މަތި އުތުރު ޕްރޮވިންސްގެ އެމްޑީޕީގެ ސެކްރެޓޭރިއަޓް އާއި ދާއިރާތަކުގެ ރައީސުން އެޕާޓީގެ ރައީސް އާއި ބައްދަލުކޮށްފި

– ހަނިމާދޫ އިން އަވައްޓެރި ގައުމުތަކަށް ވައިގެ ދަތުރު ފެށުން މުހިންމު ކަމަށް ފާހަގަކުރެއްވި

އިބްރާހީމް ރާމިޒް

upper-north-province-450-x-184

މަތި އުތުރު ޕްރޮވިންސްގެ އެމްޑީޕީގެ ސެކްރެޓޭރިއަޓް އާއި އެ ޕްރޮވިންސްގެ ބައެއް ދާއިރާތަކުގެ ރައީސުން އެމްޑީޕީގެ ރައީސް ޑރ.އިބްރާހީމް ދީދީ (ޑރ.ޑީޑީ) އާއި މިއަދު ބައްދަލުކޮށްފިއެވެ.
މިއަދު ހެނދުނު އެމްޑީޕީ ސެކްރެޓޭރިއަޓްގައި ބޭއްވި މި ބައްދަލުވުމުގައި މަތިއުތުރު ޕްރޮވިންސްގެ ފަރާތުން އިސްކޮށް ބައިވެރިވެލެއްވީ އެ ޕްރޮވިންސްގެ އެމްޑީޕީ ރައީސް އާދަމް ނަސީރު (އެޑަމް) އެވެ.
މި ބައްދަލުވުމުގައި މަތި އުތުރު ޕްރޮވިންސް އަށް އިޤްތިޞާދީ ކުރިއެރުން ލިބޭނޭ ވަސީލަތްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. އެގޮތުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އެ ސަރަޙްއަދުގެ އިޤްތިޞާދު ހަރުދަނާކުރުމަށް މިހާރުން މިހާރަށް ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ ސީދާ އެ ސަރަހައްދުން އަވައްޓެރި އިންޑިޔާ އާއި ސްރީލަންކާއަށް ދަތުރުކުރެވޭނޭ އިންތިޒާމް ހަމަޖެއްސުމުގެ މުހިންމުކަމާ ބެހޭ ގޮތުންނެވެ.
އެ ޕްރޮވިންސްގެ ބޭފުޅުން ދެއްކެވި ވާހަކައިގައި އެ ސަރަހައްދުގައި އޮންނަ ހަނިމާދޫ އެއަރޕޯޓުން އިންޑިއާގެ ޓްރިވެންޑްރަމް އާއި ސްރީލަންކާގެ ކޮޅުނބަށް ދަތުރުތައް ފެށުމަކީ މިހާރުވެސް ކުރެވިދާނޭ ކަމެއް ކަމަށާއި، އެފަދަ އިންތިޒާމެއް ހަމަޖެހިއްޖެނަމަ އެސަރަހައްދުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނޭ ކަމަށެވެ. އަދި މާލެއިން ކޮޅުނބާއި އިންޑިއާއަށް ކުރާ ދަތުރުތަކަށްވުރެ ހަނިމާދޫ އިން އެ ދެގައުމަށް ކުރާ ދަތުރުގެ ދިގުމިން 20 އިންސައްތަ ކުރުވާނޭ ކަމަށާއި، އެކަމުގެ ސަބަބުން އެދަތުރަށްކުރާ ހޭދަ އެތައްތަނަކުން ކުޑަވެ އޭގެ ފައިދާ ރައްޔިތުންނަށާއި މުޅި ގައުމަށް ކުރާނޭ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޑރ.ޑީޑީ ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒުކުރުމަކީ އެމަނިކުފާނެކޭ އެއްފަދައިން އަދުގެ ސަރުކާރުން ވެސް ވަރަށް އިސްކަން ދެއްވާ ކަމެއް ކަމަށާއި، ހަނިމާދޫ އިން އަވައްޓެރި ގައުމުތަކަށް ދަތުރުފެށުމަކީ އެކަމުގެ ފައިދާ އާއި ލާބަ އެސަރަހައްދުގެ ފަތުރުވެރި ކަމަށާއި، އެހެނިހެން ދާއިރާތަކަށް ވެސް ކުރާނޭ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެ ޕްރޮވިންސްގެ ރައްޔިތުންގެ މި އުއްމީދު ހާސިލްކޮށްދެއްވުމަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނޭ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި މަތި އުތުރު ޕްރޮވިންސްގެ އެމްޑީޕީ ރައީސްގެ އިތުރުން އެޕްރޮވިންސްގެ އެމްޑީޕީގެ ނައިބު ރައީސް ހުސައިން ސިރާޖް އާއި، އިހަވަންދޫ އަހަދު ގޮފީގެ ރައީސް މުޙައްމަދު މަތީން އާއި، ވައިކަރަދޫ ދާއިރާގެ އެމްޑީޕީ ރައީސް އަޙުމަދު ހާޝިމް (ޓިންޓިން) އާއި، ހަނިމާދޫ ދާއިރާގެ އެމްޑީޕީ ރައީސް އާދަމް ޝަރީފް އަހުމަދާއި، އެމްޑީޕީ ދިއްދޫ ދާއިރާގެ ރައީސް އާދަމް ސަލީމް އާއި، ފުނަދޫ ދާއިރާގެ އެމްޑީޕީ ރައީސް މުޙައްމަދު ޝާހިދުގެ އިތުރުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ރައީސް ޢަބްދުﷲ ރަޝީދު ބައިވެރިވެލެއްވިއެވެ.