ޓެކްސް ބިލްތަކަށް ވިޔަފާރިވެރިންނާއި އިދިކޮޅު ފަރާތްތަކުން ގެންނަން ބޭނުންވާ އިސްލާޙްތައް ގެނައުމަށް ތައްޔާރަށް ހުންނެވި ކަމަށް އިބޫ ވިދާޅުވެއްޖެ

800 މިލިޔަން ޑޮލަރުގެ މައްސަލައިގައި މައުމޫން މަޖިލީހަށް ހާޒިރުކުރުމަށް މޫސަ ހުށަހެޅުއްވި

އިބްރާހީމް ރާމިޒް

ޓެކްސް ބިލްތަކަށް ވިޔަފާރިވެރިންނާއި އިދިކޮޅު ފަރާތްތަކުން ލާން ބޭނުންވާ އިސްލާޙްތައް ލުމަށް ތައްޔާރަށް ހުންނެވި ކަމަށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙަންމަދު ޞޯލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު އެމްޑީޕީ އޮފީހުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސް ކޮންފަރެންސެއްގައި އިބޫ ވިދާޅުވީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އައްޔަންކުރުމުގައި އެމްޑީޕީން ދޫދިން ގޮތަށް، ޓެކްސްބިލްތައް ފާސްކުރުމުގައި ވެސް ވިޔަފާރިވެރިންނާއި، އިދިކޮޅު ފަރާތްތަކުން އެ ބިލްތަކަށް ގެންނަން ބޭނުންވާ އިސްލާޙްތައް ގެނެސްގެން ނަމަވެސް ވީހާވެސް އަވަހަށް އެ ބިލްތައް ފާސްކޮށް ދައުލަތުގެ އާމްދަނީ އިތުރު ކުރެއްވުމަށް އެހީތެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ.
އިބޫ އަދި ވިދާޅުވީ މިއަދު މަޖިލީހަށް ބަލައިގަތް ދެ ބިލު ވެސް ބަލައިގެންފައިވަނީ ވަރަށް ހަނި އަޤްލަބިއްޔަތަކުން ކަމަށާއި، އެމްޑީޕީގެ ސިޔާސަތުތަކާ ކޮންމެވެސް ވަރަކަށް ފުށުއެރި ނަމަވެސް އިދިކޮޅު ފަރާތްތަކުން ގެންނަން ބޭނުންވާ އިސްލާޙްތައް ހިމަނައިގެން މިއަންނަ އޮކްޓޯބަރުމަހުގެ 1 ން ފެށިގެން ޓެކްސް ނެގޭނޭ ގޮތަށް ބިލްތައް ފާސްކުރުމަށް މަސައްކަތްކުރައްވާނޭ ކަމަށެވެ.
މިއަދުގެ ނޫސް ކޮންފަރެންސް ގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އާއި، އެ ޕާޓީގެ ޗެއަރޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކާއި، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަހީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ނޫސް ކޮންފަރެންސްގައި، 800 މިލިޔަން ޑޮލަރުގެ ޚިޔާނާތުގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އާއި އެމަނިކުފާނުގެ ކޮއްކޯފުޅު ޢަބްދުﷲ ޔާމީން ގެ މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީން ބަލަމުންދާތީ އެކަމުގެ ތަފްސީލް ވެސް މޫސާ މަނިކާއި، އަލީ ވަހީދު ދެއްވިއެވެ.
މިއަދު އޮތް ކޮމިޓީ ބައްދަލުވުމުގައި މޫސަ ވަނީ މައުމޫނާއި، ޔާމީން މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅުއްވާފައެވެ. އަދި މި ކޮމިޓީގެ ގިނަ މެންބަރުން ވަނީ އެކަމަށް ތާޢީދު ވެސް ކުރައްވާފައެވެ.