މެންބަރުންގެ ޚިޔާލު: މިއަދު މިދެކެނީ އަދި އެންމެ ފުރިހަމަނުވިޔަސް ދިވެހީން އެދުނުފަދަ ވެރިކަމެކެވެ

ފުނަމާ

މީގެ ދެތިން އަހަރު ކުރީން ފެށިގެން މާޟީގެ އެއްހާސް އަހަރުގެ ތާރީޚަށް ބަލާލިޔަސް ދިވެހީން ދެކެމުން އައިސްފައިވާ ވެރިކަމުގެ ބަވައްޗަކީ އަމުރު މައުރޫފާ، ގާނޫނުއަސާސީއާ (ގާނޫނު ލިޔެވުނުފަހުން) ދީނާ، ހުރިހައިކަމެއް އެކެއްގެ ދުލުގެ ބަހަކަށް ވެގެން ގެންގުޅުނު ވެރިކަމެކެވެ.

އެވެރިކަމުގައި ސާޅީސް މީހުން ހަމަނުވެގެން ނުކުރެވުނު ހުކުރުތަކަކީ ރާއްޖޭގެ ރައްޔިތުންނަށް މަދު އެއްޗެއް ނޫނެވެ. އެއިރު ހުކުރު ވާޖިބުނުވީ ދީނުގައި ވާޖިބުވިޔަސް ވެރިމީހާގެ ދުލުން ވާޖިބު ނުކުރައްވާތީއެވެ. އެވަރުގެވެސް ތަންދޮރު އޮޅުންނުފިލާ އެހެނެއްކަމަކު ދީނީ އިލްމުވެރިޔަކު ރާއްޖޭގެ ވެރިކަމުގައި ހުއްޓާ ސާޅީސްމީހުން ހަމަނުވިޔަސް ހުކުރު ކުރެވޭކަން އެނގުނީ ބަޔަކު އެހެންބުނީމައެވެ. ވެރިމީހާއާއި އިދިކޮޅު ބަހެއް ބުނާއިރަށް ނޫނީ، ވެރިކަމާ މީހަކު އުޅެފާނެ ކަމުގައި ހީވާއިރަށް އެމީހަކީ ތިމާގެ ޅިޔަނެއް ކަމަކު ބޮޑުވަގަކަށް، ނޫނީ ރަތްލާޖެހި ބާޣީއަކަށް ވެފައި އެމީހާގެ ބޭނުން ޖެހުނީމައި އަސްތާ ވަލީވެރިއަކަށްވެސް ވެދެއެވެ. ވެރިކަމުގައި ހުންނަވާ ބޭފުޅަކު ހިތްޕުޅާ ހަމަކުރައްވާ މީހަކު ރައްޔިތަކަށް ކިތަންމެބޮޑު އަނިޔާއެއް ދިނަސް އެއީ ނިޔާއެވެ. ބުނާކޮންމެ ބަހަކީ ގާނޫނެވެ. ނުރުއްސަވާ ރައްޔިތަކު ކުރާކޮންމެ ކަމަކީ އަނިޔާއެވެ. ބުނާކޮންމެ ބަހަކީ ކުފުރެކެވެ.

މިނޫން ދުވަހެއް ދައްކަވާތޯ ދުޢާކޮށްކޮށް މިދުނިޔެ ދޫކުރީ ކިތައް ދިވެހީންކަން ގުނައި ހިސާބެއް ނުކުރެވޭނެއެވެ. ނަމަވެސް ﷲގެ ރަހްމަތް ފުޅާއެކު، އަހަރެމެންގެ ކާބަފައިން އަހަރެމެންނަށް ވާރުތަކޮށްދިން މިވެރިކަން އަހަރެމެންގެ އަމިއްލަ އެއްޗެއް ކަމުގައިވެ މިގައުމުގައި ﷲ ލެއްވި ކޮންމެ ނިއުމަތަކުން އަހަރެމެންގެ ހައްގު ހަމަހަމަ ގޮތުގައި ލިބުމާއި، ނުލިބުނަސް ގައިމު އެކަމަށް އަޑުއުފުލުމުގެ މިނިވަންކަން އޮތުމަށް އަހަރެމެން މިއައީ އެދި ގޮވަމުންނެވެ. ނަމަވެސް ވެރިކަމުގެ އާރާބާރަކީ ތިމާމެންގެ ސައްޔިދު ކަމުން މިލްކުވި ތަރިކައެއް ކަމުގައި ގަބޫލުކޮށްގެން ރައްޔިތުންނަކީ އަޅުންކަމުގައި ބަލައިގެން ރާއްޖޭގެ ވެރިކަމުގެ ކޮއިލުތަކުގައި ލޮބާޑިލަމުން ގެންދިޔަ ވެރީންގެ ވެރިކަން މާޟީވެ ދިޔައީ އެކަމަށް ރައްޔިތުން އެދި ﷲގެ ވާގިފުޅާއެކު އެއްބަސް ކިޔައި ނުކުތުމުން ހަމަ އިސާހިތަކުއެވެ. އެހިނދު ބާރުގައި މުގޫދޫނުކޮށް އެތިބަ ހައިބަތުހުރި ވެރީންނާއި އެމީހުންގެ އައުވާނުން ކިޔަމުން ގެންދިޔަ ސަނާތައް އުވިގޮސް ރައްޔިތުން ހިންދެމިލީއެވެ. މިއީ މިއަދުގެ ދިވެހީންގެ ތަޖުރިބާއެވެ. ލިޔެވި ފެންނާން އޮންނާނެ ހަގީގަތެވެ.

މިއަދު ސަރުކާރަކީ ނުވަތަ ވަލީއުލް އަމްރަކީ ލިޔެކިޔުމުން އިމްތިޔާޒު ތަކަކާއި ވަކިޚާއްސަ ޢިނާޔަތްތަކެއް ލިބިފައިވާ ބައެއްކަމުގައި ވިޔަސް އެމީހުންނަކީ ރައްޔިތުންނަށްވުރެ މަތީގައި ތިބެވޭނެ ބައެއްނޫނެވެ. މިއަދު ރާއްޖޭގައި އިދިކޮޅު ޕާޓީއޭ ކިޔަމުން މޭގައި އަތްޖަހާލައި ނުކުމެ މަގުމަތީގައާއި ބޭރުގައުމު ތަކުގައިވެސް އަޑުއުފުލާނެ އެތަކެއް ޕާޓީ ރަސްމީކޮށް އުފެދި އަދި، މިދަނީ އުފެދެމުންނެވެ. ސަރުކާރާ ކިތަންމެ އިދިކޮޅުވިޔަސް އެމީހުންގެ މުހުތާދުތައް ފުއްދުމަށާއި ބައިގިނަކޮށް ސަރުކާރު ހޯދުމަށް މަގުފަހިކުރުމަށް ބޭނުންވާ ފައިސާގެ މިންވަރެއްވެސް ދައުލަތުން އެމީހުންނަށް އެބަލިބިދެއެވެ.
ލިބޭ ފައިސާއިން އަމިއްލައަށް ކާރާއި ފުލެޓާއި ގަނެލައިގެން ގައުމުގައި ފިތުނަ ފަސާދަކުރާން ބަޔަކު އުޅުނަސް މިފައިސާ ހެޔޮގޮތުގައި ބޭނުންކޮށްގެން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތުވެސް ހޯދަން ބޭނުންވާ ބަޔަކަށް އެފުރުސަތުވެސް އޮންނާނެތާއެވެ. ތިމަންނާމެން އެކަންކުރީމޭ މިކަންކުރީމޭ ، މިކަންކުރީމޭ ، ނޫނީ ވެރިކަމުގައި ގިނަދުވަހު ތިބީމޭ ގޮވުމަކީ މިއަދަކު ރައްޔިތުން އަހާހިތްވާނެ އަޑެއް ނޫނެވެ. ސަރުކާރުން ކޮށްދޭ ކަންކަމަކީ މިއަދަކު ރައްޔިތުން ތަސްބީހައެއްހެން ކިޔަމުން ދުވާނެ ކަމެއް ނޫނެވެ. ރައްޔިތުން މިއަދު ގޮވާނީ ނުވަތަ އެދޭނީ އިތުރަށް ކަންކަން ފަހިކޮށްދިނުމަށެވެ. ދިހަރަށުގެ ބަނދަރު ހަދާފައި ސޮނާމީގެ ހަނދާނީ ބިނާއެއް ހަދައި ދައްކާލުމަކީ މިއަދަކު ރައްޔިތުން ޝުކުރުވެރިވެ ސަނާކިޔާނެ ކަމެއް ނޫނެވެ. އެހެނީ ރައްޔިތުން އެތިބީ އެދޭށެވެ. މެދުނުކެނޑި އެދޭނެއެވެ. އަނގަޔަކު މަލަމެއް ނޭޅޭނެއެވެ. ސަރުކާރުއައީ ރައްޔިތުންނަށް ކަންކަން ކޮށްދޭން ވައުދުވެގެންނެވެ. ސަރުކާރަށް ޖެހޭނީ މަގުހޯދައިގެން ރައްޔިތުންގެ ކަންކަން ފުރިހަމަ ކޮށްދޭށެވެ. ނުކޮށްދޭކަށް ހުއްޖަތެއް ނުދެއްކޭނެއެވެ. ” ނުކުރެވެންޏާ ފައިބާށޭ! ” ގޮވާނީ މިއަދަކު އިދިކޮޅު ސިޔާސީ ޕާޓީތަކުން އެކަންޏެއްވެސް ނޫނެވެ. ވެރިކަންކުރާ ޕާޓީންވެސް ގޮވާނެއެވެ. މިއަދަކު ރައްޔިތުން ބަލާނީކީ ވެރީންގެ ފަރިކަމާ އަބުއިކަމަކަށް ނޫނެވެ . ޚިދުމަތާއި އިޚުލާސްތެރި ކަމަށެވެ. ރައްޔިތުންނާއި ދެމެދު އޮންނަ ގާތްކަމަށެވެ. ސަރުކާރުގައި ބާރުހުރީތީ ވެރިމީހާ ރުއްސާކަށް މިއަދަކު ގާޒީން ހުކުމެއް ނުކުރާނެއެވެ. ބާޣީއަކަށް ވެދާނެތީ ބިރުން ސަރުކާރު ގޮވައިގެން ޝަރީއަތައް ދާންނުކެރިގެން ރައްޔިތުން ނުތިބޭނެއެވެ. ސަރުކާރުން ފޮނުވާ ބިލުތަކުގައި ސްޓޭމްޕު ޖަހާކަށް މަޖިލިސް އިއްތިފާގެއް ނުވާނެއެވެ. ސަރުކާރުން ބުނާމީހަކު ނުހޮވައިގެން ކަތީބުން ވަކިކުރާދުވަސް ދެން ގައިމުވެސް އަންނާކަށް ރައްޔިތުން ބޭނުމެއް ނުވާނެއެވެ.
މިއަދު ރާއްޖޭގެ މަސްރަހަށް ބަލާލާއިރު ސަރުކާރާ އިދިކޮޅަށް ޝަރީއަތުގައި މައްސަލައެއް ނުހިނގާ ދުވަހެއް އެބަދޭ ހެއްޔެވެ؟ ކޮންމެވެސް ދިމާލަކުން ސަރުކާރުގެ ސިޔާސަތައް ފާޑުނުކިޔާ ވަގުތެއް އެބަދޭ ހެއްޔެވެ؟ ސަރުކާރާ އިދިކޮޅަށް ހުކުމެއް ކުރާއިރު އަޑުތުރުތުރުލާ ކޮށި އަރައިގެން ހޮސްޕިޓަލުގައި އެޑްމިޓު ކުރާންޖެހޭ ފަނޑިޔާރެއް އެބައުޅޭ ހެއްޔެވެ؟ ސަރުކާރަށް ފާޑުކިޔައިގެން މުޒާހަރާ ކޮށްގެން ކިތައް ސިޔާސީ ކުށްވެރީން އެބަތިބި ހެއްޔެވެ؟ އެކަމަކު އިންސާފުން އެއްކިބާވެ ކަނޑައަޅާ ނިޔާއަކަށް އަނިޔާއޭ ކޮންމެ ބަޔަކުވެސް ބުނާނެއެވެ. ހަމައެހެންމެ މުޒާހަރާއޭ މިނިވަންކަމޭ ބުނެ ނުކުމެ މީހުންގެ ވިޔަފާރި ހުއްޓުވައި ދަތުރުފަތުރު ހުއްޓުވުމަކީ އެއްވެސް ސަރުކާރަކުން ގެއްލުންލިބޭ މީހުންގެ ހައްގުގައި ފިޔަވަޅު ނާޅައި ތިބޭންޖެހޭނެ ކަންކަމެއް ނޫނެވެ.

މިދުވަސް އަތުވެދާނެ ކަމުގެ އުންމީދެއް އަމުދުން ނެތިފައިތިބި ބަޔަކަށް ކުއްލިއަކަށް މިފެނި، އައި ބަދަލުގެ ސަބަބުން މުޅީން ހަމަޖެހިލައި ތަހުޒީބު މުޖުތަމައުތަކާއި އެއް ހަމަޔަކަށް ވިސްނުން ފޯރުވުމަށް ވެސް ވަގުތު ނަގާނެއެވެ. މިލިބުނު މިނިވަން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ނެތިގެން މާއަވަހަށް ކަންކަން އެދި ހާސިލްކުރުމަށްވެސް އުޅެވޭނެއެވެ. އެކަމަކު ޔަގީންވާ ކަމަކީ ދެން މިގައުމުގައި މިނޫން ގޮތަކަށް ވެރިކަން ކުރާނަމޭ ހީކޮށް، ނޫނީ ތިމާމެން ކުރީގައި ތިބި ބޮޑާ ކިބުރުވެރި ކަމުގައި ރައްޔިތުން އަޅުވެތި ކުރުމަށް ބޭނުންވެ ފެންބޮވައިގަނެގެން ރައްޔިތުން ވާވައްދާން އުޅުނަކަސް ދިވެހިރައްޔިތުން ދެން ކުރީގެ ތަޖުރިބާ އަނބުރާ އިއާދަ ކުރާކަށް ބޭނުމެއް ނުވާނެއެވެ. މިއަދު ދިވެހީން މިދެކެނީ އަދި އެންމެ ފުރިހަމަ ނުވިޔަސް ދިވެހީން އެދުނުފަދަ ވެރިކަމެކެވެ.