ރަސޫލާގެ ސުންނަތުގައި ޢީދު ނަމާދު

ލިޔުއްވީ: އަލްޙާފިޒް އަޙުމަދު ޒަކީ – އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް

hafiz-zaki

ދެ ޢީދު ދެނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ދެނަމާދެވެ. ޢީދު ނަމާދު ޝަރުޢު ކުރެއްވީ، ހިޖްރައިން ދެވަނަ އަހަރުއެވެ. އެންމެ ފުރަތަމަ رَسُولُ اللهِ صَلَّ اللهُ عَلَيْهِ وَسَلَّمَ ކުރެއްވީ ފިޠުރު ޢީދުނަމާދެވެ. ޢީދު ނަމާދަކީ، ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނާއި ދަތުރުވެރިންނާއި ރަށުގައި ޤާއިމުވެތިބޭ މީހުންނާއި ، މިއެންމެންގެ މައްޗަށް ސުންނަތްވެގެންވާ ނަމާދެކެވެ.
ޢީދު ނަމާދަށް ފެންވަރާ ރިވެތިވެ ހުވަނދުލުމަކީ ސުންނަތް ވެގެންވާ ކަމެކެވެ. އެހެނީ رَسُولُ اللهِ صَلَّ اللهُ عَلَيْهِ وَسَلَّمَ ޢީދު ދުވަހުގައި މިދެންނެވި ގޮތަށް ކަންތައް ކުރެއްވިކަން ޙަދީޘުން ޘާބިތުވެއެވެ.
އަދި އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނާއި ދަރިދަރިކަނބަލުން ޢީދުނަމާދަށް ގެންދަވާ ކަމުގައިވިއެވެ. މާތްﷲ ރުއްސުންލެއްވި ޢަބްދުﷲބިން ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. ” أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يُخْرِجُ نِسَاءَهُ وَبَنَاتِهِ فِى الْعِيدَيْنِ” ( رواه ابن ماجة والبيهقى ) މާނައީ: رَسُولُ اللهِ صَلَّ اللهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ އަނބި އަނބިކަނބަލުންނާއި ދަރިދަރި ކަނބަލުން ދެ ޢީދުގައި ނެރުއްވާކަމުގައިވިއެވެ.”
ދެޢީދުދެނަމާދު ޖަމާޢަތުގައި ކުރުން މޮޅު އިތުރުވެގެންވެއެވެ. އެއީ رَسُولُ اللهِ صَلَّ اللهُ عَلَيْهِ وَسَلَّمَ އެގޮތަށް ޢަމަލު ކުރެއްވިކަން ޙަދީޘުން ޘާބިތުވާތީއެވެ. ނަމަވެސް އެކަހެރިކޮށް ޢީދު ނަމާދުކުރުން ހުއްދަކަމާއި އެކަމުން ޘަވާބު ލިބޭނެކަން އެނގޭ ޙަދީޘްވެސް އެބަހުއްޓެވެ. އެކަހެރިކޮށް ކުރާ މީހަކަށް ޚުޠުބާ ކިއުމެއްނެތެވެ.
ދެޢީދުދެނަމާދުގެ ވަގުތު ބަޔާން ކުރައްވައި رَسُولُ اللهِ صَلَّ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިކަމަށް ﷲ ރުއްސުންލެއްވި ޖުންދުބުގެ ކިބައިން އަލްއިމާމް އަޙްމަދު ރިވާކުރައްވާފައިވެއެވެ. ” كَانَ نَبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّى بِنَا الْفِطْرَ وَالشّمْسُ عَلَى قِيدِ رُمْحَيْنِ وَالأَضْحَى عَلَى قِيدِ رُمْحٍ ” މާނައީ: ޞަލަވާތާއި ސަލާމް ލެއްވި ނަބިއްޔާ ތިމަންމެންނާއިގެން ފިޠުރު ޢީދުނަމާދު ކުރައްވާކަމުގައިވީ، އިރު ދެބޮންތީގެ މިންވަރަށް އަރާފައި ހުންނަ ޙާލުގައެވެ. އަދި އަޟްޙާ އީދުނަމާދު ކުރެއްވީ އިރު ބޮންތިއެއްގެ މިންވަރަށް އަރާފައި ހުންނަ ޙާލުގައެވެ. ފިޤްހު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ދެޢީދު ދެނަމާދުގެ ވަގުތަކީ އިރު ބޮންތިއެއްގެ މިންވަރަށް އެރީއްސުރެން އިރު މެދުޖެހިއްޖެއުމަށް ދާނދެނެވެ.
رَسُولُ اللهِ صَلَّ اللهُ عَلَيْهِ وَسَلَّمَ ދެޢީދުދެނަމާދު ކުރެއްވީ ބަންގިއެއް އަދި ޤަމަތެއް ނުދެއްވައެވެ.
ދެޢީދު ދެނަމާދު رَسُولُ اللهِ صَلَّ اللهُ عَلَيْهِ وَسَلَّمَ ކުރެއްވިކަމަށް ޙަދީޘުން ޘާބިތުވަނީ ދެރަކްޢަތެވެ. ފުރަތަމަ ރަކުޢަތުގައި ސޫރަތުލް ފާތިޙާ ވިދާޅުވުމުގެ ކުރީގައި 7 ތަކްބީރު ވިދާޅުވާ ކަމުގައި ވިއެވެ. ދެވަނަ ރަކްޢަތުގައި ސޫރަތުލް ފާތިޙާގެ ކުރީގައި 5 ތަކްބީރު ވިދާޅުވާ ކަމުގައިވިއެވެ. އަލްޙަމްދުގެ ފަހުގައި ފުރަތަމަ ރަކްޢަތުގައި ޤާފް ސޫރަތް ދެވަނަ ރަކްޢަތުގެ އަލްޙަމްދުގެ ފަހުގައި އަލްޤަމަރު ސޫރަތް ބައެއް ފަހަރު ވިދާޅުވާ ކަމުގައިވިއެވެ. އަދި ބައެއްފަހަރު އަލްޙަމްދުގެ ފަހުގައި ފުރަތަމަ ރަކްޢަތުގައި އަލްޢައުލާ ސޫރަތް ދެވަނަ ރަކްޢަތުގައި އަލްޣާޝިޔާ ސޫރަތް ވިދާޅުވާ ކަމުގައިވިއެވެ.
ނަމާދު ކުރެއްވުމަށްފަހު ދެ ޚުޠުބާ ވިދާޅުވާކަން ޙަދީޘުން އެނގެއެވެ. ޢީދު ނަމާދާގުޅިގެން އެއްވެސް ކަހަލަ ސުންނަތް ނަމާދެއް އެނަމާދުގެ ކުރީގައިވެސް އަދި ފަހުގައިވެސް رَسُولُ اللهِ صَلَّ اللهُ عَلَيْهِ وَسَلَّمَ ކުރެއްވި ކަމަށް އެއްވެސް ދަލީލަކުން އެނގޭކަށް ނެތެވެ. ނަމަވެސް މިސްކިތަށް އަރާ މީހާ ތަޙިއްޔަތުލް މަސްޖިދުގެ ދެރަކުޢަތް ކޮށްލުމަކީ އެންމެ ރަނގަޅުކަމެކެވެ.

ކުރިމަތިވަމުން އަންނަ އުފާވެރި ޢީދުގެ ތަހުނިޔާ އާއި މުބާރިކް ބާދީ އާއި ހެޔޮއެދުން އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އަށާއި، އެ ޕާޓީގެ ޗެއަރޕާސަން މޫސާ މަނިކަށާއި، ޕާޓީގެ ރައީސް ޑރ.އިބްރާހީމް ދީދީ އަށާއި، ނައިބު ރައީސް އަލްހާން ފަހުމީ އާއި، ގައުމީ މަޖިލީހުގެ އެންމެހާ މެންބަރުންނާއި، އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށް އަރިސްކުރުމުގެ އުފާ މި ފުރުޞަތުގައި ލިބިގަންނަމެވެ.

ޢަދުލު އިންސާފާއި ހަމަހަމަކަން:

ޢަދުލު މިބަހުގެ ދޭހައަކީ މާތް الله ގެ ފޮތާއި އެކަލާނގެ ރަސޫލާ ޞައްލަ الله ޢަލައިހި ވަސައްލަމަގެ ސުންނަތުގައިވާ ގޮތަށް ޙުކުމް ކުރުމެވެ. ހަމައެކަނި ތިމާގެ ރައުޔުގެ މައްޗަށް ޙުކުމް ކުރުމެއްނޫނެވެ. އަދި ޢަދުލުގެ މާނައަކީ ޙައްޤުތަކާއި ވާޖިބުތަކުގައި އެކަންކަން ޙައްޤުވެގެންވާ ފަރާތްތަކަށް އެޙައްޤުތައް ހަމަހަމަޔަށް ހޯދައިދިނުމެވެ. ފޯރުކޮށްދިނުމެވެ.
އިސްލާމީ ރިސާލަތު ދުނިޔެއަށް ފައުޅުވި އިރު އިންސާނުންތިބީ ޖަހާލަތުގެ ކަޅު އަނދިރީގައި ނިދާފައެވެ. އިންސާނީ މުޖްތަމަޢަށް ބަލާއިރު އެބައިމީހުންގެ ތެރޭގައި ފެތުރިފައި އޮތީ އަނިޔާވެރިކަމާއި ބޭއިންޞާފެވެ. ޖަންގަލީގެ އުޞޫލެވެ. ބާރުގަދަ މީހާ، ދެރަނިކަމެތި މީހާއަށް ބޭނުންގޮތެއް ހަދާލުމުގެ ސިޔާސަތެވެ. ގޮތްމުށުގެ ވެރިކަމެކެވެ. އަޅުވެތިކަމާއި އަޅުވެތިކުރުމުގެ ސިޔާސަތެވެ. ވިޔަފާރި މުދަލުގެ ގޮތުގައި ބާޒާރުގައި އިންސާނުން ވިއްކާ ވިޔަފާރި ކުރުމެވެ. އަދި ޚާއްޞަ ގޮތެއްގައި އެމުޖްތަމަޢަކަށް ކީރިތި ރަސޫލާ ޞައްލަ الله ޢަލައިހި ވަސައްލަމަ އުފަންވެ ވަޑައިގަތް މުޖްތަމަޢަކީ ކުރިން މިބަޔާންކުރި އަނިޔާވެރިކަމާއި، ބާރުގަދަ މީހާ ތިމާއަށް ވުރެ ބަލިކަށި ނިކަމެތި މީހާއަށް ބޭނުންގޮތެއް ހެދުންއެއީ ޢިއްޒަތާއި ޤަދަރު އުފުލި މީހުން ތިމާއަށް ކުރާ އިޙްތިރާމް ބޮޑުވެގެންދާ ކަމަކަށް ދެކޭ މުޖްތަމަޢެކެވެ. ކިތަންމެ ކުޑަކަމަކާ ހެދިވެސް މީހެއްގެ ލޭ އޮހޮރުވާލުމަކީ އެބައިމީހުންގެ ތެރޭގައި ފެންފޮދެއް ބޯލުންހާ ފަސޭހަކަމެކެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އަނިޔާވެރި ޢަމަލުތަކާއި ލޭ އޮހޮރުވުންތައް އަހަރުތަކަކަށް ދިގުދިމެގެން ގޮސްފައިވެއެވެ. ޢަރަބިންގެ ޤަދީމީ ތާރިޚް ދިރާސާ ކުރުމުން މިކަން އެނގިގެންދެއެވެ. މީހަކު ދަނޑުގޮވާންކުރާ ދަނޑަކަށް އެހެން މީހަކު ގެންގުޅުނު ޖަމަލެއް ވަނުމުގެ ސަބަބަން އުފެދުނު ހަމަނުޖެހުމަކުން ފެށުނު ހަނގުރާމަ ޖީލުތަކަކަށް ދެމިގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ .
އެހެންކަމުން الله ސުބްޙާނަހޫ ވަތަޢާލާ އިންސާނުންނަށް އެބައިމީހުންގެ ތެރޭގައި ޢަދުލުވެރިކަމާއި އިންޞާފުގެ މަތިން ކަންތައްތައް ކުރާނެގޮތާއި، ހެއްދެވިފަރާތަށް ކިޔަމަންތެރިކަން އަދާކުރާނެގޮތް ދަސްކޮށް ދެއްވުމަށްޓަކައި މުޙައްމަދު ޞައްލަ الله ޢަލައިހިވަސައްލަމް ރަސޫލުކަމާއިގެން ފޮނުއްވިއެވެ. އެކަލޭގެފާނު ވަޑައިގެން ޢަދުލުއިންޞާފު ޤާއިމުކުރައްވައި ނަމޫނާ މުޖްތަމަޢެއް ޤާއިމު ކުރެއްވިއެވެ.
مَخْزُومِىވަންހައިގެ ޢިއްޒަތްތެރި ބޭކަނބަލަކު ވައްކަން ކުރުމުން އެކަނބުލޭގެ މައްޗަށް ވައްކަން ކުރުމުގެ ޙައްދު ޤާއިމު ނުކުރެއްވުމަށް رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހަށް ވަޑައިގެން އަޞްޙާބު ބޭކަލަކު ޝަފާޢަތްތެރިވެ ދެންނެވުމުން، އެކަމާ ރުހިވަޑައި ނުގެން، رَسُولُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ ޙަދީޘު ކުރެއްވިއެވެ. أَتَشْفَعُ فِى حَدٍّ مِنْ حُدُودِ الله މާނައީ: “اللهގެ ޙައްދުތަކުގެ ތެރެއިން ޙައްދަކާ މެދުގައި ކަލޭގެފާނު ޝަފާޢަތްތެރިވެ ވަޑައި ގަންނަވަނީތޯއެވެ؟ އެއަށްފަހު މީސްތަކުންނާ މުޚާޠަބު ކުރައްވައި ޙަދީޘް ކުރެއްވި ބަސްފުޅުގެ މާނާގައިވަނީ: ” ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގައި އިސްވެދިޔަ އުއްމަތްތައް ހަލާކުވެ ދިޔަކަން ކަށަވަރީ، އެބައިމީހުންގެ ތެރޭގައި މާތްމީހަކު ވައްކަމެއް ކޮށްފިނަމަ އޭނާގެ މައްޗަށް ޙައްދު ޤާއިމު ކުރާކަމަށް ނުވެފައި، ދެރަ ނިކަމެތި މީހަކު ވައްކަމެއް ކޮށްފިނަމަ އެމީހެއްގެ މައްޗަށް ޙައްދު قائم ކުރާ ކަމުގައިވާތީއެވެ. اللهގަންދެއްވައި ވިދާޅުވަމެވެ. محمّد ގެފާނުގެ ދަރިކަނބަލުން فَاطِمَةގެފާނު ވައްކަމެއް ކުރެއްވި ކަމުގައި ވިޔަސް ތިމަންކަލޭގެފާނު އެކަމަނާގެ އަތްޕުޅު ކަނޑުއްވާ ހުށީމެވެ.” (مُتَّفَقٌ عَلَيْهِ)
އަޅުގަނޑުމެންގެ ދިރިއުޅުން އިސްލާމީ ޝަރީޢަތާ އެއްގޮތަށް ބައްޓަން ކުރުމުން، އަޅުގަނޑު މެންގެ ތެރޭގައި ޞުލްޙަ މަސަލަސްކަން ޤާއިމްވެގެން ދާނެއެވެ. ރަނގަޅު ހެޔޮލަފާ مُجْتَمَع އަކަށް ބަދަލުވެގެން ދާނެއެވެ. މުޖްތަމަޢުގައި عَدْلُ އިންޞާފު ޤާއިމް ވެގެންދާނެއެވެ. އަދި ބާއްޖަވެރި މުޖްތަމަޢަކަށް ވެގެންދާނެއެވެ. އެފަދަ މީހުންނަކީ اللهގެ ދީނަށް ނަޞްރުދޭ މީހުންނެވެ. ތިމާމެންގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރުމަށް މަސައްކަތްކުރާ މީހުންނެވެ.
މުސްލިމެއްގެ އީމާންކަމުގެ ތެރޭގައި އެކަންތައް ހިމެނޭތީއެވެ. مُجْتَمَع އެއްގައި، ޝަރުޢީ ހަމަތަކުގެ މަތިން ޢަދުލަށް ޙުކުމްކޮށް، އެޙުކުމް ތަންފީޒު ކުރުމުން މެނުވީ އެބައެއްގެ ތެރެއަށް ހަމަޖެހުމެއް ނާންނާނެއެވެ. ބާއްޖަވެރި مُجْتَمَع އަކަށް ނުވާނެއެވެ. މިކަންތައްތަކަކީ، ހެޔޮކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް މަނާ ކުރުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެހެންކަމުން، عَدْل إِنْصَاف ޤާއިމު ކުރުމަށް، ކަމަށް އެކަށީގެންވާ އަދި ފަނޑިޔާރުކަން ކުރުމުގެ شَرْطُ ހަމަވާ، ފަނޑިޔާރުން އިސްކުރުމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ކިފާޔަތުގެ فرضކެވެ. އެއީ ޙައްޤަށް ނިޔާ ކަނޑައެޅުމަށްޓަކައެވެ. ދަންނާށެވެ! ނިޔާ ކަނޑައަޅާ މީހުން ބެހިގެންވަނީ ތިންބަޔަކަށްކަން، رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘުން އެނގި ސާބިތުވެގެންވެއެވެ. لْقُضَاةُ ثَلاَثَةٌ : وَاحِدٌ فِي الْجَنَّةِ، وَاثْنَانِ فِي النَّارِ. فَأَمَّا الَّذِي فِي الْجَنَّةِ فَرَجُلٌ عَرَفَ الْحَقَّ فَقَضَى بِهِ، وَرَجُلٌ عَرَفَ الْحَقَّ فَجَارَ فِي الْحُكْمِ فَهُوَ فِي النَّارِ، وَرَجُلٌ قَضَى لِلنَّاسِ عَلَى جَهْلٍ فَهُوَ فِي النَّارِ ( رواه أبوداود والترمذى والنسائ وابن ماجه والحاكم وصححه)
މާނައީ: ” ނިޔާކަނޑަ އަޅާ މީހުން ބެހިގެންވަނީ ތިން ބަޔަކަށެވެ. މީގެތެރެއިން އެއްބަޔަކުވާނީ ސުވަރުގޭގައެވެ. އަނެއް ދެބައި މީހުންވާނީ ނަރަކައިގައެވެ. ފަހެ، ސުވަރުގޭގައިވާ މީހާއާ މެދު ދަންނާށެވެ! އޭނާއަކީ ޙައްޤު އެނގިހުރެ އެއާއެއްގޮތަށް ނިޔާކަނޑައެޅި މީހާއެވެ. އަދި ޙައްޤު އެނގިހުރެމެ އެއާ ޚިލާފަށް ނިޔާކަނޑައެޅި، މީހާވާނީ ނަރަކައިގައެވެ. އަދި ނިޔާކަނޑައަޅަން ނުދަނެ، އޭގެ އުޞޫލުތައް ނޭނގިހުރެ ނިޔާކަނޑައެޅި މީހާވެސް ވާނީ ނަރަކައިގައެވެ.”
اﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިކަން އަދާކުރުމަކީ ވާޖިބުކަމެކެވެ. ހަމައެއާއެކު ޤިޔާމަތް ދުވަހު اﷲގެ ޢަރްޝީގެ ހިޔާވަހިކަން ފިޔަވައި ދެވަނަ ހިޔާވަހިކަމެއް ނުވާ ދުވަހު، އެކަލާނގެ ޢަރްޝީގެ ހިޔާވަހިކަން ދެއްވާނެކަމަށް ވަޢުދުވެ ވޮޑިގެންފައިވާ ހަތްޖަމާޢަތެއް ވެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ޖަމާޢަތްކަމުގައި ކީރިތި رَسُول އާ مُحَمَّدٌ صَلَّى الله عَلَيْهِ وَسَلَّمَ ގެ ޙަދީޘުގައި ވަނީ إِمَامٌ عَادِلٌ އެވެ. عَدْلُ ވެރި އިންޞާފުވެރި ފަނޑިޔާރެވެ. ނުވަތަ عَدْلُވެރި އިންޞާފުވެރި ޙާކިމެވެ. ދަންނާށެވެ! ޙުކުމް ކުރުމުގައި عَدْل ވެރިވާ މީހާއީ ޤިޔާމަތް ދުވަހު މާތް الله ގެ ޙަޟްރަތުގައި އެ އިލާހާ އެންމެ ކުއްތަންވެވޭނެ މީހާ ކަމުގައި ލޮބުވެތި رَسُولއާ مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެއަރިހުން އިމާމު މުސްލިމު ރިވާ ކުރައްވާފައިވެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ މިކުޑަކުޑަ ޤައުމުގެ ފަނޑިޔާރު ގޭގެ ފަނޑިޔާރުން ޙައްޤުން އެއްކިބާވެއްޖެނަމަ ޤައުމު ނާމާން ކަމުގެ ތެރެޔަށް ވެއްޓިގެން ދިއުމަކީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ.