އުތުރު ޕްރޮވިންސުގައި ބާއްވާ މިނީ ކޮންގްރެސްގެ އެންމެ މުހިންމު މަޤްސަދަކީ 2013 ގައި އެމްޑީޕީއަށް އެ ސަރަހައްދުން މެޖޯރިޓީ ހޯދުމަށް މަގުކޮށުން – ޕްރިންސް

އިބްރާހީމް ރާމިޒް

hinnavaru

މި އޮކްޓޯބަރު މަހުގެ 6 ން 7 އަށް އުތުރު ސަރަހައްދުގެ ޅ.ފެލިވަރުގައި ބާއްވާ އެމްޑީޕީ ” އުތުރު ޕްރޮވިންސް މިނީ ކޮންގްރެސް” ބޭއްވުމުގެ އެންމެ މުހިންމު މަޤްސަދަކީ 2013 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެ ޕްރޮވިންސުން އެމްޑީޕީއަށް މެޖޯރިޓީ ހޯދުމަށް މަގުފަހިވާނޭ ގޮތްތައް ދެނެގަތުން ކަމަށް އެމްޑީޕީ އުތުރު ޕްރޮވިންސް ސެކްރެޓޭރިއަޓްގެ ވަގުތީ ސްޕޯކްސްޕާސަން އިބްރާހީމް އާތިފް (ޕްރިންސް) މިއަދު ވިދާޅުވެއްޖެއެވެ.

އުތުރު ޕްރޮވިންސް މިނީ ކޮންގްރެސްގެ ތައްޔާރީތަކާ ބެހޭ ގޮތުން އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތުދެއްވަމުން ޕްރިންސް ވިދާޅުވީ، މި ކޮންގްރެސްގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށާއި، ކޮންގްރެސް ގައި މަޝްވަރާކުރަން ހަމަޖެހިފައިވާ މުހިންމު ކަންތައްތަކާމެދު ޚިޔާލު ހޯދުމަށް އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. އެ ގޮތުން ލާމަރުކަޒީ އުސޫލުން އެމްޑީޕީ ހިންގުމަށް ބޭނުންވާ މުހިންމު 3 ގަވައިދަކަށް އިސްލާޙު ހުށަހެޅުމަށް މިއަދުގެ ނިޔަލަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށް ޕްރިންސް ވިދާޅުވިއެވެ. އަދި ލާމަރުކަޒީ އުސޫލުން ދާއިރާތައް ހިންގުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށްޓަކައި ދާއިރާތަކުގައި ހުރި މައްސަލަތައް ހުށަހެޅުމުގެ ފުރުޞަތު ވެސް ދާއިރާތަކަށް ހުޅުވާލެވިފައިވާ ކަމަށް ޕްރިންސް ވިދާޅުވިއެވެ.
” މި މިނީ ކޮންގްރެސް އަކީ މިހާތަނަށް އެމްޑީޕީ ޕްރޮވިންސް ސެކްރެޓޭރިއަޓަކުން އިންތިޒާމްކޮށްގެން ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުން ކަން އަޅުގަނޑު ފާހަގަކުރަން. މި ކޮންގްރެސް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އުތުރު ޕްރޮވިންސް ގައި ލާމަރުކަޒީ އުސޫލުން އެމްޑީޕީގެ ހިންގުން ހަރުދަނާކޮށް، 2013 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެ ޕްރޮވިންސުން އެމްޑީޕީއަށް ފުރިހަމަ މެޖޯރިޓީ ހޯދުމަށް މަގުފަހިކުރުމަށް ކުރެވިދާނެ ކަންތައް ދެނެގަތުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މަޤްޞަދު ޙާޞިލްވެ އެމްޑީޕީއަށް މެޖޯރިޓީ ލިބޭނެ.” ޕްރިންސް ވިދާޅުވިއެވެ.

މި މިނީ ކޮންގްރެސް ގައި މަޝްވަރާކޮށް ގޮތެއް ނިންމުމަށް ހަމަޖެހިފައިވާ މުހިންމު 3 ގަވައިދަކީ ލާމަރުކަޒީ އުސޫލުން އެމްޑީޕީ ހިންގުމަށް ބޭނުންވާ ޕްރޮވިންސް ސެކްރެޓޭރިއަޓް ހިންގުމުގެ ގަވައިދާއި، ދާއިރާ ހިންގުމުގެ ގަވައިދާއި، ގޮފި ހިންގުމުގެ ގަވައިދެވެ.

މި ބައްދަލުވުމަށް އުތުރު ޕްރޮވިންސްގެ ދާއިރާތަކުގެ ރައީސުންނާއި، އެ ޕްރޮވިންސަށް ނިސްބަތްވާ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، އުތުރު ޕްރޮވިންސްގެ އެމްޑީޕީ އަތޮޅު ކައުންސިލަރުންނަށް ވަނީ ދަޢުވަތު އަރުވާފައެވެ.

މި މިނީ ކޮންގްރެސް އަށް ފަހު، މިއަންނަ ހުކުރު ދުވަހުގެރޭ ޅ.ހިންނަވަރުގައި އެމްޑީޕީގެ އާންމު ޖަލްސާއެއް ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

އުތުރު ޕްރޮވިންސް މިނީ ކޮންގްރެސްގެ ވަގުތީ އެޖެންޑާ ވިދާޅުވުމަށް މި ލިންކަށް ފިއްތަވާލައްވާ