ފިޔޯރީ ކައުންސިލްގެ ނައިބު ރައީސް އެމްޑީޕީއަށް ސޮއިކުރައްވައިފި

އިބްރާހީމް ރާމިޒް

ފިޔޯރީ ރަށު ކައުންސިލްގެ ނައިބު ރައީސް އަޙްޒަރު އަޙުމަދު - އަހުޒަރުވަނީ އިއްޔެ އެމްޑީޕީއަށް ސޮއިކުރައްވާފަ
ފިޔޯރީ ރަށު ކައުންސިލްގެ ނައިބު ރައީސް އަޙްޒަރު އަޙުމަދު - އަހުޒަރުވަނީ އިއްޔެ އެމްޑީޕީއަށް ސޮއިކުރައްވާފަ

ގދ.ފިޔޯރީ ރަށު ކައުންސިލްގެ ނައިބު ރައީސް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރައްވައިފިއެވެ.
ފީޔޯރީ ކައުންސިލްގެ ނައިބު ރައީސް، ގދ.ފިޔޯރީ ގަނދަކޯޅިމާގޭ، އަޙްޒަރު އަޙުމަދު އެމްޑީޕީއަށް ސޮއިކުރެއްވީ އިއްޔެ އެރަށުގައި އެކަމަށް ޚާއްސަކޮށްގެން ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ.
ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގެންނެވި މި ޙަފްލާގައި އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު އެމްޑީޕީ ވެބްސައިޓަށް ފޯނުން މަޢުލޫމާތު ދެއްވަމުން އަޙްޒަރު ވިދާޅުވީ އޭނާ އެމްޑީޕީއަށް ސޮއިކުރެއްވީ އެމްޑީޕީއަކީ ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީއެއް ގެނައުމަށް މަސައްކަތްކުރެއްވި ބޭފުޅުން ނިސްބަތްވާ ޕާޓީ ކަމަށް ވާތީ ޑިމޮކްރެޓިކް ވެއްޓެއްގައި ޑިމޮކްރަސީގެ ރީތި ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރެވޭނީ އެމްޑީޕީއާ ގުޅިވަޑައިގެން ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
މީގެ ކުރިން އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންފައި ނުވާ އަޙްޒަރު ވިދާޅުވީ “އެމްޑީޕީ ސަރުކާރަށް އެއްބާރުލުން ދީގެން ނޫނީ މިގައުމަށް ތަރައްގީ ނުގެނެވޭނޭ” ކަމަށާއި، ގައުމަށް އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރެވޭނީ އެމްޑީޕީއާ ގުޅިވަޑައިގެން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އަޙްޒަރު އެމްޑީޕީއާ ގުޅިވަޑައިގަތުމުން މިހާރު ފިޔޯރީ ކައުންސިލް ގައި ތިއްބަވާނީ އެމްޑީޕީގެ 2 މެންބަރުންނާއި، ޑީއާރުޕީގެ 2 މެންބަރުންނާއި، އަމިއްލަ އެއް މެންބަރެކެވެ.