މެންބަރުންގެ ޚިޔާލު: ހަމަ އިވެނީ އެއް އަޑެކެވެ؟

ފުނަމާ

ރާއްޖޭގައި މިހާރު ހިންގަމުންދާ ޓީވީ ޗެނަލް ތަކާއި ރޭޑިއޯ ޗެނެލް ތަކުން އާންމުކޮށް އިވެނީ އެއް ބާވަތެއްގެ އަޑުތަކެކެވެ. ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ފާޑުކިޔައި ހަޖޫ ޖަހަމުން ދާއަޑެވެ. ކިރިޔާވެސް ސަރުކާރުން ކުރާކަމަކާ ބެހޭގޮތުން ބުރަނުވާ ގޮތަކަށް އެއްޗެއް ބުނެލާ އަޑު އިވެނީ ދައުލަތުގެ މީޑިޔާއިންނެވެ. މިމީޑިޔާ ތަކަށްވެސް އިދިކޮޅު ފަރާތްތަކުން ވަގުތު ގަނެގެންނާއި އެހެނިހެން ގޮތްގޮތުންވެސް އިދިކޮޅު ފަރާތްތަކުން އެމީހުންގެ ސަރުކާރާ ދެކޮޅު ޕްރޮޕެގެންޑާތައް ގެންދަނީ ފަތުރަމުންނެވެ. ވާނީވެސް އެހެންތާއެވެ. މީޑިއާގެ މިނިވަން ކަމާއިޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ސުމާރެއް ނެއްވަރަށް ދޫކުރެވިފައި މިއޮތީ އިދިކޮޅު ފަރާތްތަކުން އެބުނާ މި ” ޚުދުމުޚުތާރު ” ސަރުކާރުންނެވެ.
ސަރުކާރު ހިންގާ ޕާޓީން ކޮންޓްރޯލް ކުރާ މީޑިއާގެ ވަސީލަތެއް ނެތުމުން މިޕާޓީގެ މެންބަރުންނަށް ނުވަތަ ސަރުކާރަށް ތާއީދު ކުރާ ގިނަބަޔަކަށް އެމީހުންގެ ހިތުގައި އުފެދޭ ޝުއޫރެއް ފާޅުކޮއްލުން އޮންނަނީ ދަތިކަމަކަށް ވެފައެވެ. އަދި ކޮންމެ ސަބަބަކާ ހުރެ ނަމަވެސް ކުރީން އެމްޑީޕީގެ ރަސްމީ ހަރުގޭގައި އާންމު މެންބަރުން ޝުޢޫރު ފާޅުކުރުމަށް އޮތް ފުރުސަތުވެސް މިވަނީ ހަނިވެފައެވެ. ވެރިކަމަށް އައުމައްފަހު ޕާޓީން މިގެނައި ބަދަލަކީ އޭގައި މަސްލަހަތެއް އެކުލެވިގެންވާނެ ބަދަލެއް ކަމުގައި ގަބޫލު ކުރަމެވެ. ނަމަވެސް ސަރުކާރުން ކުރައްވަމުން ގެންދަވާ ކޮންމެ ކަމަކަށް އެކަށީގެންވާ ހުއްޖަތެއް ނެތި ތާއަބަދު ހަޖޫ ޖަހަމުން ގެންދާ ފަރާތްތަކުގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް އަމާޒުކުރައްވާ އެންމެހާ ކަންކަން ރައްޔިތުންނަށް އޮޅި މާރުއަރަމުން ދާއިރު މިކަމަކީ މިހާރައްވުރެ ބޮޑަށް ސަރުކާރުން ވިސްނައި ވަޑައި ގަންނަވަން ޖެހޭނެ ކަމެއް ކަމުގައި ދަންނަވާން ޖެހެއެވެ. އެހެނީ މީޑިއާ ތަކުން އެފޮނުވާހާ އެއްޗެއް ފަހުމްކޮށް ވިސްނައި ދޭހަކުރުމަކީ އޭގެ ފުރިހަމަ ގޮތުގައި އަޑުއަހާ އެންމެންނަކަށް ވާނެކަމެއް ނޫނެވެ.
މިސާލަކަށް ތާއަބަދު ދުވަސްވީ ފަރާތްތަކަށް މިއަދު ސަރުކާރުން އެދެއްވާ ދެހާސް ރުފިޔާއާއި މަދަނައިގެ ޚިދުމަތަކީ އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދާ ގޮތުންނަމަ ކުރީގައި އޮތްވެރިކަމުގައި ދޭންފެށި އެއްޗެކެވެ. މިކަން ޔަގީންވާ މިންވަރައް އެވާހަކަ މީޑިޔާއިން އިވެއެވެ. ނަމަވެސް ދެހާސް އަށްވަނަ އަހަރުގެ ނޮވެންބަރު މަހުގެ ކުރީގައި ރާއްޖޭގައި އޮތް އެއްވެސް ސަރުކާރަކުން ދުވަސްވީ މީހުންނަށް މިކަން ކޮއްދިން ކަން ސާބިތު ކުރެވިދާނެ ބާވައެވެ. އަދި ގާނޫނަކުން މިކަން ހަމަޖެހިގެން ދިޔައީ މިސަރުކާރުން އެކަން ކުރައްވާތާ ކިހާ ދުވަހެއް ފަހުންކަން އެބައެނގޭ ބާވައެވެ.
ކޮންމެ ހުކުރު ދުވަހަކު ގަވާއިދުން މިސަރުކާރުގެ ރައީސް ގައުމާ މުޚާތަބު ކުރައްވައި ދެއްވާ ރޭޑިޔޯ ޚިތާބަކީ އެއައް ރައްދު ދިނުމަށް ޓީވީޗެނަލަކުން ހަމަ ކޮންމެ ހުކުރު ދުވަހަކު ކުރާކަމެކެވެ. ރައީސް ދައްކަވާ ވާހަކަފުޅަށް ރައްދުދީ އެދެއްކެވި ވާހަކަފުޅު މުޅީން ބަދަލު ކޮއްގެން މުޅި ދުވަހު އެހެން އަޑުތަކެއް ފަތުރައެވެ. ރައްޔިތުންގެ މަޖްލީހަށް ރިޔާސީ ބަޔާން އިއްވެވުމުން އިދިކޮޅު ޕާޓީން ޖަވާބުދޭ ފަދައިން ރައީސްގެ ހަފްތާގެ ރޭޑިއޯ ޚިތާބައް ރައްދު ދިނުންވެސް ހީވަނީ ޓީވީ ޗެނަލަކާއި ހަވާލު ކުރެވިފައި އޮންނަހެންނެވެ. މީޑިޔާގެ ހަމައެކަނި މަސްއޫލިއްޔަތަކީ ސަރުކާރަށް ހަޖޫޖެހުމާ ގައުމުގެ އާންމު ފަރުދުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުން ކަމުގައި ހީވާކަހަލައެވެ. ސަރުކާރުން ކުރައްވާ ކޮންމެ ކަމެއް ގޯސްކުރުމުގެ ރޫހުގައި މީޑިއާއަށް އަރައި ވާހަކަ ދައްކާ ކޮންމެ މީހަކީ ކިހާފެންވަރެއްގެ މީހެއްތޯ ބެލުމަށްވުރެ ބައެއް މީހުން އަޑުއަހަނީ އެދައްކާ ވާހަކައެވެ. ރަނގަޅެވެ. ސަރުކާރުން ކުރާ ކަންކަމަށް އެދެވޭ ގޮތުގައި ފާޑުކިޔާން ވާނެއެވެ. ކަންކަން ރަނގަޅު ކުރުމުގެ ހެޔޮނިޔަތެއްގައެވެ. މިކަމަކީ މިނިވަން ދިމިކްރާތީ ވެއްޓެއްގައި މުހިންމު ކަމެކެވެ.
ޑޮލަރުގެ ވަގުވިޔަފާރި ހުއްޓުވުމަކީ މިވަގުތު ގައުމަށް އެންމެ މުހިންމު ކަމަކަށް ވީހިނދު ސަރުކާރުން ފުލުހުން މެދުވެރި ކުރައްވައިގެން ޑޮލަރުގެ ވަގުވިޔަފާރި ހުއްޓުވުމަށް ފިޔަވަޅު އެޅުއްވުމުން އެކަމަކީ ގާނޫނާ ޚިލާފު ކަމެއްކަމުގައި ގާނޫނީ ވަކީލަކު ވިދާޅުވުމުން ހައިރާން ވެއެވެ. ރައްރަށުގައި ފެންބޮޑުވުމުން ފުލުހުން ހައިބަނޑާ ތިބެގެން ފެންހިއްކަނީ ފެންބޮޑުވުމަކީ ޖިނާއީ ކުށަކަށް ވާތީބާވައެވެ. މަގުމަތީގައި ބާރަށް ވެހިކަލް ދުއްވާ ފަރާތްތަކާމެދު ފުލުހުން ފިޔަވަޅު އަޅައެވެ. އެކުށަކީވެސް ޖޫރިމަނާ ކުރުމާއި ލައިސަންސުން ޕޮއިންޓު ކަނޑާން ޖެހޭ ކަންކަމެވެ. ފަހަރެއްގައި ކޯޓުން ހޯދައި ނުގެނެވިގެން އުޅޭ އާންމު ރައްޔިތަކު ކޯޓައް ހާޒިރު ނުވެ ރާއްޖޭން ބޭރުގައި ފިލާއުޅުނަސް އެމީހާ ގެނައުމަކީ ފުލުހުން ކުރާން ނުޖެހޭ ކަމަކަށްވެސް ވެދާނެ ތޯއްޗެކެވެ.
ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކުގެ މަޝްވަރާއާއި އެކު ސަރުކާރުން އެޅުއްވި ފިޔަވަޅަކީ އޭގެ ސަބަބުން ކުރު މުއްދަތެއްގައި އުނދަގޫތަކެއް ރައްޔިތުންނަށް އުފުލަން ޖެހިދާނެ ކަމެއް ކަމުގައި ސަރުކާރުންވެސް އެބަވިދާޅުވެއެވެ. ސަލާމަތުން ހުރި ކޮންމެ މީހަކަށްވެސް އެކަން އެބައެނގެއެވެ. ނަމަވެސް އެކަމުގެ ސަބަބުން ދެންއަންނަނީ ކޮންކަހަލަ ބަދަލެއްކަން ސައްވީސް ގަޑިއިރުގެ ތެރޭގައި ސާބިތު ކޮއްދޭން ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކޮންމެ ކޮންމެ މީހަކު ދެއްކުމަކީ އެކަމުގައި ގައުމީ މަސްލަހަތު ކިހާވަރަކަށް އޮތް ކަމެއް ބާވައެވެ؟ ސަރުކާރުން ވުޒާރާއެއް ހަވާލުކުރައްވާ ކޮންމެ ވަޒީރަކީ ބުުއްބޯ ކުޑަކުއްޖެއް ކަމުގައި ހަދައި އާޑަކިއުމުގެ ބަދަލުގައި އެފަރާތެއްގެ ޚިދުމަތާ ގާބިލްކަން ދެނެގަންނާން ފުރުސަތު ދިނުމަކީ ކުރާންޖެހޭ ކަމެއް ނޫންބާވައެވެ. ނުވަތަ މަޖްލީހުން ރުހުންދޭއިރު އެކަން ވަޒަން ކުރެވި ދާނެތާއެވެ. ސަރުކާރުން މިއަދު ޑޮލަރުގެ އަގަށް މިގެންނެވި ބަދަލުގެ ސަބަބުން އެކަން ގޯސްކުރާން ވާހަކަ ދައްކާ ދެއްކުމުގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން މަދުކުރާން މިސަރުކާރުން މަސައްކަތް ނުކުރާ ކަމުގައި ބުނެ އެކަމުން ޑޮލަރު ދަންނުޖައްސައި ސަލާމަތް ކުރެވިދާނެ ކަމުގައި ވިދާޅުވާ ބޭފުޅުން އެންމެ ފަހަރަކުވެސް މިހާރު މިރާއްޖޭގައި މިއުޅޭ ލައްކައެއްހާ ބިދޭސީން ރާއްޖެ އެތެރެވީ މިދެއަހަރު ތެރޭގައިތޯ ސާވޭއެއް ކުރެއްވިބާވައެވެ. މިސަރުކާރުން ބިދޭސީން މަދުކުރުމަށް ދެތިންމަހަށް ކޯޓާ ހިފަހައްޓާން އުޅުމުންވެސް އަރައިގެން ދިޔަވަރު އަދި ހަނދާނަކުން ނުފިލައެވެ. އާން ދެފަޅި ޕާޓީން އެކަމާ މުޒާހަރާއެއް ނުކުރެއެވެ. ނަމަވެސް މުޅިގައުމަށް ބިދޭސީން އެތެރެކޮށް ކޮއިލު ތެރޭގައި ބިދޭސީން ރަސްކަންކޮށް ރާއްޖޭގެ ފައިބޯޅަ ކުޅިވަރުގެ ލަވަޔަކީވެސް ” ބަންގާޅީ ” ބަފަޔަކަށް އުފަން ރާގަކަށް ވީއިރު ބިދޭސީން މިގައުމުން މަދުކުރާނެ ގޮތެއް ބުނެދެއްވަ ބައްލަވާށެވެ. އެއްފުށް ދައްކަވާން ނޫޅުއްވައި ކަންކަން ކުރާން ފުރުސަތު ދީގެން އަމަށުން ތިބުން ގައުމު ފިތުނަކޮށް ހަލާކުގެ ވަޅުގަނޑަކަށް ވައްޓާލުމަށްވުރެ މާރަނގަޅު ވާނެއެވެ. އެކަމަކު ހިތާމައަކީ ހުރިހާ ދިމާލަކުންވެސް އެކީ އެއްއަޑަކަށް ފުރައްސާރައާއި ޖެއްސުމުގެ އަޑު އެކަނި އިވެމުން ދާކަމެވެ.