މެމްބަރުންގެ ޚިޔާލު: ކަތުން އުފަލުގައި ނަށާއިރު ހިތްދަތި އިހުސާސް ތަކެއްގައި ބަޔަކު ހަނާވަނީއެވެ.

ފުނަމާ

މިހާތަނަށް އީދެއް އައިސްގެން ރާއްޖޭގެ ތާރީޚުގައިވެސް އެކަމާގުޅޭ ވާހަކަތައް މިއަށްވުރެ ބޮޑަށް ދެކެވުނު ދުވަސްވަރެއް ދިޔަތޯ ގައިމު ސުވާލުކޮށްލަ ބަލާށެވެ. މިފަހަރުގެ އަޟްޙާ އީދާއި ގުޅިގެން މުޅިރާއްޖޭގެ އެންމެންހެން ކުރަމުން ގެންދިޔައީ އުފާވެރި އިހުސާސްތަކެކެވެ. އީދާ އެކުއެކުހެން ކުރިމަތިވަމުން އަންނަ ޖުމްހޫރީ ދުވަހާއި ސާކްސަމިޓަކީ އީދުގެ އުފާވެރިކަމުގެ ތެރެއަށް އިތުރު ހާއުފާވެރިކަން ގެނެސްދިން ކަމެކެވެ. ޚާއްސަކޮށް މިހާތަނަށް ރާއްޖޭގައި ސާކުސަމިޓަކަށް ދުވަހަކުވެސް ތައްޔާރު ނުވާމިންވަރަށް މިދިޔައީ ތައްޔާރު ވަމުންނެވެ. ރާއްޖޭގެ އެންމެ ދެކުނުގައި އަލަށް ސިޓީއެއް އުފެދި ހަގީގީ މާނައިގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ސަރުކާރުން ފެއްޓެވި މަސައްކަތް މިހާ ކާމިޔާބުކޮށް މިނިންމާ ލެވުނީ ސަކުސަމިޓާ ގުޅިގެންނޭ ދެންނެވުމަކީ މިމަސައްކަތުގައި ޝާމިލްވެ އުޅުނު އެންމެހާ ފަންތީގެ ކުދިބޮޑު އެންމެހައި ފަރާތްތަކަށް ރައްދުކުރާ ކުޑައިމިސް ބަހަކަށް ނުވާނެއެވެ.

މީގެ ކުރީން ސާކުސަމިޓު ބޭއްވޭ ފަހަރުތަކުގައި އެކަމުން އުފާވެރިކަމެއް ލިބިދެނީ ހަމައެކަނި ވަކިބަޔަކަށެވެ. މަދު ބަޔަކަށެވެ. މާލޭގައި މެނުވީ މިފަދަ ކަމެއް ބޭއްވުމަކީ ހުވަފެނުން މެނުވީ ދުށްކަމެއް ނޫނެވެ. ރާއްޖެތެރެއަކީ މިފަދަ ކަމެއް ކުރުމަށް އެކަށީގެންވާ ތަނެއް ނޫންކަމުގައި ދުށްދުވަސް އެކަމަކު މިއަދު މިވަނީ މާޟީވެފައެވެ. މާލެއެކޭ އެއްގޮތަށް މުޅިރާއްޖޭގެ އެންމެހައި ކަންކޮޅުތަކަކީވެސް މިކަމަށް އެކަށީގެންވާ ތަންތަންކަން މިއަދު މިވަނީ އަންގައިދީފައެވެ. ތަޖުރިބާއިންނެވެ. ” މީހުން މީހުންނަށްވަނީ ، މީހުން މީހުންނަށް ހެދީމައޭ” ބުނެވޭ ބީދައިން ތަންތަން ތަންތަނަށްވަނީވެސް ، ތަންތަނަށް ހެދީމަކަން މިއަދު މިވަނީ އެނގިފައެވެ. އެއްކަލަ ނޭޅޭނެ ކަމުގައި ބުނި ހޮޅިތަކާއި އެއާޕޯޓުގެ އިތުރުން މުޅި މިސަރަހައްދުގައި ހުރި އެންމެ ފުރިހަމަ ކޮންވެންޝަން ސެންޓަރވެސް ސުންގަޑިއަށް ނިންމާ ލެވުނީއެވެ. ސަރުކާރުގެ ވިސްނެވުމަަށް ރައްޔިތުން މިދިން ތަރުޙީބަކީ ލާމަސީލު މިސާލެކެވެ. ހުޅުލޭގެ އެއަރޕޯޓަށްފަހު އެންމެ ގިނަ ބަޔަކު މިހާތަނަށް އޮހޮރާލި ދަލުގެ އަގު މިއަދު މިލިބެނީ ހިންހަމަ ޖެހުމާއެކުގައެވެ. މުޅި ރާއްޖޭގެ އެންމެހައި ކަންކޮޅުތަކުން މިއަދު ނަލަ، ނަލައަށް ފެންވަރައި ޒީނަތްތެރިވެގެން އެންމެ ކަތުން އެތިބަ ދަނީ ” އަފިރިންގެ ސިޓީ ” ދެކިލާށެވެ. އެކަމަކު އެއީ އަޅުގަނޑުމެން އެންމެންގެ ސިޓީއެވެ. މާލެ މާލެއަކަށްވީވެސް އެންމެންގެ މާލެއަކަށް ވީމައެވެ. ފުރުސަތުތައް ފަހިކޮށް ދެވުނީމައެވެ. މިއަދު އައްޑޫއެވަނީ ސިޓީއަކަށް ވެފައެވެ. ފުއައްމުލައް އެވަނީ ތަރައްގީގައި ފިޔަލައި އުދުހެން ތައްޔާރުވެފައެވެ. ޝުކުރު ޙައްގީ ހަމަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. އެކަލާންގެއީ އަހަރެމެންނަށް މިފަދަ ވިސްނުމާއި ކެއްތެރިކަމާ ، ހިކުމަތްތެރިކަން އެކުލެވިގެންވާ ވެރިޔަކު ދެއްކެވި އިލާހެވެ.

ބައެއްގެ ނުރުހުމާ ބަދުބަސްތައް ރާއްޖޭގެ ވެރިއަކަށް ފާޅުގައި އިއްވަމުންދިޔަ މިފަދަ ދުވަސްތަކެއް މިރާއްޖެ ނުދެކޭއިރު ހިތުގެ ލޯތްބާއި އިޚުލާސްތެރި ކަމާއެކު ރައްޔިތުންނަށް ހޭހަން ކުރެއްވުމުގައި އެންމެހައި ވަގުތުތައް މުރާލިކަމާއިއެކު ދެގޮތެއްނުވެ ރައްޔިތުންނަށްޓަކައި ވަގުފު ކުރައްވާ މަދުވެރިޔަކު މެނުވީ ދުނިޔެ ދެކިފައި ނުވާކަމުގައި މިދަންނަވަނީ ފިސާރި ކެރި ހުރެގެންނެވެ. އޭގެ ސަބަބުން މިއަދު ރައްޔިތުންގެ ލޯތްބާއި އިޚުލާސްތެރި ހެޔޮދުޢާ ގައިމުވެސް ރައީސް ނަޝީދަށް އެދަނީ ކޮޅުނެއްކޮޅަށް ލިބިވަޑައި ގަންނަވަމުންނެވެ. އިހްތިރާމްއާއި އެކު ހިތުގެ އެންމެ ފުންމިނުން މިއަދު ރައްޔިތުން އެގެންދަނީ އެމަނިކުފާނަށް ސަނާކިޔަމުންނެވެ. މިއަކީ އޮޅުވާލެވޭނެ ހަގީގަތެއް ނޫނެވެ. ރާއްޖޭގެ އިތުރުން ބޭރުންވެސް އެއޮހެނީ ހަމަ ތާރީފުގެ ބަސްތަކެވެ. ކިތަންމެ އަހާލަން ހިތްގައިމު ނަމަވެސް…

ހަސަދަވެރިކަމާ ، ޣައިރަތްތެރި ކަމުން ފުރިފައިވާ ހިތްތަކަކަށް މިމަންޒަރުތަކާއި އަޑުތައް ދުށުމާއި ، އެހުމަކީ އިންތިހާއަށް ހިތްދަތި އަސަރުތަކެއް ކުރާކަމެއް ކަމުން ހެއްދެވިހައި ދޮގުތަކެއް ހަދައި އެގެންދަނީ މިހަގީގަތް ތަކުގެ މައްޗަށް ފަސްއެޅޭތޯ ބޭކާރު މަސައްކަތް ތަކެއް ކުރަމުންނެވެ. ނުހަނު އަސަރާއެކުގައެވެ. އެހާމެ ވޭންއުފުލަމުންވެސް މެއެވެ. މިއަދުގެ މިއުފާވެރި މަންޒަރު އުފާވާޒަމާން ދެކިލުމަކީ އެއުރެންގެ ހިތްތަކާއި މެޔަށް ކެއްނުވާވަރުގެ އަނިޔާތައް ލިބިދެނިވި ކަމެއް ކަމުގައި މިއަދު އެވަނީ ވެފައެވެ. ” ނުވާނެ ، ނުކުރެވޭނެ ، ނޭޅޭނެ ، ގަނބަނީ، ރެނދުލަނީ ފަދަ އަޑުތައް ނެރެނެރެ އެއުރެންގެ ކަރުން ހަންދިޔަ ދިޔަހެން ކަންކަން އެބުނާގޮތާ އިދިކޮޅަށް ހިނގަމުންގޮސް މިއަދުދެން އިތުރަށް ރުޅިޔާއި ނަފުރަތުގެ ކަޅިއެއް އެއްލުމަކީވެސް އުނދަގޫ ކަމަކަށް ވުމުން އެންމެ ފަހުން ” އަމުދަކުން ތިއައީ މާކުރީން އަހަރެމެންގެ މުސްކުޅި ބޭބެ ކުރާން ހިތުލައި ހުވަފެނުގައި ދުށްކަމެކޭ ” ބުނެލާފައި ހިންހަމަ ޖައްސާލުން ނޫންގޮތެއް އެތިބީ ނުފެނިފައެވެ. މިފަދަ އުފާވެރި އަދި އެންމެންހެން މިއުފަލުގައި ބައިވެރިވެ ނަށާއިރު ނިސްބަތުން ކިތަންމެ މަދުނަމަވެސް ހަސަދައިގެ އަޖަލުގައި ޖެހިފައި އެތިބަ މީހުންނަކީވެސް ހަމަ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނެވެ. އެމީހުންނަށްވެސް ﷲ ތަޢާލާ ހެޔޮގޮތާއި ތެދުމަގު ދެއްކެވުންއެދި އަޅުގަނޑުމެން ދުއާކުރަމެވެ. މިގައުމުގައި ހާއުފާވެރި ކަމާއެކު ހިތްހެޔޮވެ އެކުވެރި ކަމުގައި އަޅުގަނޑުމެންނާއި ބައިވެރިވެ މިކަހަލަ ސިޓީތައް ހަދައި އެންމެހައި ކަންކޮޅުތަކަށް މިތަރައްގީ ގެނައުމުގައި އެވެރިންގެ ހިއްސާވެސް އަޅުގަނޑުމެން ބޭނުމެވެ. މިއަދުގެ ސަރުކާރުގައި ވިސްނުމެއް އެބައޮތެވެ. ހެވިކަމާއި ، ހުނަރުވެރިކަން އެބަހުއްޓެވެ. ރައީސް ނަޝީދުގެ އަމިއްލަ އެދުމެއް ނެތެވެ. އެދިވަޑައި ގަންނަވަނީ އެމަނިކުފާނުންގެ މި އަނެއް ދިވެހިރާއްޖޭގައި އެންމެހައި ކަތުން ހާއުފަލުގައި މިލިގެން އުފާކުރުމަށެވެ. މާތަކުން ފޮނިބޮއެ ލައްޒަތު ލިބިގަތުމަށެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން އެންމެހައި ދިވެހީންނަށް މިންވަރު ކުރެއްވުމެވެ. އުފާވާ ޒަމާނޭ އުފާވެރިވި ރާގޭ ކިޔަމުން މާޒީގެ ހިރަފުސްތަކުން ސަލާމަތްވެ އެންމެން އެކުގައި ހިގައި ކުރިއަރައި ދިއުމެވެ.