މަޙްލޫފް އާއި އިލްހާމް އަދި އަލީ އާރިފް މަޖިލީހުން ބޭރުކޮށްފި

14.20: އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވީ ސަރުކާރުން ޓެކްސް ނެގުމުގެ ސަބަބުން ރޯދަމަހަށް ބަޔަކަށް ލުޔެއް ލިބިދާނެތީ އިދކޮޅު ފަރާތްތަކުން ކަންބޮޑުވަނީ ކަމަށް

13.50: ނިހާންގެ ނަން ރިޔާސަތުން އިއްވުމުން އޭނާ މަޖިލީހުން ނިކުމެވަޑައިގެންފި

13.30: ޖަލްސާގެ ނިޒާމް ގެއްލުވާލުމަށްޓަކައި މައުމޫނަށް ވާގިވެރިވާ މެންބަރުން މަސައްކަތްކުރައްވަމުން އެބަގެންދަވާ. އެ ގޮތުން ނިހާން ވަނީ އިދާރީ މޭޒުކުރިމައްޗަށް ގޮސް އަޑުގަދަކުރައްވާފައި. އަދި ޕީއޭ އާއި މައުމޫނަށް ވާގިވެރިވާ ޑީއާރުޕީގެ މަދު މެންބަރުންކޮޅު ކޮޅަށް ތެދުވެވަޑައިގެން މަޖިލިސް ހަލަބޮލިކުރުމަށް ކެނޑިނޭޅި މަސައްކަތްކުރައްވަމުން އެބަގެންދަވާ

13.00: އަލުން ޖަލްސާ ފެށިގެން ކުރިޔަށް އެބަދޭ

12.50: މަޖިލީހުގެ ނައިބު ރައީސް މިހާރު މަޖިލިސް ހިންގަވަމުން އެ ގެންދަވަނީ މަޖިލީހުގެ ހިންގާ ގަވައިދާ އެއްގޮތަށް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެ. އިބޫ އިތުރަށް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިއުމަށް ހުރަސްއަޅަމުން ދަނީ ސަރުކާރުގެ އިޤްތިޞާދީ އިސްލާޙްތަކަށް ހުރަސްއެޅުމަށް ކަމަށް.

12.40: އަލީ ވަހީދަށް މަޙްލޫފް ހަމަލާދިން މައްސަލަ، އެމްޑީޕީގެ ޗެއަރޕާސަން ކުށްވެރިކުރައްވައިފި. މޫސަ ދެންމެ އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ” މަޙްލޫފްގެ ނަން ރިޔާސަތުން އިއްވައި ބޭރުކުރީ އަލީ ވަހީދު ވިދާޅުވެގެން ނޫން ކަމަށާއި، މަޖިލީހުގެ ޖަލްސާ ނުބޭއްވި އެތައް ދުވަހެއްވެ، އާންމު ރައްޔިތުންނަށް މުހިންމު ބިލުތަކެއް ފާސްނުކުރެވި ހުރުމުގެ ސަބަބުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލިސް ކުރިޔަށް ގެންދިއުމަށް ކުރަމުންދާ ހިއްވަރުގަދަ މަސައްކަތަށް މައުމޫނަށް ވާގިވެރިވާ ބަޔަކު ހުރަސް އެޅިޔަސް މަޖިލީހުގެ ޖަލްސާ ހުއްޓިގެން ނުވާނެ ކަމަށް. އަދި ރިޔާސަތުން ގަވައިދާ އެއް ގޮތަށް އަމަލުކުރަމުން ގެންދާތީ އުފާފުޅުކުރައްވާ ކަމަށް”

12.30: އަލީ އާރިފް ވެސް މަޖިލީހުން ނެރެފި.

12.15: ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ވެސް ޖަލްސާ އަށް ހުރަސްއަޅަން މަސައްކަތްކުރައްވަމުން އެބަގެންދަވާ

12.10: ސިފައިން ޗެންބަރަށް ވަދެ އިލްހާމް ވެސް ނެރެފި

12.00: މަޖިލީހުގެ ގަވައިދާ އެއް ގޮތަށް މިހާރު ރިޔާސަތުން އަމަލުކުރައްވަމުން ގެންދަވާތީ މަޖިލީހުގެ ޖަލްސާ ކުރިޔަށް ގެންދެވޭނޭ ކަމަށް ލަފާކުރައްވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެ

11.45: ގަމަނަފުށީ ދާއިރާގެ މެންބަރު އިލްހާމްގެ ނަން ރިޔާސަތުން އިއްވުމުން ވެސް އޭނާ މަޖިލީހުގެ ތަޅުން ދޫކޮށް ވަޑައިގެންފައިނުވާތީ، އޭނާ ނިކުމެވަޑައިގަންނަވަންދެން ޖަލްސާ މެދުކަނޑާލައިފި

11.30: 30 މިނެޓްގެ ހުސްވަގުތު ކޮޅަކަށްފަހު މަޖިލިސް އަލުން ފަށައިފި

11.15: އަލީ ވަހީދުގެ ގައިކޮޅުގައި ޖެއްސެވިކަމަށް މަހުލޫފް އެއްބަސްވެ ވަޑައިގެންފި ކަމަށް މީޑިއާތަކުން މައުލޫމާތުދޭ

11.07: އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިލްޔާސް ލަބީބު ދެންމެ އެމްޑީޕީ ވެބްސައިޓަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މަޖިލީހުގެ ފުލް ޖަލްސާ އެއް މިއަދު ބާއްވާފައި ނޫނީ ޗެންބަރުން ބޭރަށް އެމްޑީޕީގެ އެއްވެސް މެންބަރަކު ވަޑައިނުގަންނަވާނޭ ކަމަށް. އަދި މަޖިލިސްގެ ގަވައިދާ އެއް ގޮތަށް ނަން އިއްވައި ބޭރުކުރަންޖެހޭ ހުރިހާ މެންބަރުން ބޭރުކުރުމަށްފަހު ވެސް މިއަދު ޖަލްސާ ބާއްވާނެ ކަމަށް އިލްޔާސް ލަބީބު ވިދާޅުވި.

11.05: މަހުލޫފް އަލީ ވަހީދުގެ ބުރަކަށީގައި ދެ އަތުން ޖެހިތަން ބައެއް ނޫސްވެރިންނަށް ފެނިފައިވޭ

11.00: މަޖިލީހުހެ ގޯތިތެރޭގައި މެންބަރުން މާރާމާރީ ހިންގައިފި ކަމަށް ޚަބަރުލިބެމުން އެބަދޭ. އަދި އެމްޑީޕީ އަށް ތާޢީދުކުރާ ގިނަ އަދަދެއްގެ މީހުންނާއި، މައުމޫނަށް ވާގިވެރިވާ ބަޔަކު މަޖިލިސްކުރާ ގޭދޮށުގައި މުޒާހަރާކުރަމުން އެބަދޭ

10.57: ސިފައިން މަހުލޫފް ޗެންބަރުން ނެރެފި

10.55: މަހުލޫފް ޗެންބަރުން ނެރެން ސިފައިންނަށް ނާޒިމް އަންގައިފި

10.45: މަހުލޫފް މަޖިލީހުންނެރުން ލަސްވާތީ އެމްޑީޕީ މެންބަރުން ހިންހަމަނުޖެހުން ފާޅުކުރައްވަމުން އެބަގެންދަވާ

10.30: މަޙުލޫފަށް މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން ފަހުގެ އިންޒާރުދީފި

9.50: މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަވާ ސިފައިންގެ ބޭފުޅުން މަޖިލީހަށް ވަދެވަޑައިގެން މަޖިލީހުން ނިކުމެވަޑައިގަތުން އެދި މަޙްލޫފަށް ނަސޭޙަތްތެރިވަމުން އެބަދޭ

9.30: މަޙްލޫފު ނެރެންދެން ޖަލްސާ މެދުކަނޑާލައިފި. މަޖިލީހުގެ ރިޔާސަތަށް ލިބިގެންވާ ބާރުގެ ދަށުން މަޙްލޫފް ބޭރުކުރައްވާނޭ ކަމަށް ނާޒިމް ވިދާޅުވެއްޖެ. ނާޒިމް ވިދާޅުވީ އެ މެންބަރެއްގެ ކަރާމަތަށް އުނިކަން ނުލިބޭ ގޮތެއްގެ މަތިން އެ މެންބަރަކު މަޖިލީހުން ނެރުމުގެ ބާރު ރިޔާސަތަށް ލިބިގެންވާ ކަމަށް

9.24: އެމްޑީޕީގެ މެންބަރުން ރޭ ވެސް ތިއްބެވީ މަޖިލީހުގެ ފްލޯރގައި. އެމްޑީޕީން ބުނަމުންދަނީ ދައުލަތަށް އާމްދަނީ ލިބި ތަރައްޤީގެ މަޝްރޫޢުތައް ހަލުވިވެ، ސަރުކާރުގެ ތާޢީދު މިހާރަށް ވުރެވެސް އިތުރުވެދާނީ އިދިކޮޅު ފަރާތްތަކުން ބިރުގަނެ، މަޖިލީހުގެ ޖަލްސާތައް ހުއްޓުވަނީ ކަމަށް.

9.12: ރިޔާސަތުން މަޙުލޫފްގެ ނަން އިއްވައިފި. މަޙުލޫފް ނިކުމެވަޑައިގަންނަވާކަށް ނޫޅުއްވާ

9.10: މަޙްލޫފް އިދާރީ މޭޒަށް ހުރަސްއަޅުއްވައި، ޖެއްސުންކުރައްވަމުން އެބަގެންދަވާ

9.05: ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޙްލޫފް އަޑުގަދަކުރައްވަން ފައްޓަވައިފި.

9.00: މަޖިލީހުގެ ޖަލްސާ ފަށައިފި. މަޖިލީހުގެ ޖަލްސާ ގެ ރިޔާސަތުގައި އިންނެވީ މިއަދުގެ ޖަލްސާ އަށް ވަޑައިނުގަންނަވާނޭ ކަމަށް މީޑިއާގައި ވިދާޅުވި، އެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް. އޭނާ ކުރިން ވިދާޅުވީ މަޖިލީހުގައި ހިސޯރުވެގެން އިންނަން ބޭނުންފުޅުނުވާ ކަމަށް.

8.50: އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން އަދިވެސް މަޖިލިސްކުރާ ގޭގެ ޗެންބަރުގައި އެބަތިއްބެވި. އެ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ މަޖިލީހުގެ ޖަލްސާ އެއް ބާއްވާފައި ނޫނީ އެނބުރި ގެއަށް ވަޑައިނުގަންނަވާނޭ ކަމަށް. “މިއަދާ މިރޭ އެކަންޏެއް ނޫން. މިމަހާއި އަހަރުގެ އަންނަން ހުރި މަސްތަކާ އަދި އަންނަން ހުރި އަހަރުތަކުގައި މަޑުކުރަންޖެހުނު ނަމަވެސް އަހަރެމެން މިތިބީ ޗެމްބަރު ދޫކޮށް ދާގޮތަކަށް ނޫން. މިއީ އެމްޑީޕީގެ ފައިދާއަކަށް އެކަނި ކުރާކަމެއް ނޫން. ރާއްޖޭގެ ރައްޔިތުންނަށްޓަކާ ކޮންމެހެން ކުރަންޖެހިގެން ކުރާ ކަމެއް” އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ދިއްދޫ ދާއިރާގެ މެންބަރު އަޙުމަދު ސަމީރު ރޭ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.