އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ކަމަށް ހިންނަވަރު ދާއިރާގެ މެންބަރު އިބޫ ހޮވިވަޑައިގެންފި

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ކަމަށް ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) ހޮވިވަޑައިގެންފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ކަމުގެ މަގާމު އަދާކުރައްވަމުން ގެންދެވި ހުޅުހެންވޭރު ދާއިރާގެ މެންބަރު (ރީކޯ) މޫސާ މަނިކު އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ހޮވިވަޑައިގަތުމުން، ޕީޖީ ލީޑަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް މިއަދު އެޕާޓީގެ މައި ސެކްރެޓެރިއަޓް ގައި ބޭއްވި އިންތިޚާބުގައި އިބޫ އަށް ލިބިވަޑައިގެންނެވީ 30 ވޯޓެވެ. ޖުމްލަ 32 މެންބަރުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި އިރު އޭގެ ތެރެއިން 2 ވޯޓު ވަނީ ބާޠިލް ވެފައެވެ.
މި އިންތިޚާބުގެ ވޯޓުލެއްވުމަށް ހާޒިރުވެވަޑައި ނުގަންނަވަނީ 2 މެންބަރެކެވެ. އެއީ ނޮޅިވަރަމް ދާއިރާގެ މެންބަރު (ކާނަލް) މުޙަންމަދު ނަޝީދާއި، މަރަދޫ ދާއިރާގެ މެންބަރު ޙަސަން އާދިލް އެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރުކަމަށް އިންތިޚާބުވެވަޑައިގެންނެވުމަށްފަހު، ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ މިހާރަށް ވުރެ ވެސް ޕާލަމެންޓްރީ ގްރޫޕްގެ މަސައްކަތްތައް ރަގަޅުކުރުމަށް އެ ގްރޫޕްގެ ހިންގާ ގަވައިދު އިސްލާޙް ކުރުމުގެ މަސައްކަތާއި، ވޯޓުދިނުމާއި ވޯޓު ހޯދުމުގައި މިހާރަށްވުރެ ހަރުދަނާ އުސޫލުތަކެއް ގާއިމްކުރެއްވުމަށް މަސައްކަތްކުރައްވާނޭ ކަމަށެވެ.
އިބޫ އިތުރަށް ވިދާޅުވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި އެންމެ 25 މެންބަރުންނާ އެކު މޫސަ މަސައްކަތްފައްޓަވައިގެން ދަތި ދުވަސްވަރެއްގައި ހިއްވަރާއި ކެތްތެރިކަމާއެކު ކުރެއްވި މަސައްކަތަށް ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުން ދެ ގޮތެއް ނުވެ އެއްބައިވަންތަކަމާއެކު ދެއްވި އެއްބާރުލެއްވުން އެމަނިކުފާނަށް ވެސް ލިބިވަޑައިގަންނަވާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށާއި، ކުރިއެކޭ ވެސް އެއް ފަދައިން މަސައްކަތް ކުރައްވާނީ މިހާރުގެ ގައުމީ ތަރައްގީގެ އޮނިގަނޑު ކަމަށްވާ އެމްޑީޕީގެ މެނިފެސްޓޯ އާއި އެޕާޓީގެ ސިޔާސަތުތައް ދިފާއުކޮށް ކުރިއެރުވުމަށް ކަމަށެވެ.
އަދި މަޖިލިސް މިހާރު އޮތްގޮތުން ދެ ބައިވެފައިވާ ކަމަށާއި، ނަތީޖާ ވަކިކޮޅަކަށް އެނބުރެނީ މިނިވަން މެންބަރުންގެ ވޯޓުން ކަމަށެވެ. އެހެން ކަމުން އެމްޑީޕީން ކުރާ މަސައްކަތަށް އެއްބާރުލުން ދެއްވުމަށް މިނިވަން މެންބަރުންގެ ކިބައިން އިބޫ އެދިވަޑައިގެންނެވިއެވެ.