އެމްޑީޕީގެ ގައުމީ މަޖިލީހުގެ 88 ވަނަ ޖަލްސާ ބާއްވައިފި

އިބްރާހީމް ރާމިޒް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 82 ވަނަ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ - އެމްޑީޕީގެ ގައުމީ މަޖިލީހުގެ 88 ޖަލްސާ މިހާތަނަށް ބާއްވާފައިވޭ. އެމްޑީޕީ ފައިލް ފޮޓޯ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 82 ވަނަ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ - އެމްޑީޕީގެ ގައުމީ މަޖިލީހުގެ 88 ޖަލްސާ މިހާތަނަށް ބާއްވާފައިވޭ. އެމްޑީޕީ ފައިލް ފޮޓޯ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ ގައުމީ މަޖިލީހުގެ 88 ވަނަ ޖަލްސާ މިއަދު ބާއްވައިފިއެވެ.
މިއަދު ހަވީރު 4 ޖެހިއިރު ފެށި މި ޖަލްސާގައި ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ޝަފީޤު ކޮޅުމަޑުލު ގާދިއްފުށީ ސްކޫލުގައި ގްރޭޑް 8 އުފެއްދުމަށް އެދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށާއި، ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރުމާއި ބެހޭ ގޮތުން ހުށަހެޅުއްވިޤަރާރާއި، ގައުމީ މަޖިލީހުގެ މެންބަރު އަލްހާން ފަހުމީ، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ސުވާލުކުރުމާއި ބެހޭ ގޮތުން ހުށަހެޅުއްވި ޤަރާރާއި، އިންތިޚާބާއި ބެހޭ ކޮމެޓީގެ މެންބަރު އަހުމަދު ޝާހިދު ކޮމެޓީގެ މަސައްކަތުގައި ކުރިޔަށް ދިއުމަށް ލަފާފުޅަކަށް އެދި ފޮނުއްވާފައިވާ ސިޓީއާ މެދު ގޮތެއް ނިންމުމުގެ އިތުރުން، ގައުމީ މަޖިލީހުގެ މެންބަރު އަސްލަމް ޝާކިރު ހުށަހެޅުއްވި އިންތިޚާއި ބެހޭ ކޮމެޓީއަށް ދެ ބޭފުޅަކު އައްޔަންކުރުމާއި ބެހޭޤަރާރަށް ގޮތެއް ނިންމުން އޮތެވެ.
އެގޮތުން މިއަދުގެ ޖަލްސާގައި ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ޝަފީޤު، ކޮޅުމަޑުލު ގާދިއްފުށީ ސްކޫލުގައި ގްރޭޑް 8 އުފެއްދުމަށް އެދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށާއި، ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރުމާއި ބެހޭ ގޮތުން ހުށަހެޅުއްވި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން އިތުރަށް މައުލޫމާތު ސާފުކުރުމަށް ފަހު ބަލާ ގޮތަށް ވަނީ ފަސްކޮށްފައެވެ. އަދި ގައުމީ މަޖިލީހުގެ މެންބަރު އަލްހާން ފަހުމީ، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ސުވާލުކުރުމާއި ބެހޭ ގޮތުން ހުށަހެޅުއްވި ޤަރާރު ވަނީ މެންބަރުންގެ އަޤްލަބިއްޔަތު ލިބިގެން ފާސްވެފައެވެ.
މި ޤަރާރުގައިވާ ގޮތުން ” އެމްޑީޕީ އަކީ މިވަގުތު ސަރުކާރު ހިންގާ ޕާޓީކަމަށް ވުމާއެކު ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި ވަޒީރުންނާއި ސިޔާސީ މަޤާމް ތަކުގައި ތިއްބެވި ބޭފުޅުން ހާޒިރުކޮށް ޖަވާބުދާރީ ކުރުމުގެ ކުރިން ޕާޓީތެރޭން ޖަވާބުދާރީ ކުރެވޭނެ މާހައުލެއް އޮންނަން ޖެހޭ ކަމަށް ފެންނާތީ، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުންނާއި، ގައުމީ މަޖިލީހުގެ މެންބަރުންނަށް އެފުރުސަތުދީ، އެފަދަ ސުވާލެއް ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުމުން ޕާޓީގެ ޗެއރޕާރަސަން އަށް އެސުވާލުތަކެއް ފޮނުވައި އެސުވާލުތަކެއް ރައްދުވާ ފަރާތަށް 7 ދުވަހުގެ މުހުލަތު ދިނުމަށްފަހު ޤައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށާއި އެޖަލްސާއަށް އެސުވާލުތަކެއް ރައްދުވާފަރާތް ހާޒިރުކޮށް ސުވާލުކުރެވޭނެކަމަށާއި އެސުވާލުތަކަށް ދޭ ޖަވާބާއި ގުޅިގެން އިތުރު ސުވާލުކުރުމުގެ 30 މިނެޓް ޤައުމީ މަޖިލިސްގެ މެމްބަރުންނަށް ލިބޭނެ ކަމަށާއި އެފަދަ ސުވާލުތަށް ކުރުމުގައި ޒާތީއެއްވެސް ކަމެއްނެތި ޤައުމީ މަސްލަހަތު އިސްކުރަންވާނެ ” އެވެ.
އިންތިޚާބާއި ބެހޭ ކޮމެޓީގެ މެންބަރު އަހުމަދު ޝާހިދު (ސާބެ) ގެ އަނބިކަނބަލުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ ރައީސްގެ މަގާމަށް ވާދަކުރައްވާތީ، އިންތިޚާބާއި ބެހޭ ކޮމެޓީގެ މަސައްކަތުގައި ކުރިޔަށް ދިއުމަށް ލަފާފުޅަކަށް އެދި ސާބެ ފޮނުއްވާފައިވާ ސިޓީއާއި ގުޅިގެން މިއަދު އޮތް ގައުމީ މަޖިލީހުން ނިންމީ ޕާޓީއަށް ސާބެ ކުރައްވަމުން ގެންދަވާ ޚިދުމަތުގައި ދެމިހުރުމަށް ފެންނަ ކަމަށް ސާބެއަށް ލަފާ އެރުވުމަށެވެ.
ގައުމީ މަޖިލީހުގެ މެންބަރު އަސްލަމް ޝާކިރު ހުށަހެޅުއްވި އިންތިޚާއި ބެހޭ ކޮމެޓީއަށް ދެ ބޭފުޅަކު އައްޔަންކުރުމާއި ބެހޭޤަރާރު ބަލައިގަނެ އިންތިޚާބާއި ބެހޭ ކޮމިޓީގެ މެންބަރު ކަމަށް އިތުރަށް އައްޔަންކުރާނޭ 2 ބޭފުޅުންނަކީ ގައުމީ މަޖިލީހުގެ މެންބަރު ތުލުސްދޫ ދާއިރާގެ އެމްޑީޕީގެ ރައީސް މުޙައްމަދު ފިރާޤް އާއި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް ކަމުގައި މިއަދުގެ ޖަލްސާގައި މެންބަރުންގެ އަޤްލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.
އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީއަށް އިތުރު ދެ މެންބަރަކު މިއަދު އައްޔަންކުރީ އެ ކޮމިޓީގައި ކުރިން ހިމެނިވަޑައިގަންނަވާ 2 މެންބަރުން ކަމަށްވާ އެންސްޕާގެ ޗެއަރމަން އިބްރާހީމް ވަހީދު އާއި، އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު އިމްތިޔާޒް ކުރިޔަށް އޮތް އެމްޑީޕީގެ އިންތިޚާބުގައި ވާދަކުރައްވާތީއެވެ. އިބްރާހީމް ވަހީދު ނޮޅިވަރަމް ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާއިރު، އިމްތިޔާޒް ވާދަކުރައްވަނީ އެމްޑީޕީގެ ޗެއަރޕާސަން ނައިބުގެ އިދާރީ ކަމަށެވެ.
މިއަދު 3 ގަޑިއިރާ ބަޔަށް ދެމިގެން ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 88 ވަނަ ޖަލްސާއަށް 34 މެންބަރުން ހާޒިރުވިއެވެ. މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ހޯމް މިނިސްޓަރ ޙަސަން އަފީފްއެވެ.