޑީޕީން މިހާތަނަށް ވަނީ ވަރަށް ފޯރިގަދަ 3 ޖަލްސާ ބާއްވާފައެވެ.

ކުއްލި ބަޣާވާތަކުން ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާދެއްވަން މަޖުބޫރު ކުރުވައި، އެމަނިކުފާނު އިސްތިޢުފާދެއްވި ފަހުން އެމްޑީޕީގެ މަޤްބޫލުކަން މާލެ އާއި އަތޮޅުތަކުގައި ވަރަށް ބޮޑަށް އިތުރުވަމުންދާ ކަން ފާހަގަކުރެވެއެވެ. އެ ގޮތުން ދަރުބާރުގޭގައި ބޭއްވި ޖަލްސާތަކަށާއި، ރޭ އާރޓިފިޝަލް ބީޗް ގައި ބޭއްވި ޖަލްސާ އަށް ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވިއެވެ.