ފެތެމުންދާ އޮޑިއެއްގައި ގިނަ ބަޔަކު ހެޔޮ ދަތުރެއް ލިބިދާނެ ކަމަކަށެއް ނުތިބޭނެ – ރައީސް

– މައުމޫނު މަސައްކަތްކުރައްވަމުން ގެންދަވަނީ ސިޔާސީ ޕާޓީގެ ނިޒާމް ރޫޅާލެއްވުމަށް ކަމަށް ރައީސް ވިދާޅުވި

އއ.ތޮއްޑޫން އިބްރާހީމް ރާމިޒް

ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ވެރިކަމާ ދިމާލަށް މިސްރާބު ޖަހާނޭ އިންތިޒާމް އެމްޑީޕީން ފޯރުކޮށްދީފައިވާ ކަމަށާއި، ޑީއާރުޕީގެ ތެރޭގައި އެ އިންތިޒާމް ނެތުމުން، ފެތެމުންދާ އޮޑިއެއްގައި ގިނަ ބަޔަކު ހެޔޮ ދަތުރެއް ލިބިދާނެ ކަމަކަށެއް ނުތިބޭނޭ ކަމަށް އެމްޑީޕީގެ އެންމެ އިސްލީޑަރު ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އއ. އަތޮޅުގެ 3 ރަށަކަށް އިއްޔެ އެމަނިކުފާނު ފެއްޓެވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ތޮއްޑޫގައި ރޭ “ތޮއްޑޫ ދާއިރާ މެކުހަށް” މި ނަމުގައި އެމްޑީޕީން ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ” ސިޔާސީ ނިޒާމު އަޅުގަނޑުމެން ފުރިހަމަ ކުރަމުން އަންނަކަން ވަރަށް ސާފުކޮށް ފެންނަމުން މިދަނީ، އެގޮތުން ރާއްޖޭގެ ކޮންމެ މީހަކަށް ވެސް ދިވެހި ވެރިކަން ހިތުއަޅައި އެވެރިކަމާ ދިމާލަށް މިސްރާބު ޖަހާނެ އިންތިޖާމެއް އަޅުގަނޑުމެން ފޯރުކޮށްދިނިން، ޑީއާރުޕީގެ ތެރޭގައި އެއިންތިޒާމް ނެތުނީ، އެހެންވީމާ ފެތެމުންދާ އޮޑިއެއްގައި ގިނަ ބަޔަކު ހެޔޮ ދަތުރެއް އޮތް ކަމަށް ލިބިދާނެ ކަމަކަށެއް ނުތިބޭނެ.” ކަމަށެވެ.
ފޮތް ފޮތުގަ އާއި ރައްޔިތުންގެ މަޖިލީހުގަ އާއި މަޒުމޫނުތަކުގަ އާއި ޖަލްސާތަކުގައި އަދި ދޭދޭ މީހުންނާއި ރަހުމަތްތެރިންނާއި ސްކޫލް ދަރިވަރުންނާއި ވާހަކަ ދައްކަވާއިރު ވެސް ސިޔާސީ ނިޒާމެއްގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކީ ކަމުދާ އެއްޗެއް ނޫން ކަމުގައި ކުރީގެ ރައީސް މައުމޫނު ވިދާޅުވަމުން ގެންދެވި ކަމަށާއި، މަސައްކަތެއްގެ ގޮތުގައި ހަމަގައިމުވެސް އަޅުގަނޑުމެންނަށް މިފެންނަނީ އެ ޕާޓީގެ ނިޒާމް ރޫޅާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާތަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
“ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަން ވެއްޓުނީ ސިޔާސީ ޕާޓީއާ ހުރެ. މިހާރު އެހެންވީމާ އެ ބޭފުޅާގެ މަސައްކަތެއްގެ ގޮތުގައި ހަމަގައިމުވެސް އަޅުގަނޑުމެންނަށް މިފެންނަނީ އެ ޕާޓީގެ ނިޒާމް ރޫޅާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާތަން. ތިމަންނާ އަތުން މިވެރިކަން ގެއްލުނީ ސިޔާސީ ޕާޓީގެ ނިޒާމް އައިސްގެންނޭ، ތިމަންނާއަށް އަލުން އަނބުރާ ނިކުނެވެން އޮތީ ތިމަންނާއީ ހަމައެކަނި މީހާއަށްވީމައޭ،” ރައީސް ވިދާޅުވިއެވެ.
އަޅުގަނޑުމެން މިއެދޭ ބަދަލު ރާއްޖެ އަށް ގެނައުމަށްޓަކައި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވެގެން އެދަނީ މީގެއެތައް އަހަރެއްގެ ފަހުން ދިވެހި ތާރީހީ ލިޔުންތެރިން ލިޔާނެ ބޮޑު ބަދަލެއް ގެނެސްދިން ބަދަލަކަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ޑީއާރުޕީ އަށް ހަމަވިސްނުމަށް އާދެވޭނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސުލް ޖުމްހޫރިއްޔާ އއ.ތޮއްޑޫގެ އިތުރުން އެ އަތޮޅުގެ ވެރިކަންކުރާ ރަސްދޫ އަށާއި، އެމްޑީޕީގެ ބޮޑޫ އަޤްލަބިއްޔަތެއް އޮންނަ އުކުޅަހަށް ވެސް އިއްޔެ ވަޑައިގެން އެރަށްރަށުގެ ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވިއެވެ.