ރާއްޖެ ފަސާދަކުރުމަށް މާތްވެގެންވާ އިސްލާމްދީން ސިޔާސީ ހަތިޔާރެއް ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށް ތ.ދިޔަމިގިލީ ކައުންސިލުން ގޮވާލައިފި

އިބްރާހީމް ރާމިޒް

ޝަރުޢީ ނިޒާމް ހަމަމަގަށް އެޅުވުމަށް ސަރުކާރުން ކުރަމުން ގެންދަވާ މަސައްކަތަށް ތާއިދުކުރާ ކަމަށާއި،
އިދިކޮޅު ފަރާތްތަކުން މި ރާއްޖެ ފަސާދަކުރުމަށް މާތްވެގެންވާ އިސްލާމްދީން ސިޔާސީ ހަތިޔާރެއް ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށް ތ.ދިޔަމިގިލީ ކައުންސިލުން ގޮވާލައިފިއެވެ.

“ސުލްޙަވެރި މުޒާހަރާގެ ނަމުގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން މާލެތެރޭގައި މިހާރު ބާއްވަމުން ގެންދާ އެއްވުންތަކުގައި ސަރުކާރުގެ އަދި އަމިއްލަ ފަރާތްތަކުގެ މުދަލަށް ގެއްލުން ދެމުން ގެންދިއުމަކީ ދިވެހިޖުމްހޫރިއްޔާ ޤާނޫނު އަސާސީއާއި ޤާނޫނު ތަކާއި، މާތްވެގެންވާ އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ އިމުގެ ބޭރުން، އިދިކޮޅު ފަރާތްތަކުން ހިންގަމުންދާ ނޭއްގާނީ ޖަރީމާއެއްކަން ފާހަކޮށް މިކައުންސިލުން އެކަންކަން ކުއްވެރިކުރާ ހާލު އެފަދަ ޖަރީމާތައް ހިންގުން މިހިނދުން މިހިނދަށް ހުއްޓާލުމަށް ގޮވާލަމެވެ.” ދިޔަމިގިލީ ކައުންސިލުން ނެރުނު 2 ސޮފްހާގެ ބަޔާނުގައިވެއެވެ.
ޝަރުޢީ ނިޒާމް ހަމަމަގަށް އެޅުވުމަށް ސަރުކާރުން ކުރަމުން ގެންދަވާ މަސައްކަތް ހުއްޓުވުމަށް އިދިކޮޅުފަރާތްތަކުން މަސައްކަތްކުރަމުން ގެންދަނީ މިގައުމުގައި ކުރިން ވެރިކަންކުރި ހުދުމުޙްތާރު ވެރިޔާގެ ދިގު 30 އަހަރުގެ ވެރިކަމުގައި ކޮށްފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި ހިންގާފައިވާ ޖަރީމާތައް ފޮރުވުމަށް ކަމަށް ވެސް ދިޔަމިގިލީ ކައުންސިލުން ބުނެއެވެ.
އަދި ރައީސް ނަޝީދުގެ ވެރިކަމުގައި، މިގައުމުގައި ކުރިން ވެރިކަންކުރި ހުދުމުޙްތާރު ވެރިޔާގެ ދިގު 30 އަހަރުގެ ވެރިކަމުގައި ލިބެންނެތް، އިންސާނީ އަސާސްތައް ލިއްބައިދީ، ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގެ އިތުރުން މިވީ މަދު ދުވަސްކޮޅު ތެރޭގައި ރާއްޖޭގެ ރަށްތަކަށް ގެނުވި ތަރައްޤީގެ ބޮޑު މަންޒަރުތައް ފެނުންމިވީ، ވެރިކަން ބޭނުންވެގެން ނުކުމެތިބި އިދިކޮޅު ފަރާތްތަކުގެ ހިތްތަކަށް ކެތްނުކުރެވިގެން ދިޔަ ކަމެއް ކަމުގައި ވެސް ދިޔަމިގިލީ ކައުންސިލްގެ ބަޔާނުގައި ވެއެވެ.
“މިހެން މިކަން ހިނގަ ހިނގައި އޮއްވައި، އިދިކޮޅު ފަރާތްތަކުން މި ރާއްޖެ ފަސާދަކުރުމަށް މާތްވެގެންވާ އިސްލާމްދީން ހިތުހުރި ގޮތަކަށް ހަތިޔާރެއް ކަމުގައި ބޭނުންކޮށް، ގާނޫނު ފުރަގަހުން މާނަކޮށްގެން ޝަރުޢީ ނިޒާމް ފުނޑު ފުނޑުކޮށްލުމަށް ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ގޮވާލަމަވެ.ކަންމިހެން އޮތުމާއި އެކު، ޝަރުޢީ ނިޒާމް ހަމަ މަގަށް އެޅުވުމަށްޓަކައި އެޅެންހުރި އެންމެހާ ފިޔަވަޅުތައް އަޅައިދެއްވައި، ދިވެހިރައްޔިތުންނަށް ޝަރީޢަތުގެ އިތުބާރު ހޯއްދަވައިދެއްވުމަކީ މަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމުގައި މި މިއިދާރާއިން ޤަބޫލްކުރަމެވެ.” ދިޔަމިގިލީ ކައުންސިލުގެ ބަޔާނުގައި ވެއެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާއި ސަރުކާރަކީ ލާދީނީ ބައެއްކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުން އެެެކައުންސިލުން ކުށްވެރިކުރާ ކަމަށާއި، ސަރުކާރާއިމެދު ސާބިތު ނުހިފޭ ދޮގުވާހަކަތައް ފަތުރައި ރައްޔިތުންގެ މެދުގައި ސަރުކާރާއިމެދު ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ފަރާތްތައްބަލައި ޙައްޤު އަދަބު ދިނުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށާއި، އަދި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ގައުމުގައިވާ ހަމަޖެހުން ނަގާލާ މިގައުމުގައި ހަލުވިކަމާއި އެކު ކުރިޔައްދާ ތަރައްގީގެ ޕްރޮގްރާމްތަކާއި ، ރައްޔިތުންނަށް ލިބެމުންދާ ލުއިފަސޭހަތަކުގެ ވާހަކަ އޮއްބާލުމަށް ފަތުރަމުންދާ އެއްވެސް ހަގީގަތެއްނެތް ވާހަކަ ތަކެއް ކަމަށް ވެސް ދިޔަމިގިލީ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.
“ދިވެހިރާއްޖޭގެ ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ މަސްލަޙަތު ހިފަހައްޓާ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ހިމާޔަތްކޮށް ނެގެހެއްޓުމަށް ދަޢުލަތުގެ އެންމެ މަތީވެރިޔާ މިހާރު ކުރައްވަމުން ގެންދާ ކަންތަކުގައި (ޝަރުޢީ ދާއިރާ އިސްލާޙްކުރުން)، ދިޔަމިގިލީ ރައްޔިތުންނާއި ދިޔަމިލީ ކައުންސިލުގެ ފުރިހަމަ ތާއީދުއޮތްކަން މިފުރުޞަތުގައި ފާހަގަކުރަމެވެ.” ދިޔަމިގިލީ ކައުންސިލުން މިއަހަރު ބޭއްވި 2 ވަނަ ޖަލްސާގައި ފާސްކޮށް މިއަދު އާންމުކުރި ނޫަސް ބަޔާނުގައި ވެއެވެ. “މިކައުންސިލުން އަބަދުވެސް އެދެނީ މިސަރުކާރަށާއި ދިވެހި ޤައުމަށް އުފާފާޤަތިކަމުގެ ދުވަސް ތަކެވެ.”

ތ.ދިޔަމިގިލި ކައުންސިލްގެ ނޫސް ބަޔާން ވިދާޅުވުމަށް މިލިންކަށް ފިއްތަވާ ލައްވާ