މެންބަރަކު މެންބަރެއްގެ ނަމުގައި އެމްޑީޕީން ޚާއްސަ ޖަލްސާ އެއް ބާއްވަނީ

އިބްރާހީމް ރާމިޒް

kolamaafushi

މެންބަރަކު މެންބަރެއް، މިނަމުގައި ހުކުރު ދުވަހުގެރޭޚާއްސަ ޖަލްސާ އެއް ބާއްވާގޮތަށް އެމްޑީޕީން ނިންމައިފިއެވެ.

ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބާއްވާ މި ޖަލްސާ އަކީ، އެމްޑީޕީގެ މެންބަރޝިޕް އިތުރުކުރުމަށް އެ ޕާޓީން ފަށާ މެންބަރޝިޕް ޑްރައިވް ރަސްމީކޮށް ފެށުމަށް ބާއްވާ ޖަލްސާ އެކެވެ.

އެމްޑީޕީން ފަށާ މެންބަރަކު މެންބަރެއް މި ކެމްޕެއިންގެ ދަށުން އަތޮޅުތަކަށް ޚާއްސަ ދަތުރުތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން މި ފެށޭ ޑިސެމްބަރު މަހު އަތޮޅުތަކަށް ކުރަންފަށާ މި ދަތުރުތަކުގައި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ލިބެމުން އަންނަ މިންވަރު ގާތުން ބަލައި، ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ އަތްމައްޗަށް ރައްޔިތުންގެ ވެރިކަން ފުރޮޅިފައިވާއިރު ބޭނުންވާ އެންމެހައި އަސާސީ ހައްގުތަށް ލިބުމުގައި ކުރިމަތިވެފައިވާ ހުރަސްތަކަކީ ކޮބައިތޯ އާއި ރައްޔިތުން ބޭނުންވާ ގޮތަށް އެޚިދުމަތްތަށް ފޯރުކޮށް ދެވޭނީ ކިހިނެއްތޯބަލައި، ރައްޔިތުންގެ ޚިޔާލު، އެމްޑީޕީން ހޯދާނެއެވެ.

މިޕްރޮގްރާމުގެ ދަށުން ކުރާ ދަތުރުތަކުގައި ދޮރުން ދޮރަށް ހިނގައި، ރައްޔިތުންގެ ހާލުއަހުވާލު ބަލައި، މިހާރުން މިހާރަށް ރަށްރަށަށް އެންމެ ބޭނުންވަނީ ކޮން ޚިދުމަތްތަކެއްތޯ ބަލައި، އޭގެ ތެރެއިން މިވަގުތަށް ރަގަޅު ކުރެވެންހުރި ކަންތައްތައް ރަގުޅުކުރުމަށް އެމްޑީޕީން ރަށްރަށަށް ދަތުރުކުރާ ޓީމުގެފަރާތުން މަސައްކަތް ކުރާގޮތަށް ވަނީހަމަޖެހިފައެވެ.

ރާއްޖޭގެ އެކިދާއިރާތަކަށް ދައުލަތުން ކަނޑައަޅާފައިވާ ފަރާތްތަކާމެދު ރައްޔިތުން ދެކޭގޮތާއި، އެބޭފުޅަކު ހިމެނޭ ދާއިރާއަކުން އެބޭފުޅަކު ބަލައިގެންފައިވާ މިންވަރު ބެލުމަކީ ވެސް މި ދަތުރުގެ އެއް ބޭނުން ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން މެންބަރޝިޕް އިތުރުކުރުމަށް ބޮޑު ކެމްޕެއިނެއް ފަށާއިރު، އެ ޕާޓީގެ މެންބަރުންގެ ގޮތުގައި މިހާރުވެސް 48018 މެންބަރުން އެބަތިއްބެވެ. އަދި މިއީ އެ ޕާޓީ އާއި އެންމެ ކައިރިން ވާދަކުރާ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޑީއާރުޕީއަށް ވުރެ 12776 މެންބަރުން ގިނަ އަދަދެކެވެ.