އެމްޑީޕީގެ ތިޔަހެނެއް ނުކިޔޭނެ ސިލްސިލާގެ އެއްވުމެއް މިއަދު ހަވީރު ސުނާމީ ބިނާ ސަރަހައްދުގައި އޮންނާނެ

އިބްރާހީމް ރާމިޒް

mdp-tsunami-binaa-evvunސުނާމީ ބިނާ ސަރަހައްދުގައި އެމްޑީޕީން އެންމެ ފަހުން ބޭއްވި އެއްވުން ..ފޮޓޯ: މައުރޫފް ޚަލީލް

އެމްޑީޕީ އާއި ސަރުކާރާއި މެދު އިދިކޮޅު ސިޔާސީ ފަރާތްތަކުން ކުރާ ލާދީނީ ތުހުމަތުތަކަށް ރައްދު ދިނުމަށް އެމްޑީޕީން ފަށާފައިވާ “ތިޔަހެނެއް ނުކިޔޭނެ” ސިލްސިލާގެ ދަށުން ބާއްވާ އެއްވުމެއް މިއަދު (ހޮނިހިރު ދުވަހު) ހަވީރު ސުނާމީ ބިނާ ސަރަހައްދުގައި އޮންނާނެއެވެ.

އެމްޑީޕީން މިމަހުގެ 11 ވީ ބުދަ ދުވަހުގެރޭ ފެށި “ތިޔަހެނެއް ނުކިޔޭނެ” ކެމްޕެއިންގެ ދަށުން މިހާތަނަށް އެ ޕާޓީގެ ހަރުގޭގައި ވަނީ 8 ޖަލްސާއެއް ބާއްވާފައެވެ. އަދި މި ޖަލްސާތަކަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

މިއަދު ސުނާމީ ބިނާ ސަރަހައްދުގައި ބާއްވާ އެއްވުން ފެށޭނީ މާދަމާ ހަވީރު 4 ޖަހާއިރުއެވެ. އިއްޔެ ބާއްވަން ހަމަޖެއްސި މި އެއްވުން މިއަދަށް ފަސްކޮށްފައި މިވަނީ މި އެއްވުމުގައި ބައިވެރިވާން ބޭނުންވާ ރަށްރަށުގެ ވަރަށް ގިނަ އަދަދެއްގެ މީހުންނާއި، މި ވަގުތު ރަށުން ބޭރުގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ އެމްޑީޕީ މެންބަރުންގެ ވެސް އެދިވަޑައިގަތުމުގެ މަތިން ކަމަށް އެމްޑީޕީން ބުނެއެވެ.

މިއަދުގެ އެއްވުން ފެށޭނީ ހަވީރު 4 ޖަހާއިރުއެވެ.

އެމްޑީޕީން އިއްޔެ ހަވީރު ވެސް ވަނީ ކުއްލި ސުލްހަވެރި ހިނގާލުމެއް ބާއްވައިފިއެވެ.

އެމްޑީޕީގެ މަދު އަދަދެއްގެ ސަޕޯޓަރުންނާއެކު ސޯސަން މަގުގައި ހުންނަ އެ ޕާޓީގެ މައި އޮފީސް ކުރިމަތިން ފެށި މި ހިނގާލުމުގައި އެކި ހިސާބުން އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.

ޢަބްދުﷲ ޤާޒީ ދޫކޮށްނުލުމަށާއި، ޔާމީނާއި މައުމޫނު ހައްޔަރުކުރުމަށާއި، އަދުލު އިންސާފުގެ ދާއިރާ މިނިވަން ކުރުމަށާއި، އެމްޑީޕީ އާއި ސަރުކާރާއި މެދު ހަގީގަތާއި ޚިލާފު ދޮގު ވާހަކަދެއްކުން ހުއްޓުމަށް ގޮވާލައި ފެށި މި ހިނގާލުމުގެ ބައިވެރިން ސޯސަން މަގުން، ފަރީދީ މަގުން ގޮސް ނަލަހިޔާ ކައިރިން މަޖީދީ މަގުން، ސޯސަން މަގުން އައިސް މި ހިގާލުން ސުލްހްވެރިކަމާއެކު ނިންމާލީ ހިނގާލުން ފެށި ހިސާބު ކަމަށްވާ އެމްޑީޕީގެ މައި އޮފީސް ކުރިމައްޗަށެވެ. އޭރު ވަރަށް ގިނަ އަދަދެއްގެ ބަޔަކުވަނީ މި ހިނގާލުމުގައި ބައިވެރިވެފައެވެ.

މި ކުއްލި ހިނގާލުމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވީ އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކެވެ. މި ހިނގާލުމުގައި ޕިކަޕްގައި އިންނަވައި، ލައުޑްސްޕީކަރުން މޫސަ ވަނީ ޢަބްދުﷲ ޤާޒީ ދޫކޮށްނުލުމަށާއި، ސަރުކާރުގެ މުދަލަށް ގެއްލުންދީ، މާލޭގެ އަމަންއަމާންކަން ނަގާލުމަށް މަސައްކަތްކުރަމުންދާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.