ރައީސުލްޖުމްހޫރިއްޔާ ހއ. އަދި ހދ.ގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތިލަދުންމަތީ އުތުރުބުރިއާއި ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެ ހަވީރު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެންމެ ފަހުން އެމަނިކުފާނު ވަޑައިގަތީ، ތިލަދުންމަތީ އުތުރުބުރީ ނޮޅިވަރަންފަރަށެވެ. އިއްޔެ މެންދުރުފަހު އެރަށަށް ވަޑައިގެން، އެރަށު ކައުންސިލާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި، ނޮޅިވަރަންފަރުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އަދި ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކުގައި، ކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލެއްވުން ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.