އެމްޑީޕީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނާ އެކު ބައްދަލުވުމެއް ބާއްވައިފި

– އިލެކްޝަންސް ކޮމިޝަނުގައި ހުރި އިދާރީ ގިނަ މައްސަލަތަކެއް މި ބައްދަލުވުމުގައި އަޅުގަނޑުމެންވާނީ ފާހަގަކޮށްފައި – އިންތި

އިބްރާހީމް ރާމިޒް

inthi1

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެމްޕެއިން ކޮމިޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނާ އެކު އިއްޔެ އެ ކޮމިޝަނުގައި ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުޥާދު ތައުފީޤް ގެ އިތުރުން، އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އާއި އިތުރު ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އެމްޑީޕީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެމްޑީޕީގެ ކެމްޕެއިން ކޮމިޓީގެ މުޤައްރިރު އަދި އެ ޕާޓީގެ ޗެއަރޕާސަން ނައިބު އިދާރީ މުޙައްމަދު އިމްތިޔާޒް (އިންތި) އާއި، އެމްޑީޕީ ކެމްޕެއިން ކޮމިޓީގެ މެންބަރު އަޙުމަދު ޝާހިދު (ސާބެ) އާއި، ޙަސަން އަޙުމަދު އާއި، ޚަދީޖާ އަބޫބަކުރު (އާނިޔަތު) ގެ އިތުރުން އެމްޑީޕީ ސެކްރެޓޭރިއަޓްގެ ފަރާތުން ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަޙުމަދު އަކުރަމް އާއި، މެންބަރޝިޕް އޮފިސަރ އާމިނަތު ޝަނާއު އެވެ.

އިއްޔެ މެންދުރުފަހު ބޭއްވި މި ބައްދަލުވުމުގައި ފަހަކަށް އައިސް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމުތައް ޕްރޮސެސް ކުރުމުގައި އެހެން ޕާޓީތަކާ ތަފާތުކުރާ ކަމުގެ ޝަކުވާ އެ ޕާޓީން ވަނީ ކޮށްފައެވެ. އަދި މި ނޫން ވެސް އިލެކްޝަންސް ކޮމިޝަނުގެ އިދާރީ ބައެއް މައްސަލަތައް އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ކޮމިޝަނުން ވެސް އެފަދަ ބައެއް އިދާރީ މައްސަލަތައް ހުންނަކަމަށް އިޢުތިރާފްވެ، ކުރިޔަށް އޮތް ތަނުގައި އެފަދަ މައްސަލަތައް ރަގަޅުކުރައްވާނޭ ކަމަށް ވަނީ ވިދާޅުވެފައެެވެ.

މި ބައްދަލުވުމުގައި އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވާ ޕީއޭގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަޙުމަދު ޝަރީފް، އެ މަޤާމުގައި ހުންނަވައިގެން ހަމަހަމަކަމާއި އިންސާފުން ޕާޓީތަކާ މެދު ޢަމަލުކުރެވޭނޭ ކަމަށް ޤަބޫލުނުކުރެވޭ ކަމަށް ބުނެފައެވެ. އަދި އެގޮތުން ފާހަގަކުރެވިފައިވާ ބައެއް ކަންތައްތައް އިލެކްޝަންސް ކޮމިޝަނާއެކު ހިއްސާކޮށްފައިވާނޭ ކަމަށް އިންތި ވިދާޅުވިއެވެ. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން އުސޫލެއް ކަނޑައަޅާއިރު، ހުރިހާ ޕާޓީތަކާ އެކު މަޝްވަރާކުރުމަަށްފަހު، އެއް ހަމައަކުން ޕާޓީތަކާ މެދު ޢަމަލުކުރުމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވާނޭ ކަމަށް އިންތި ވިދާޅުވިއެވެ.