ލިޔުއްވީ: އަލްޙާފިޒް އަޙުމަދު ޒަކީ – އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް
ކުރީޒަމާނުގައި ދަތުރުފަތުރުކޮށް އުޅުނު ވަސީލަތްތަކާއި މިޒަމާނުގައި ދަތުފަތުރުކޮށް އުޅޭ ވަސީލަތްތަކާއި، ދެމެދު ވަރަށް ބޮޑު ތަފާތުތަކެއް ވެއެވެ. ކުރީޒަމާނުގައި ދަތުރުކޮށް އުޅުނީ އަސް، ޖަމަލު، ހިމާރު، ބަޣަލް އަދި ނާފަހަރު ފަދަ އުޅަނދުގައެވެ. މިއަދު ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އެއްތަނުން އަނެއް ތަނަށް ނަގުލުކޮށްދޭ ވަސީލަތްތައް ވަނީ ވަރަށް މަތީ ދަރަޖައަކަށް ތަރައްޤީވެފައެވެ. މަތިންދާ ބޯޓާއި ކަނޑުމަތީގައާއި، ކަނޑުއަޑީގައި ހަލުވި ކަމާއެކު ދުވެފައިދާ އުޅަނދުތަކެވެ. ބިންމަތީގައި ދުއްވާ ސަވާރީގެ ތެރޭގައި އިންޖީނުގެ ބާރުން ދުއްވާ އެއްޗިއްސާއި، ކަރަންޓުގެ ބާރުން ދުއްވާ އެއްޗެތި ގިނަގުނައެވެ.
މިތަކެއްޗަށް ސަވާރުވެގެން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަކީ ވަރަށް ފަސޭހަ އަދި އެހާމެ އަވަސް ކަމެކެވެ. ކުރީޒަމާނުގައި މަސް ދެމަހުން ނޫނީ ނުދެވޭ ތަންތަނަށް މިއަދު މަދު ގަޑިތަކެއްގެ ތެރޭގައި ދެވެއެވެ. އިސްވެ ދެންނެވި ސަބަބުތަކަށްޓަކައި، މިއަދު ދުނިޔޭގެ އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ މުސްލިމުންގެ ހިތްތަކުގައި އުފެދޭ ސުވާލަކީ މިއަދުވެސް ކުރީޒަމާނެކޭ އެއްފަދައިން ދަތުރުމަތީގައި ރޯދަ ވީއްލުމަކީ ހުއްދަ ކަމެއް ބާއެވެ؟ މިސުވާލުގެ ޖަވާބަކީ ދަތުރުކުރާ މީހާގެ ދަތުރަކީ ހުއްދަ ދަތުރެއް ކަމުގައި ވަނީ ނަމަ އެއްވެސް ޝައްކެއް ނެތި ރޯދަ ވީއްލުމަކީ ދަތުރު ދެމިއޮތްހާ ހިނދަކު ހުއްދަކަމެކެވެ. ނަމަވެސް ފަހުން އެރޯދަ ޤަޟާ ކުރެވޭގޮތް ދިމާވުމުން ޤަޟާކުރަން ޖެހޭނެއެވެ. މިކަމުގެ ދަލީލަކީ: ސޫރަތުލް ބަޤަރާގެ 185 ވަނަ އާޔަތުގައިވާ” އަދި ބަލިމީހާއާއި، ދަތުރެއްގެ މަތީގައިވާ މީހާ (ރޯދަ ވީއްލައި) އެހެން ދުވަސްތަކެއްގައި އެރޯދަ ފުރިހަމަ ކުރާނީއެވެ.” އަލްއިމާމު މުސްލިމް ރިވާކުރެއްވި ހަދީޘް އެއްގައި ވެއެވެ. އިބުނު ޢަމްރުލް އަސްލަމީ އޭ ކިޔުނު ސަޙާބީއަކު ކީރިތި ރަސޫލާއަށް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ހަމަކަށަވަރުން ދަތުރުމަތީގައި ރޯދަ ހިފޭހާ ވަރު ތިމަންގައިގާ އެބަހުއްޓެވެ. ރޯދައަށް ހުރެއްޖެނަމަ ތިމަންނަޔަށް އެއްވެސް ފާފަ އެއްވާނެތޯއެވެ؟ އިތުރު ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވިއެވެ. “އެއީ ﷲގެ ހަޟްރަތުން ވާ ލުއިފަސޭހަކަމެކެވެ. ފަހެ އެލުއި ފަސޭހަކުމަގައި ހިފައިފި މީހާ (ދަންނާށެވެ!) ފަހެ އެއީ ރިވެތި ހެޔޮކަން ބޮޑު ގޮތެވެ. އަދި ދަތުރު މަތީގައި ރޯދަ ހިފުމަށް އެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ އޭނާގެ މައްޗަށް ކުށެއް ނެތެވެ، ދަތުރު މަތީގައި ރޯދަ ވީއްލުމުގެ ލުއިފަސޭހަކަން ދެއްވި ﷲއީ އެއިލާހުގެ އަޅުތަކުން މިޒަމާނުގައި ވެސް އަދި ފަހުން ވެސް ދަތުރުފަތުރުކޮށް އުޅޭނޭ ސަވާރީތައް އެންމެ ފުރިހަމައަށް ދެނެވޮޑިގެންވާ އިލާހެވެ. މިހަޤީޤަތަށް އިޝާރާތްކުރައްވާފައިވާ އެއިލާހުގެ ވަހީބަސްފުޅެއްގެ މާނައިގައި ވެއެވެ. “އަދި އަހާއި، ބަޢަލް އާއި ހިމާރު (އެއިލާހު ހެއްދެވިއެވެ.) އެއީ ތިޔަބައި މީހުން އެތަކެއްޗަށް ސަވާރު ވުމަށާއި، ޒީނަތްތެރިކަމުގެ ގޮތުންނެވެ. އަދި އެއިލާހު (ސަވާރީގެ ތެރެއިން ތިޔަބައިމީހުން ނުދަންނަ ތަކެތި ހައްދަވައެވެ.)” (ސޫރަތުލް ނަޙުލުގެ 8) މިއާޔަތުގެ ފަހު ޖުމްލައިގައިވާ އަޅުގަނޑުމެންނަށް ނޭނގޭ ސަވާރީތައް ހައްދަވައޭ އެވާ ބަސްފުޅުގެ މުރާދަކީ ޤިޔާމަތްދުވަހާއި ޖެހެންދެން އީޖާދުވަމުންދާނޭ ސަވާރީތަކެވެ. މިބަސްފުޅަކީ ކީރިތި ޤުރުއާނުގެ (އިޢްޖާޒު)ގެ މައްޗަށް ދަލީލުކުރާ ބަސްފުޅެކެވެ.