މާރިޔާ އެކަމަނާ އަށް ވޯޓުދެއްވި މެންބަރުންނަށް ޝުކުރުއަދާކުރައްވައިފި

އިބްރާހީމް ރާމިޒް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕާސަން ކަމުގެ މަގާމުން އިއްޔެ އިސްތިއުފާދެއްވާފައިވާ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ، ޖޭއެސްސީގެ މެންބަރުކަމަށް މިއަދު ހޮވުނު މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އަށް މަރުހަބާ ވިދާޅުވެ، އެކަމަނާ އަށް މިއަދު ވޯޓުދެއްވި މެންބަރުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.
އެމްޑީޕީ ވެބްސައިޓަށް ދެންމެ ފޯނުން މައުލޫމާތު ދެއްވަމުން މާރިޔާ ވިދާޅުވީ ” އަޅުގަނޑު ޖޭއެސްސީގެ މެންބަރަކަށް އައްޔަންކުރުމަށް މިއަދު ވޯޓުދެއްވި ހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މިއަދު ޖޭއެސްސީގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރުމަށް ފާސްކުރެއްވި، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން. އަޅުގަނޑު އުއްމީދުކުރަން ޖޭއެސްސީގައި ގާސިމް އިބްރާހީމް އިޚްލާސްތެރިކަމާއެކު، އާންމު ރައްޔިތުންނާއި، ގައުމީ މަސްލަޙަތަށް އިސްކަން ދެއްވައިގެން ރައްޔިތުންނަށް ލާބައާއި މަންފާހުރި ގޮތުގައި މަސައްކަތްކޮށްދެއްވާނެ ކަމަށް.”
މިއަދުގެ ޖަލްސާގައި ގާސިމް އިބްރާހިމް ޖޭއެސްސީގެ މެންބަރު ކަމަށް ހަމަޖެއްސުމަށް ފެންނަކަމަށް ވޯޓް ދެއްވީ ޖަލްސާއަށް ހާޒިރުވި 74 މެންބަރުންގެ ތެރެއިން 38 މެންބަރުންނެވެ. އަދި ގާސިމް އެ ކޮމިޝަންގެ މެންބަރު ކަމަށް ކަނޑައެޅުމަށް ނުފެންނަ ކަމަށް ވޯޓް ދެއްވީ 36 މެންބަރުނެވެ.
އެމްޑީޕީގެ ފަރާތުން ޖޭއެސްސީގެ މެންބަރު ކަމަށް ހުށަހެޅުއްވި މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 36 ވޯޓެވެ. އަދި މާރިޔާއާ އެ ކޮމިޝަންގެ މެންބަރަކަށް ހޮވެވުމަށް ނުފެންނަ ކަމަށް ވޯޓް ދެއްވީ 37 މެންބަރުނެވެ. އަދި ވަކިކޮޅަށް ވޯޓް ނުދެއްވާ އެއް މެންބަރުކު އިންނެވި އެވެ.