13 މެއި 2010
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޭ ސަބްސިޑީގެ މަސައްކަތަށް އެހީތެރިވެދިނުމަށާއި، ހަލުވިކަމާއެކު އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ޓާސްކް ފޯހެއް އުފައްދަވައިފިއެވެ.
މި ޓާސްކް ފޯސްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބު މުޙައްމަދު ފިރާޤު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓެރީ ޑޮކްޓަރ ޙުސައިން ނިޔާޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓެރީ ޝުޢައިބު ޢަލީ، ސްޓޭޓް އިލްކެޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޗެއަރމަން ޙަސަން ޒާހިރު، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު އާދަމް ޢަބްދުލްޣަފޫރު، ރ. އަތޮޅުގެ ކުރީގެ މެންބަރު ރ.ކަނދޮޅުދޫ ފިނިފެންމާގޭ ޢަލީ ވަޙީދު އަދި ގ. ޒަމާނީގުލްޝަން މުޙަންމަދު ޢަބްދުﷲ އެވެ.
އެންސްޕާގެ މަސައްކަތްތައް ހަލުވި ކުރުމަށް ސީދާ ރައިސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އިސްނެންގެވުމުގެ މަތިން މަސައްކަތްކުރައްވަމުން މިދާ ދަނޑިވަޅުގައި، ކަރަންޓްގެ އަގުމައްޗަށް ދިއުމާއި ދެކޮޅަށް ޑީއާރުޕީން އިސްނަގައިގެންކުރާ މުޒާހަރާއަކަށް އެޕާޓީން ދަނީ ތައްޔާރުވަމުންނެވެ. މި މުޒާހަރާ، މިރޭ ސުނާމީ ބިނާ ސަރަހައްދުގައި އޮންނާނެކަމަށް ޑީއާރުޕީން ބުނެއެވެ. ޑީއާރުޕީ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެޕާޓީގެ ކައުންސިލް މެންބަރ އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ޑީއާރުޕީއިސްނަގައިގެން މިރޭ ސަރުކާރަށް “ރެޑް ނޯޓިސް” ދޭން މިކުރާ މުޒާހަރާގައި ސިޔާސީ ޕާޓީތަކާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާނެ ކަމަށެވެ. އަދި މުޒާހަރާތައް ކުރުން ހުއްޓާލާނީ ކުރިންވެސް ކަރަންޓް ޔުނިޓަކަށް ނަގަމުންދިޔަ އަގަށް ހަމަޖެހުމުން ކަމަށް ވިދާޅުވިއެވެ.
އެހެން ނަމަވެސް ދެމެހެއްޓެނިވި ގޮތަކަށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ސްޓެލްކޯ އިން ކަރަންޓުގެ އަގުތަކަށް ބަދަލު ގެނައުމަށްފަހު، އެންސްޕާ އިން ދަނީ ކަރަންޓު ބިލު ދެއްކުމުގައި ދަތިވާ ފަރާތްތަކަށް ސަބްސިޑީޒް ދެމުންނެވެ. އަދި ފިއުލް ސާޗާޖުގެ ގޮތުގައި ކަރަންޓް ބިލަށް އިތުރުވާ ބައި ވެސް އެންސްޕާއިން ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ކަރަންޓްގެ އަގު ބޮޑުވުމާ ގުޅިގެން އެމްޑީޕީން ވެސް ވަނީ ސުލްހްވެރި މުޒާހަރާ އެއް ކޮށްފައެވެ. އަދި ކަރަންޓްގެ އަގަށް އައި ބަދަލާ ގުޅިގެން ސަބްސިޑީ ދިނުން އަވަސްކުރުމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން ސަރުކާރަށް ބާރު އެޅުމުގެ ގޮތުން ދަރުބާރުގޭގައި ނޫސްކޮންފަރެންސެއް ވެސް ބާއްވާފައި ވެއެވެ.