ނޫސް ބަޔާން: މ. އެންދެރިމާގެއިން ޒުވާނަކަށް ދިން ލާއިންސާނީ ހަމަލާ ކުށްވެރިކުރުން

mdp-logo-180-x-188hassan-hussain-2-180-x-154reeko-moosa

ޤާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށްމެ ލިބިދީފައިވާ ޚިޔާލުފާޅުކުރުމާއި، އެއްވެއުޅުމުގެ މިނިވަންކަމުގެ ޙައްޤު ލިބިގަނެ، 20 އޮކްޓޯބަރު 2011 ވީ ބުރާސްފަތި ދުވަހު ކުރި މުޒާހަރާއަށް ފަހު، އުމުރުން އެންމެ 17 އަހަރުގެ، ކިޔަވާކުއްޖެއް ކަމަށްވާ ގދ.ތިނަދޫ ސެމީ، ހުސައިން ޙަސަން އަށް މ.އެންދެރިމާގެ އިން ދިން ލާއިންސާނީ، އަނިޔާވެރި ހަމަލަ މި ޕާޓީން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

އެންދެރިމާގެ އިން ލަކުޑިބުރިއަކުން ޖަހައި، އެ ޒުވާނާގެ ބޯ ފަޅާލައި، އެ ހަމަލާގެ ސަބަބުން އިތުރު ސީރިއަސް ޒަޚަމްތަކެއް ލިބި، ބޮލުގެތެރެއަށް ލޭފޭދިފައި ހުރުމުގެ ސަބަބުން އެ ޒުވާނާގެ ސިކުނޑީގެ އެއްފަޅި އެންމެ ފުރިހަމައަށް މަސައްކަތްކޮށްފައިނުވާ އިރު، ކުރީގެ ބައެއް ހަނދާންތައް ވެސް ނެތިފައިވާ ކަން ހިތާމަޔާއެކު ފާހަގަކުރާ ހިނދު، މި ރަހުމްކުޑަ ހަމަލާގައި އަނިޔާވި، ހުސައިން ޙަސަން އަށް އަވަސް ޝިފާއަކަށް އެދެމެވެ.

އަދި މި ދަށުދަރަޖައިގެ ލާ އިންސާނީ ޢަމަލުގައި ބައިވެރިވި ފަރާތްތައް، އިންޞާފުގެ ކުރިމައްޗަށް ގެނައުމަށް ދަޢުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އިލްތިމާސްކުރަމެވެ. އަދި މިފަދަ ތަޙްޤީޤްތައް ހިނގަމުންދާ ގޮތް އެމްޑީޕީން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، މި ކަމުގައި ޤާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެމްޑީޕީން އަޅާނޭ ކަމުގެ ޔަގީންކަން މި ހަމަލާގައި އަނިޔާވި ޒުވާނާގެ ޢާއިލާއަށާއި، މި ޕާޓީގެ މެންބަރުންނަށް ދެމެވެ.

އެމްޑީޕީން ދެކޭ ގޮތުގައި، ހުސައިން ހަސަނަށް އެދިންފަދަ ޑިމޮކްރަސީ އާއި ބީރައްޓެހި، އަނިޔާވެރި ހަމަލާތައް ދިނުމަކީ ޅަފަތުގެ ދުވަސްތައް ގުނަމުންދާ ރާއްޖޭގެ ޑިމޮކްރަސީގެ ކުރިމަރާލުމަށް އިދިކޮޅު ފަރާތްތަކުން ހިންގި ނާތަހުޒީބު ފިނޑި ޢަމަލެކެވެ. އަދި، ވެރިކަމަށް ފެންބޮވައިގެންފައިވާ، އާއިލާއަކުން، މިފަދަ ހަމަލާތައް ކިތަންމެ ވަރަކަށް ހިންގަމުން ގެންދިޔަ ނަމަވެސް ރާއްޖޭގައި، 3 ބާރު ވަކިކުރެވިފައިވާ ފުރިހަމަ ޑިމޮކްރަސީ އެއް ފައްކާކުރުމަށް، ޑިމޮކްރަސީގެ އާރުކާޓީން ކަމަށްވާ އެމްޑީޕީގެ ލޮބުވެތި މެންބަރުން ކުރަމުންދާ ބުރަ މަސައްކަތަށް ކުޑަވެސް މަޑުޖެހުމެއް ނާންނާނެއެވެ.

އެމްޑީޕީން އަބަދުވެސް ވަކާލާތުކުރަމުން މިދަނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގެ ތެރެއިން، އެއް ޕާޓީން އަނެއް ޕާޓީއަށް ސިޔާސީ ޙަރަކާތްތައް ހިންގުމުގެ ފުރުޞަތު ދިނުމަކީ މި ނިޒާމުގެ އެއް އަސާސް ކަމަށް މިޕާޓީން ދެކެމެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް ފުރިހަމަ ޑިމޮކްރަސީގެ ނަމޫނާ ދައްކަމުން ގެންދާ ޕާޓީ އަކަށް ވީ ހިނދު، 3 ބާރު ވަކިކުރެވިފައިވާ ފުރިހަމަ ޑިމޮކްރަސީ އެއް ގާއިމްކުރުމަށާއި، ރާއްޖޭގައި އަދުލު އިންސާފް ގާއިމްކުރުމަށް އެމްޑީޕީން ވެފައިވާ ވަޢުދު ފުއްދުމަށް، މި ޕާޓީގެ މެންބަރުން ކުރަމުންދާ މަސައްކަތުގައި ސާބިތުކަމާއެކު ދެމިތިބުމަށް، މި ޕާޓީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު އިލްތިމާސްކުރައްވައެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް