ތަހުނިޔާ ދެންނެވުން: އެމްޑީޕީން އާ އަހަރުގެ ތަހުނިޔާ ކިޔުން

mdp-logo

މި ފެށުނު މީލާދީ އާ އަހަރުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އެމްޑީޕީގެ ލޮބުވެތި މެމްބަރުންނަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޕާޓީގެ ލީޑަރޝިޕުގެ ފަރާތުން އަރިސްކުރަމެވެ. މިފެށުނު އާ އަހަރު އަޅުގަނޑުމެންނާއި ހަމައަށް މިއައީ ، އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކުގެ ތެރެއިން ގިނަ ވަޢުދުތަކެއް މާތް ﷲ ސުބުހާނަހޫ ވަތަޢާލާގެ އިރާދަފުޅާއިއެކު ކާމިޔާބު ކުރެވިއްޖެ ކަމުގެ ހިތްހަމަޖެހުމާއި އެކުގައެވެ.

ބޭސް ފަރުވާއަށް ސަލާންޖެހުން ހުއްޓުވުމަށް ސަރުކާރުން ވީ ވަޢުދު މިއަދު މިވަނީި ފުރިހަމަވެފައެވެ. ދިވެހި ކޮންމެ ރައްޔިތެއްގެ އައިޑީ ކާޑަކީ އެއްލައްކަ ރުފިޔާގެ އަގުހުރި ކާޑަކަށް މިއަދުން ފެށިގެން މިވަނީވެފައެވެ. އާސަންދައިގެ ހިދުމަތާއި އެކު ރައްޔިތުންނަށް ހިލޭބޭސްފަރުވާ ކުރެވޭނެ ގޮތް މިއަދު މިވަނީ ފުރިހަމަވެފައެވެ.

ބޯހިޔާވެހިކަން ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި މާލެ އާއި ރާއްޖެތެރޭގައި އަޅަމުންދާ ހައުސިންގ ޔުނިޓްތައް މިހާރުދަނީ ހަލުއި ކަމާއި އެކު ނިމެމުންނެވެ. މިތަންތަން ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ލިބޭނޭކަން މިހާރުވަނީ ކަށަވަރުވެފައެވެ.

ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާނުލެވޭނޭ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދަނިކޮށް އަޅުގަނޑުމެންގެ ވަޢުދާއިއެކު އެކު މުޅިރާއްޖެ މިވަނީ ދަތުރުފަތުރުގެ ނިޒާމުން ގުޅާލެވިފައެވެ. 10000 ރުފިޔާ އަށް ކުރަމުން އައި ދަތުރުތައް ވިހި ރުފިޔާއަށް ތިރިކޮށްދީ ރައްޔިތުންގެ ޖީބަށް މިވަނީ ލުކޮށްދީފައެވެ.

މި ސަރުކާރު އައުމާއި ވިދިގެން މަގުމަތީގައި ބިއްޖެހިފައިވާ ޒުވާނުން ފެނުން ވަނީ ވަރަށް ބޮޑުތަނުން މަދުވެފައެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އެކަމުން ދުރުހެލިކޮށް، އެފަދަ ފަރާތްތަކަށް ފަރުވާދޭނޭ މަރުކަޒުތައް ގާއިމްކޮށް، އެފަދަ ފަރާތްތައް އަލުން މުޖުތަމަޢުއަށް ނެރުމަށް އެމްޑީޕީގެ ސަރުކާރުން ކެނޑިނޭޅި ގެންދަނީ މަސައްކަތްކުރަމުންނެވެ.

ތަކެތީގެ އަގު އަތްފޯރާ ފަށުގައި ފޯރުކޮށްދިނުމަކީ ގިނަ ދުވަހުން ފުއްދޭނޭ ވަޢުދެއް ނަމަވެސް، އެމްޑީޕީން ވަނީ އެ ވަޢުދު ފުއްދުމުގެ ނާޒުކު މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ތަކެތިޣެ އަގު އަތްފޯރާ ފަށުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވިޔަފާރިވެރިންނަށް ބާރުއެޅުމުގެ ގޮތުން ރާއްޖެއެތެރެކުރާ މުދަލުން މި އަހަރުން ފެށިގެން ޑިއުޓީ ފުރީކޮށްފައިވާކަން އުފަލާއެކު ފާހަގަކުރަމެވެ.

އަޅުގަނޑުމެންގެ އުއްމީދަކީ މި އަހަރަކީ ވެސް އެމްޑީޕީން ނުހަނު ގިނަ ކާމިޔާބީ ޙާސިލްކޮށް، ދިވެހި ރައްޔިތުންނަކީ ފުދުންތެރި ރައްޔިތަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އިތުރު ކާމިޔާބީ ލިބިގެންދާނޭ އަހަރަކަށް ވުމެވެ.

ދިވެހި ލޮބުވެތި ރައްޔިތުންނަށް އަދަށްވުރެ މާ ފަހި، މާ ފާގަތި މާދަމާ އެއް ދެއްވުން އެދި މާތް ﷲ އަށް ދުޢާ ދަންނަވަމެވެ.