ރާއްޖޭގެ އިންތިޚާބު ތަކުގެ ނަތީޖާ ނެރެނީ ވޯޓުލާގޮތަށް ނޫން ކަމަށް އެބުނަނީ ވެރިކަން ކުރީ އެގޮތަށް ނަތީޖާނެރެގެން ކަމަށްވީތީއެވެ

ފަހަލަސަޢީދު

ރިޔާސީ އިންތިޚާބުތަކުގައި އޭރު ވެރިކަން ކާމިޔާބު ކުރަނީ މަރުވެފައި ތިބިމީހުންގެ ވޯޓާއި ރާއްޖޭގެ އާބާދީއަށް ވުރެ ގިނަމީހުންގެ ވޯޓުލައިގެންކަން ނޭނގެނީ ކާކަށްބާއެވެ. ކަތީބުންނާއި މުދިމުންނާއި އަތޮޅުވެރި ތަކުންނާއި އިސްއެހީތެރިން ވޯޓުފޮށިތަކަށް ހަދަމުންދިޔަ ގޮތް އޭރު ފާޅުގައި ނުބުނެވުނެއްކަމަކު އެންމެ ތަކުންނަށްވެސް އެނގެއެވެ.

ނުރުހި ނުފެންނަކަމަށް މީހުން ދިން ވޯޓު ދިޔައީ ކޮންތާކަށްތޯ އަހާބަލާށެވެ. ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް ކޮންމެރަށެއްގައި ތިބޭ ނުފޫޒުގަދަ ޒުވާނުންނަށް ކުރިއަނިޔާތަކާ ވޯޓް ނުދޭނެހެން ހީވާ މީހުންނާ މެދު އެ ސަރުކާރުން ޢަމަލު ކުރިގޮތް އަހާބަލާށެވެ. ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ޙައްގުގައި ވާހަކަ ދެއްކެވި އޭރުގެ މެންބަރުންނަށް ކުރި އަނިޔާތަކުގެ ވާހަކަ އަހާބަލާށެވެ. ސަރުކާރާމެދު ހިތްހަމަނުޖެހޭކަން ރައްޔިތެއްގެ އިހުސާސްތަކުން ހާމަވެއްޖެނަމަ އެމީހަކާމެދު އެ ސަރުކާރުން ކޮށްފައި ހުރި އަނިޔާވެރި ޢަމަލުތަކުގެ ވާހަކަ އަހާބަލާށެވެ.

ތިންމީހުނަށް ވުރެ ގިނަމީހުން މަގުމައްޗަށް އެއްވެތިބެ ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަ ދެއްކުމުގެ ފުރުޞަތު ނުދީ އެފަދަވާހަކަ ދެއްކިމީހުންނަށް ދިން ވޭނީ ޝަޒާތަކުގެ ވާހަކަ އަހާބަލާށެވެ. ރާއްޖޭގެ ވޯޓު ފޮށިތަކަށް އެ ވެރިކަމުގައި ހުންނަން ނުފެންނަކަމަށް ރައްޔިތުން ލީވޯޓުތައް އެފޮށިތަކުން ނެގުވި ކަތީބުން މިހާރު އެވާހަކަ ބުނަމުން ދާއިރު އެކަމާ މެދު އެ ރައްޔިތުން ސުވާލު ނުކުރާންވީ ކޮންސަބަބަކާ ހެދި ހެއްޔެވެ. ވޯޓު އޮޅުވާލާއިގެން ކިތައްފަހަރު ވެރިކަން ކުރެއްވިންތޯ އަހާބަލާށެވެ. މަޖިލީހުން ވޯޓު ނުދިން މެންބަރުންނަށް ހެދިގޮތް އަހާބަލާށެވެ.

ތިންބާރުވަކިވެ މުސްތަގިއްލު މުއައްސަސާތައް ނުފޫޒާ ބާރުން ސަލާމަތް ވެފައިވާ މި ހިނދު، އެފަދަ ވާހަކަތައް ދައްކައިގެން އެކަން ސަރުކާރުގެ ބޮލުގައި އަޅުވަން ނުއުޅުނީހެވެ. ތިމާއަށް ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގޭ މީހެއްކަން މިހާރު ރައްޔިތުންނަށް ވާނީ ވަރަށް ރަނގަޅަށް އެނގި ކަށަވަރު ވެފައެވެ.

ދެން ބުނާނީ ތިމަންނާ ބުނި އެއްޗެއް ކަލޭމެންނަށް ނޭނގެނީ އެވެ. ނައިފަރު ދޮހޮއްކޮ ނޭނގުނު މީހަކަށް ދެން އެނގޭނީ ކާކު ހެއްޔެވެ. ކޮންކަމެއްހެއްޔެވެ. އެ ވެރިކަމުގެ ޗެޕްޓަރު ނިމިއްޖެއެވެ. ރައްޔިތުން އެޗެޕްޓެރު ބަންދު ކޮށްފިއެވެ. އެ އަނިޔާވެރި ޗެޕްޓަރު އަލުން މިރާއްޖޭގެ ރައްޔިތުން ހަމަހޭގައި ތިބެގެން ނުހުޅުވާނެކަން އެނގެންވާނެއެވެ.

އެ ވެރިކަމަށް ތާއީދު ކުރާބަޔަކު މިރާއްޖޭގައި ނެތެކޭ އަޅުގަނޑު ނުދަންނަވާނަމެވެ. ޔަގީނުންވެސް އެނގޭކަމަކީ މިރާއްޖެއަކުން ދެން ވެރިކަން ލިބޭވަރުގެ ތާއީދެއް ނުލިބޭނެއެވެ. އެވެރިކަމާ ގުޅިގެން ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވަމުން ދިޔަ ބަޔަކު މިރާއްޖޭގައި އުޅެމުންދާކަން ރައްޔިތުންނަށް އެނގެއެވެ. އަދި ވެސް އެމީހުން ތިބޭނީ އެވެރީންގެ ފަހަތުގައި ކަންވެސް އެނގެއެވެ. ނަމަވެސް ރައްޔިތުންނަށް ލިބެމުންދާ ތަނަވަސް ކަމާއި މިނިވަންކަމާ އުފާވެރިކަން އަޅުވެތިކަމަށް ބަދަލު ކުރުމަކީ ހަމަހޭގައި ތިބޭބަޔަކު ކުރާނެ ކަމެއްނޫނެވެ.

މިރާއްޖޭގެ ހަމަޖެހުމާއި ދީނާއި، ސަގާފަތް ބަދަލުވެގެންދިޔައީ ކާކުގެ އިހުމާލުންތޯ ރައްޔިތުން ސުވާލު ކުރަން ބޭނުމެވެ. ކަން މިހެން ހުރުމާއެކު ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކަށް އަޅުގަނޑު މިގޮވާލަނީ ކުރީގެ ރައީސް އާއި، މިހާރުގެ ރައީސް ނަޝީދާ ދެބޭފުޅުން ރައްޔިތުންގެ ކުރިމަތީގައި ތިއްބަވައިވެން ރައްޔިތުން އެދެބޭފުޅުންނާ ޙަވާލުކުރި ވެރިކަމުގެ ތެރޭގައި ހިނގާފައި ހުރި ރައްޔިތުން އޮޅުން ފިލުވާން ބޭނުންވާ ކަންތައް ތަކެއް ހުރުމާއެކު ރައްޔިތުންނަށް ހުޅުވާލެވިފައިވާ ސުވާލު ކުރުމުގެ ޕްރޮގްރާމެއް ގެނެސް ދިނުމަށެވެ.

ވެރިކަމަކީ ވަރަށް ގިނަބައެއްގެ ޙައްގުތައް ބޮލުގައި އަޅާންޖެހިފައިވާ ކަމަކަށް ވުމާއެކު ވެރިކަމެއް ނިމުމަށްފަހުގަ އާއި، ވެރިކަމެއް ކުރަމުން އަންނައިރު އަޅާކިޔާލުމަށާއި، ރައްޔިތުންނަށް އޮޅިފައިވާ ހަގީގަތްތައް މިފަދަ ޕްރޮގްރާމެއްގެ ޒަރީ އާއިން ރައްޔިތުންނަށް ގެނެސްދިނުމަކީ ހުރިހާ ހައިޘިއްޔަތަކުން ބެލިނަމަވެސް ވާންޖެހޭނެ ކަމެއްކަމަށް ގަބޫލު ކުރެވެއެވެ.
އެނގޭކަމަކީ ތިމާގެ ޙައްގު ތިމާއަށް ލިބެންވާނެ ކަމެވެ. ހަމައެހެންމެ އެޙައްގު ނިގުޅައިގަތް ފަރާތެއް ޝަރީޢަތުގެ ކުރިމައްޗަށް ގެންދެވި ރައްޔިތުންނަށް އިންޞާފް ލިބޭނެ ގޮތެއް އޮނަނަންވާނޭކަމީ ކަށަވަރުކަމަކެވެ.

މިރާއްޖޭގެ ވެރިކަމުގެ މަތިން ހަނދާންނައްތާލާށެވެ. އެއީ އަނިޔާވެރި ރަޙުމެއްނެތް އިންސާނަކަށް މިރާއްޖޭގެ ގިނަމީހުން ތާއީދު ނުކުރާނެތީއެވެ. ބޭރުން ކިތަންމެ އޮފަސް އެތެރޭގައި އޮތީ އަލިފާން ކަން ވިސްނޭ ކޮންމެމީހަކު ގަބޫލު ކުރާނެއެވެ. މަނިކުފާނު ކިތަންމެވަރަކަށް ފޮރުވަން އުޅުއްވިއަސް މަނިކުފާނު މިރާއްޖޭގައި ވެރިކަން ކުރި އަނިޔާވެރި ވެރިކަމުގެ ޙަގީގަތް ރައްޔިތުން ދިރިތިއްބާ ނުފޮރުވޭނެއެވެ. މަނިކުފާނަކީ ވެރިކަމަށްޓަކައި މުޅި އާއިލާވެސް ގުރުބާން ކޮށްފާނޭ މީހެއްކަން މަނިކުފާނުވަނީ ޢަމަލުން ރައްޔިތުންނަށް ދައްކާފައެވެ.

ޅިޔަނަށް ހަދާލިގޮތް މިސާލަކަށް ނަންގަވާށެވެ. އެއީ ތިބާ އެމަގާމަށް ގެނެސްދިން ފަރާތެވެ. މުޅިއާއިލާ ބެލެހެއްޓީވެސް އެ ޅިޔަނެވެ. އެއީ ތިބާދެކެ ދެކެ ނުހަނު ލޯބިވާ މީހެކެވެ. އޭރު ތިބާއަށް ބޭނުންވާ ކާރާއި ސޫޓާއި ބޫޓާއި ކޯޓު ހޯދައިދެނީވެސް ޅިޔަނެވެ. އެކަމަކު އޭނާވެރިކަމަށް އަތުވެދާނެހެން ހީވީމާ ގުރުބާން ކޮށްލީއެވެ.

އިނގިރޭސިވިލާތުގައި ދަރިފުޅު ރާ ބޮއިގެން ކާރުދުއްވަނިކޮށް ކާރުންޖެހި އިނގިރޭސި ރައްޔިތަކު މަރުވިކަމަށް އެބުނާ ވާހަކަޔާ ދައުލަތުގެ މާލިއްޔާއިން ނުދީގެން އެއަރ މޯލްޑިވްސްގެ ލާރި ހުސްކޮށްލި މައްސަލަ ތަޙުގީގެއް ކޮށްގެންނަމަވެސް ރައްޔިތުންނަށް ކަމުގެ ޙަގީގަތް އެނގެންޖެހޭނެއެވެ. މިވާހަކަ ލިޔެގެން ނޫސްވެރިޔަކު ޖުރިމާނާވެސް ވަނީކޮށްފައެވެ.
މިކަމާބެހޭ ލިޔެކިއުންތަށް މިރާއްޖޭގައި ނެތަކަސް އެކަން ދެނެހުރި އިންސާނުން މިރާއްޖޭގައި މަރުނުވެ އެބަތިއްބެވެ. މިވާހަކަވެސް މިލިޔެވެނީ ކޮންމެވެސް މީހެއްގެ ފަރާތުން ރިވާވެގެންނެވެ.