20 ޖޫން 2010
ސަރުކާރުން ފޯރުންތެރިކަން ކުޑަ ފަރާތްތަކަށް ދެއްވަމުން ގެންދަވާ ތަފާތު ސަބްސިޑީ އާއި މަދަނައާ ބެހޭ މަޢުލޫމާތު އެކަށީގެންވާ ވަރާ ގާތަށް ވެސް އާންމު ރައްޔިތުންނަށް ލިބިފައި ނުވާ ކަމަށާއި، އެކަމުގެ ޒިންމާ ކައުންސިލަރުންވެސް ނަގަންޖެހޭ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު ޢީސާ ވިދާޅުވެއްޖެއެވެ.
އުތުރު ޕްރޮވިންސް ބ. އަތޮޅުގެ ބައެއް ރަށްރަށަށް މިދިޔަ ހަފްތާ ބަންދުގައި އެމްޑީޕީން އެޕްރޮވިންސްގެ ތުޅާދޫގައި ބޭއްވި ޖަލްސާގައި އީސަ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ކައުންސިލަރުންގެ ދައުރު ވަރަށް މުހިއްމު ކަމަށާއި، އާންމު ރައްޔިތުންނަށް ކޮންމހެނެ ބޭނުންވާ ވަރަށް ގިނަ މަޢުލޫމާތު އެފަރާތްތަކަށް ފޯރުކޮށްދެވިފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ ގޮތުން ސަރުކާރުން އުމުރުން ދުވަސްވި މީހުންނަސް ދެމުން ގެންދާ ޕެންޝަނާއި، އެކަނިވެރި މައިންނާއި ބަފައިންނަށް ދެމުންގެންދާ ފައިސާގެ އިނާޔަތާއި، ޚާއްސަ އެހީއަށް ބެނުންވާ ފަރާތްތަކަށް ދޭ ފައިސާގެ އިނާޔަތާއި، މަދަނައާއި، ފަޤީރުންނާއި މިސްކީނުންނަށް ދިނުމަށް ހަމަޖެހިފައިވާ ޚާއްސަ އިނާޔަތްތަކާއި، ތަރައްޤީގެ މަޝްރޫއުތަކާ ބެހޭ މަޢުލޫމާތު ވެސް ކައުންސިލަރުން ދޮރުން ދޮރަށް ހިންގަވައިގެން ނަމަވެސް، އާންމު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ޖެހިފައިވާ ކަމަށް އީސަ ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްޠަފާ ލުތުފީއާ މެދު އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަށް ވެސް އީސަ ބައްލަވާލެއްވިއެވެ. އެގޮތުން އިދިކޮޅު ފަރާތްތަކަށް ޑރ. މުސްޠަފާ ލުތުފީ ގޯސްވީ ކުރީގެ ސަރުކާރުން ސިއްރުން ކަންތައްކުރާ އުސޫލު ދޫކޮށްލައްވައި އިސްލާމްދީނުގައި ކަންތައް އޮންނަ ގޮތަށް މަޝްވަރާގެ އުސޫލަށް އެމަނިކުފާނު ތަޢުލީމީ ދާއިރާގެ ކަންތައް ހުޅުވާލެއްވުމުން ކަމަށް އީސަ ވިދާޅުވިއެވެ.
ތުޅާދޫ އަށް އެމްޑީޕީން ކުރި ދަތުރު ނިންމާލުމަށް ފަހު އެޕާޓީގެ ވަފްދު އެނބުރި މާލެ އައިސްފައިވަނީ ރޭގެ ވަގުތެއްގައެވެ. މިވަފްދު ތުޅާދޫގެ އިތުރުން އެޕްރޮވިންސްގެ ހިތާދޫ، ކުޑަރިކިލު އަދި މާޅޮހަށް ޒިޔާރަތްކޮށް އެރަށްރަށުގެ އާންމު ހާލަތު ބައްލަވާލެއްވިއެވެ.