އެމް.ޖޭ.އޭ އިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގައި އެހީތެރިކަން ދޭނެކަމަށް އެމްޑީޕީން ބުނެފި

16 މެއި 2010

mdp-logo mja-logo

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކޮށް، އެމަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގައި އެޕާޓީގެ އެހީތެރިކަން ދޭނެކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، (އެމްޑީޕީ)ން ބުނެފިއެވެ. އެމް.ޑީ.ޕީން މިކަން ހާމަކޮށްފައިވަނީ މިމަހުގެ 13ވީ އަންގާރަ ދުވަހު އެޕާޓީގެ ސެކްރެޓޭރިއަޓްގައި އެމްޖޭއޭ އާ އެކު އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުކުރުމުގައި އަދި އެމްޑީޕީން ކަންބޮޑުވާ ބައެއް ކަންތައްތައް ފާހަގަކުރަމުން، ނޫސްވެރިކަމާއި ގުޅުން ހުރި ބައެއް ބިލުތަކުގެ ވާހަކައާއި، ނޫސްވެރިންނަށް ދިމާވާ ނުރައްކާތަކާއި ބިރުތަކުގެ ވާހަކައަށް އަލިއަޅުވާލަމުން، މިހާރު އެފަދަ ނުރައްކާތެރިކަމެއް އޮތްތޯ ޕާލަމެންޓަރީ ގްރޫޕުން ވަނީ ސުވާލުކޮށްފައެވެ. ހަމަ އެހެންމެ ޓީވީގެ އެޑިޓޯރިއަލް ކޮންޓެންޓަށް ނުފޫޒު ފޯރުވަން އަންގާފައި ނުވާނެކަމަށް އިޝާރާތް ކުރައްވަމުން، ބައެއް މީޑިއާތަކުން ޚަބަރުފަތުރަމުންދާ ގޮތާމެދު ހިތްހަމަ ނުޖެހޭކަން އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން ފާޅުކޮށްފައިވެއެވެ.
އެމް.ޖޭ.އޭގެ ހިންގާ ކޮމެޓީ އެކުލެވިފައި އޮތް ގޮތާމެދު ޕާލަމެންޓްރީ ގުރޫޕުން ސުވާލުކޮށް، އެމް.ޖޭ.އޭގައިވެސް ސިޔާސީ ފިކުރު ހުރިކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އަދި ނޫސްވެރިކަން ހަރުދަނާ ކުރުމަށް އެމް.ޖޭ.އޭ އިން ކުރާ މަސައްކަތްތަކާއި ބެހޭ ގޮތުންވެސް ޕާލަމެންޓަރީ ގްރޫޕުން ވަނީ ސުވާލުކޮށްފައެވެ.
މި ބައްދަލުކުރުމުގައި ނޫސްވެރިކަން ހަރުދަނާ ކުރުމުގެ ގޮތުން އެމް.ޖޭ.އޭ އުފެދުނީއްސުރެ ކުރަމުން އަންނަ ކަންކަމާއި ކުރިއަށް ހުރި ބައެއް ކަންކަން ޕާލަމެންޓަރީ ގުރޫޕާ ހިއްސާކުރެވުނެވެ. އަދި އެކުވެރި މާހައުލެއްގައި މި ދެފަރާތުގެ މެދުގައި ބޭއްވުނު މިބައްދަލުވުން ނިންމާލީ، ނޫސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، މިނިވަން މުސްތަގިއްލު ދާއިރާއެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުގައި ދެފަރާތް ގުޅިގެން ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް އެއްބަސްވެގެންނެވެ.