މިދިޔަ އަހަރުގެ އެންމެ ވަރުގަދަ ސިޔާސީ ޝަޙްސިއްޔަތަކީ ދިވެހިރާއްޖޭގެ ރައީސް މުޙައްމަދު ނަޝީދު ކަމުގައި ދި އިންޑިޕެންޑެންޓް ނޫހުން ބުނެފި

18 އެޕްރީލް 2010

nasheed_10051-243x300

މިދިޔަ އަހަރުގެ އެންމެ ވަރުގަދަ ސިޔާސީ ޝަޙްސިއްޔަތަކީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުކަމުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ދުވަހު ނޫސް ކަމަށްވާ އިނގިރޭސިވިލާތުގެ ދި އިންޑިޕެންޑެންޓް ނޫހުން ބުނެފިއެވެ. އެނޫހުން މިކަން ހާމަކޮށްފައިވަނީ ތަފާތު 14 ދާއިރާއަކުން، އަހަރަކު އެއްފަހަރު އެ ނޫހުންދޭ ގްރީން އެވޯޑްގެ “އެންމެ ފާހަގަކުރެވޭ ބައިނަލްއަޤްވާމީ ސިޔާސީ ލީޑަރު” ގެ މަގާމަށް ރައީސް ނަޝީދު ހޮވިޑައިގަތުމާއިގުޅިގެންނެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން، ޖައްވަށް ދޫކުރާ ވިހަގޭސް މަދުކުރަން ބޭނުން ނުވާ ކަމަށާއި، އަދި އެންމެ ފަހުން ބޭއްވުނު ކޯޕަންހޭގަން ސަމިޓްގެ ތެރޭގައިވެސް އެކަންކަމާ މަޝްވަރާކުރުމުގެ ބަދަލުގައި ފެނިގެންދިޔައީ ޖަދަލުކުރުމާއި ގޮތްދޫނުކުރުމުގެ އޮއިވަރެއް ދި އިންޑިޕެންޑެންޓް ނޫހުން ބުނެފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ކުރެވޭ ބަޙުސްތަކުގައި މަދު ނަމަވެސް ހަރުދަނާ ސިޔާސީ ޝަޙްސިއްޔަތުތައް ފެންނަ ކަމަށާއި، ރަގަޅު ނިންމުންތައް ނިންމި މަދު ވެރިންތަކެއް އެބަތިބިކަމަށް އިންޑިޕެންޑެންޓުން ބުނެއެވެ. އެގޮތުން ރައީސް ނަޝީދަކީ ކޯޕަންހޭގަން ފަދަ ހޫނު ޖަލްސާއަކުންވެސް، ފައިދާތަކެއް ނެރެވޭތޯ ގަދައަޅައި މަސައްކަތްކުރެއްވި ލީޑަރެއް ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި ރައީސް ނަޝީދު ކުރެއްވި މަސައްކަތްޕުޅަށް ވެސް މިނޫހުން އަލިއަޅުވާލާފައި ވެއެވެ. އެގޮތުން އެތައްފަހަރެއްގެ މަތިން ޖަލަށްލެވި އެމަނިކުފާނަށް ދިން އަނިޔާތަކުގައި “ގާތްގަނޑަކަށް އަވަހާރަވި” ކަމަށާއި، އެހެންނަމަވެސް، ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޑިމޮކްރެޓިކް ރައީސްގެ ގޮތުގައި ދިވެހިން އިންތިޚާބުކުރީ މުޙައްމަދު ނަޝީދުކަމުގައި އިންޑިޕެންޑެންޓުން ބުނެފައިވެއެވެ. ކަނޑުގެ ލޮނުގަނޑު އުފުލެމުން ދިއުމުގެ ސަބަބުން ދިވެހިރާއްޖެ މިގަރުނު ނިމުމުގެ ކުރިން އަޑިއަށް ހިނގައިދާނެކަމަށް ބައެއް ސައިންސްވެރިން ބުނާ ބުނުމަށް އިޝާރާތް ކުރަމުން، ދިވެހިރާއްޖޭގައި ޑިމޮކްރަސީއަށް ލިބުނު ކާމިޔާބަކީ “ފެތެމުންދާ” ކާމިޔާބެއްކަމުގައި މި ނޫހުން ބުނެފައިވެއެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ބިންތިރި ކުދި ޖަޒީރާ ގައުމުތަކަށް ލިބިދާނެ ގެއްލުމުން އެގައުމުތައް ސަލާމަތް ކުރުމުގެ ގޮތުން ބައިނަލް އަޤްވާމީ މުޖުތަމައު ހޭލުންތެރި ކުރުވުމަށް ރައީސް ނަޝީދު ވަނީ ތަފާތު އެކި ފޯރަމްތަކުގައި ބިނަކުރަނިވި ތަޤްރީރުތައް ކުރައްވައި ދުނިޔޭގެ ސަމާލުކަން ހޯއްދަވާފައެވެ.
މިގޮތުން މިދިޔަ ޖީލުގައި އިންސާނުން ހަނދަށް ގޮސްފައިވާ ކަމަށާއި، މި ޖީލަށް ކުރިމަތިވެފައިވާ ސުވާލަކީ މި ޕްލެނެޓްގައި ސަލާމަތްތެރިކަމާއެކު ދެމިތިބުމުގެ ސުވާލުކަމަށްވެސް ރައީސްވަނީ ވިދާޅުވެފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ނުކުރެވޭނެ ކަންތައްތަކުގެ ބަދަލުގައި ކުރެވިދާނެ ކަންތައްތަކާމެދު މަޝްވަރާކުރުންމާ ފައިދާ ބޮޑުކަމަށާއި، އަދި އެ ބަޙުސްތަކަކީ އެއްބަޔަކު އަނެއްބަޔަކު ބަދުނާމްކުރުމުގެ ބަހުސްތަކަކަށް ވެއްޖެނަމަ ނަތީޖާއެއް ނުނިކުންނާނެކަމަށް ވެސް ކޯޕަންހޭގަން ސަމިޓްގައި ރައީސް ވިދާޅުވިއެވެ.
“މޫސުމަށް އަންނަ ބަދަލުތަކުން ގެއްލުން ލިބޭ ޤައުމުތަކުގެ އެންމެ ކުރީ ސަފުގައި އޮތީ ރާއްޖެ. އެއްގޮތަކުން ބަލާއިރު، އެފަދަ ޤައުމުތަކުގެ ހަމައެކަނި އުއްމީދަކީވެސް ދިވެހިރާއްޖެ” ރައީސް ވިދާޅުވެފައިވެއެވެ.