މެންބަރުންގެ ޚިޔާލު: ކަރުތާފެނުގައި ތިބެގެން ކަރުގޮހޮރު ނުއުކާށެވެ!!!

ފުނަމާ

އަޖާއިބު އަންތަރީސްވާ ވަރުގެ ކަމެކެވެ. ބޮޑުކީހާ ކަރަންޓު ބުރުމާއިންވެސް މިގޮވަނީ އެއްއަޑެކެވެ. އަދިހަމަ އެހެންމެ ފިނިފެންމަލުގެ ފިޔަކޮޅު ވަޔާ ބުރައިގެން ދާއިރުވެސް އިވެނީ ހަމަ އެއަޑެވެ. މިސަރުކާރު ވެރިކަމަށް ގެނައީ ތިމަންނާމެންކަމުގެ ދައުވާއެވެ. މާދަމާ އެބުނާ ޒެޑޭމެންވެސް ގޮވާނީ މިހެންކަން ނޭނގެއެވެ. މަލްޓިޕާޓީ ސިސްޓަމަކީ އިސްލާމްދީނާ މުޅީން ޚިލާފު ކަމެއްކަމުގައި ، ޑިމޮކްރަސީއަކީ އިސްލާމީ ޝަރީޢަތާ މުޅީން ޚިލާފު އެއްޗެއް ކަމުގައި ކުރީން އެންމެ ބޮޑަށް ފަތުވާ ދެމުން ގެންދިޔަ އަދާލަތުންވެސް މިއަދު މިބުނަނީ މިސަރުކާރު ވެރިކަމަށް ގެނައީ އެމީހުން އެކަނިކަމުގައެވެ. އެހެންވީއިރު އެމްޑީޕީގެ މީހުން ކުރީ ކީއްބާވައެވެ؟ ރާއްޖޭގެ ރައީސްކަމަށް ގ. ކެނެރީގޭ މުޙަންމަދު ނަޝީދު، ރަނިންގ މޭޓަކަށް ގައުމީ އިއްތިހާދުގެ ލީޑަރ އާއިއެކު ކުރިމަތިލެއްވީ ކޮން ހައިސިއްޔަތަކުން ބާވައެވެ؟ ހަސަނަކާއި، އިބުރާހިމަކާއި، ގާސިމަކު އެމްޑީޕީ އާއިއެކު ކޯލިޝަން ހެދީ ވެރިކަމަށް ކުރިމަތިލައި ރައްޔިތުން އެމީހުންނަށް ވެރިކަން ދިނުމުން އެވެރިކަން ކުރަން ބޭނުން ނުވެގެން ތަބަކަކަށް ލާފައި އެވެރިކަން އެމްޑީޕީއަށް ދޭންވެގެން ހެއްޔެވެ؟ އެހެންޏާފަހެ، އިބުރާހީމު ނޫން އެހެން އެންމެންގެ އަމަލުން ހީވަނީ އެހެން ކަންތައް ކޮށްފައިތިބިހެނެވެ. ކިތަންމެ ލަދެއް ގަތަސް ބުނެވެން އޮތީ މިބުނާ ހަސަނަކާއި، ގާސިމަކު ފަހަތަށް ޖެހުނީ ވެރިކަމަށް ކުރިމަތިލައި ރައްޔިތުން ބަލައިނުގަތީމައެވެ. ފެއިލްވީމައެވެ. އެބުނާ ބުރުމާއެއް އައީވެސް ކުރީގެ ރައީސްގެ ގޭދޮށުގައި ސަލާން ޖަހައިގެންވެސް އަޅާނުލީމާކަން މިއަދު މިވަނީ ފަޅާއެރާފައެވެ. ވީއިރު މިކިޔަނީ ކޮންއެއްޗެކޭ ހެއްޔެވެ؟ ހަސަނު ތުންފިއްތަމުން ދިޔައީ ބޭނުންހާ ގޮތަކަށް ކަންކުރާން ބާރުނުދިނީމައެވެ. އެނޫނަސް އެބުނާ ބުރުމާޔަކާ ހަސަނަކާ ކުރީންވެސް އުޅުނީ އެއްގޮތަކަށްކަން އެބައެނގެއެވެ. ކުރީ ސަރުކާރުން ނުކުތީވެސް ބޮޑާހާކައި ކުސްތަޅަމުންނެވެ. މިއަދުވެސް އެއުޅެނީ އެހާލުގައެވެ. ދެންތިބީ އެބުނާ އިލްމުވެރީންނެވެ. ޙާލުހުރި ގޮތަކީ ތިމާމެން އެއްފަހަރު ދައްކާ ވާހަކައެއް އަނެއްފަހަރަކު ދިމަލެއް ނުވެއެވެ. އިސްލާމް ދީނުގައި ފޮޓޯނެގެން ހަރާމޭ ބުނެފައި ކެމްޕެއިން ތަކުގައި ފެނުނީ ކޮންމެ މީހެއްގެ ފޮޓޯ ވޯލްޕޭޕަރެއްހެން ހަދައި މުޅިރާއްޖޭގައި ހިއްޕަމުން ދުވިތަނެވެ. މީހަކާ އެކުވެސް ސުލްޙަވެރި ކަމާއެކު މުއާހަދާއެއް ކޮށްފިނަމަ އެއަށް ޙުރުމަތްތެރިކޮށް ހިތުމަކީ އިސްލާމީ ފަލްސަފާއެކެވެ. އެހެނަސް މިފެންނަނީ މިސަރުކާރާ އެކު އެއްބާރުލާނެމޭ ބުނެ ސަރުކާރުގެ ހިޔަނީގައި ތިބެގެން ސަރުކާރަށް މަޝްވަރާދީ ރީތިކޮށް ވާހަކަ ދައްކައިގެން ކަންކަން ކުރުމުގެ ބަދަލުގައި ހަސަދަވެރިކަމުން ފުރިފައި ތިބެގެން ސަރުކާރަށް ހެއްދެވި ނުހެއްދެވިއަށް ގޮވަމުން ގެންދާ ތަނެވެ. މިކަމަކީ މިހާރަކު އާކަމެއްވެސް ނޫނެވެ. ފަހަރެއްގައި މީގެކުރީން މަޖުލީހުގެ މެޖޯރިޓީ މިސަރުކާރަށް ނެތުމުން އިދިކޮޅު ފަރާތްތަކުން ސަރުކާރު ވައްޓާލަފާނެތީ، އިދިކޮޅު ފަރާތްތަކުގެ ރުހުން ހޯދުމަށް ކުޅޭންފެށި ޑުރާމާ އަކަށްވެސް ވެދާނެއެވެ. އަދާލަތުގެ ނިޔަތާމެދު މިހާރު ސުވާލު އުފެދޭ ކިތަންމެ ކަމެއް މިދަނީ ފެންނަމުންނެވެ. މީގެކުރީ ސަރުކާރު އޮތްއިރު ގަންނަ ބިރަކުން ބިއްޖެހިފައި ތިބި ބަޔަކު މިއަދު ނުކުމެ ހިތުހުރި އެއްޗެއް ބުނާން ލިބުމުން ނުކުމެ ތިމަންނާ މެންނާ ނުލައި އެއްވެސް ބަޔަކަށް ވެރިކަމެއް ދެން ނުކުރެވޭނެ ކަމުގައި ބުނަމުން އެމީހުންނާއި އެކުގައިތިބި މިސަރުކާރަށް އެންމެބޮޑަށް ފާޑުކިޔައި ހަދަމުން ގެންދާއިރު، އިދިކޮޅު ފަރާތްތަކެކޭ އެއްގޮތަށް ސާބިތެއްނެތް ގޮތުގައި މިސަރުކާރުގެ ކޮނޑުގައި ރިޝްވަތުގެ ބަދުނާމުތައް އަޅުވަމުން ގެންދާއިރު، ސަރުކާރު ވައްޓާލާން ނުކުމެ މަގުމަތީގައި ހުޅުޖަހައި ޕެޓުރޯލު ބޮން އުކަމުން ގެންދާ މީހުންނަށް ހިއްވަރުދީ ހަދަމުން ގެންދާއިރު އަދާލަތުގެ ނިޔަތާއިމެދު ސުވާލު އުފެދެއެވެ. މިސަރުކާރުގެ އެންމެ މުހިންމު މިނިސްޓްރީ ހަވާލުކުރުމުން އެއްބަޔަކު ފޫހާކާފައި ނުކުމެ ތޯލިބާނު ހެދިގެން ދުވުމަކީ މިގައުމު އިސްލާހު ކުރުމަށްކުރާ ކަމެއްކަމުގައި ބުނެވޭކަށް ނެތެވެ. އަދި ހަމައެހެންމެ އެތަކެއް އަހަރުވަންދެން މިގައުމުގައި ފުޅާކުރުވާފައިވާ ފަތުރުވެރިކަން ހުއްޓުވާލުމަށް އެކި ގޮތްގޮތަށް ހަޅޭއްލަވައި ހެދުމަކީ އިސްލާހީ ރަނގަޅު ނިޔަތެއްގައި ކުރާ ކަމަކަށްވުރެ މިގައުމުގެ އިގްތިސާދު ފުނޑާލުމަށް ކުރަމުން ގެންދާ ކަމެއް ނޫންބާވައޭ ހީވެއެވެ؟ ހެޔޮގޮތުގައި ގައުމުއޮތް އިގްތިސާދީ ވަޅުގަނޑުން އަރައިގަނެ އިތުރު ސިނާއަތްތަށް ގާއިމުކޮށް ވަކި ސިނާއަތަކަށް ބަރޯސާވެގެން މިއުޅޭއުޅުން ނައްތާލުމަށް ސަރުކާރާއެކު މަސައްކަތް ކުރުމުގެ ބަދަލުގައި އިދިކޮޅު ފަރާތްތަކެކޭ އެއްގޮތަށް ނުކުމެ މަގުމަތީގައި މުޒާހަރާ ކުރަމުން އެންމެ ހުތުރު ބަހުން ހަޅޭއްލަވަމުން ދުވުމަކީ އެމީހުންގެ ނިޔަތާމެދު ޝައްކު އުފެދޭނެ ކަންކަމެވެ. ރާއްޖެއިން ބޭރުދުނިޔެއާއި އޮންނަ ގުޅުންތަށް ހީނަރު ކޮށްލުމަށް ފާޅުގައި ގެންދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެންމެފަހުން ބޯދާ، ފެންނަ ނުފެންނަ އުސޫލުން ލީޑަރޝިޕާއި ހަވާލުވި ދެމީހުންވެސް ފިސާރި ފާޅުކަން ބޮޑުގޮތެއްގައި މިސަރުކާރަށް އަލްޓިމޭޓަމް ދިނުމާއި، މިސަރުކާރާއި ވަކިވާ ދުވަހަކުން މިސަރުކާރު ދެމިއޮތުމަށް ނުކުޅަދާނަވާވަރު ކޮށްލާނެ ކަމަށް މޭރުންވާ ބީދަޔަކުން މިސަރުކާރަށްވަނީ އިންޒާރުދީފައެވެ. މީގެ މާނައަކީ ދުނިޔޭގެ އެހެނިހެން ގައުމުތަކުގައިވެސް ހައްދުފަހަނަ އަޅާފައިވާ ބައެއް ޖަމާއަތް ތަކުން އެދޭފަދަ ޓެރަރިސްޓު ހަމަލާތަކެއް ދޭނޭ ކަމުގެ އިންޒާރު ބާވައެވެ. ނޫންނަމަ މީގެކުރީންވެސް ބަޔަކު ރާއްޖޭގެ ސަލްޓަން ޕާކުގައި ބޮންގޮއްވިހެން ބޮންގޮއްވާނެ ކަމުގެ އިންޒާރު ބާވައެވެ. އެހެން ކަމުގައި ވާނަމަ އެ ދެ މީހުންނަށް އެދެކެވެނީ ހުވަފެނެއް ކަމުގައި ބުނަން އެބަޖެހެއެވެ. ސަބަބަކީ މިރާއްޖޭގައި ހައްތަހާ އުޅެނީކީ އެކަންކަމަށް ތަރުހީބުދޭނެ މީހުން އެކަންޏެއް ނޫނެވެ. މިއީ އަހަރެމެންގެވެސް ގައުމެވެ. މިގައުމުގައި ތި ޕާޓީއެއް އުފެދުމުގެ މާކުރީންވެސް އިސްލާމްދީން އޮތެވެ. ދިވެހީން އުޅެމުން ގެންދިޔައީ ފަތިސް ނަމާދުގައި ގުނޫތު ކިޔުމަކީ ހަރާމްކަމެއްތޯ ، ހުއްދަ ކަމެއްތޯ ކުރެވުނު ހަނގުރާމަ ގަނޑެއްގެ ތެރޭގައި ނޫންކަން ، އަދި އެއް އިލްމު ވެރިޔަކާ އަނެއް އިލްމު ވެރިޔަކާ ކުރާ ޒުވާބުން ރަނގަޅީ ކޮންގޮތެއްކަން ނޭގި ސަލާމަތް ނުވެގެން ނޫންކަމުގައި ބުނާން ޖެހެއެވެ. އެހެން ކަމުން މިގައުމު ފިތުނަވެރިކޮށް ދީނީ ހަމަނުޖެހުން ތަކުގެ ތެރެއަށް ގެންދިއުމަށް ” ތިމަންނާމެން ނަކީ ޖިހާދީންނޭ ” ބުނެ ނުކުންނާނޭ ކަމުގެ ބިރުދެއްކުމަކީ، ކަރުތާ ފެނަށް މޫދަށް އެރިހުރެ ކަރުގޮހޮރު އުކުން ކަމުގައި ވެދާނެ ކަމުގައި ބުނާންޖެހެއެވެ. ލަވަކިޔައި ނެށުމަކީ އިސްލާމްދީން ހުއްދަކުރާ ، ބާރުއަޅާ ކަމެކޭ ތާއަބަދު އެހެރަ ގޮވައި ނަގަނީ ތިކަހަލަ އިލްމުވެރީންނެވެ. ވީއިރު ގައުމުގެ ރައްޔިތުންނާއި އެކު އެމީހުންގެ އުފަލުގައި ބައިވެރިވެ އެކުވެރި މާހައުލެއްގައި އުފާފާޅުކޮށް އުޅުމުގެ ހައްގު ރާއްޖޭގެ ވެރީންގެ ކިބައިން ނިގުޅައި ގަތުމުގެ ހައްގު ވަކިބަޔަކަށް ލިބުނީ ކިހިނެއް ހެއްޔެވެ؟ ވަނީ އެންމެ ކަމެކެވެ. އެހެންމީހުންވެސް ވެރިކަމާއި ދަހިވެތިވެގެން އުޅޭތީ ތިމާމެންވެސް އެކަމާ ހަމަ ހަސްގަނެގެން އުޅެވެނީއެވެ. އެހެން ނޫންނަމަ ރިވެތި އުސޫލުން ކަންކަން ގެންދިއުމަށް ބާރުއެޅީހެވެ