އިދިކޮޅު ޑީއާރްޕީ އަށް ނިސްބަތްވާ ފޮނަދޫގެ ކަމުވޮށިގެންވާ ތިން ބޭފުޅަކު ރޭ އެމްޑީޕީއަށް ސޮއިކޮށްފި

ލ.ފޮނަދޫން އަޙުމަދު ރަޝީދު

fonadhoo-450-x-334

އިދިކޮޅު ޑީއާރްޕީ އަށް ނިސްބަތްވާ ފޮނަދޫގެ ކަމުވޮށިގެންވާ ތިން ބޭފުޅަކު ރޭ އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
ފޮނަދޫ އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޚާއްޞަ ހަފްލާއެއްގައި އެމްޑީޕީއަށް ސޮއިކޮށް އެމްޑީޕީ އާއި ގުޅިފައިވަނީ ލ. ފޮނަދޫ ރަށުކައުންސިލް ރައީސް ޢަބްދުއްޞަމަދު ޢަލީގެ އެއްބަނޑު އެއްބަފާ ކޮއްކޮ ލ. ފޮނަދޫ ބީޗްހައުސް ސައުއްތުޤީ ޢަލީ އާއި ލ. މާބައިދޫ އަޙްމަދު ނާސިރާއި ލ. ފޮނަދޫ ފިނިރޯޅި އަޙްމަދު ޢަލީ އެވެ. މީގެ އިތުރުން އެމްޑީޕީގެ ޙަރަކާތްތަކުގައި ޙަރަކާތްތެރިވަމުން އަންނަ ބޭފުޅެއް ކަމުގައިވާ ޠާހާ ރާމިޒްވެސް ރޭ އެމްޑީޕީއަށް ސޮއިކޮށްފައިވެއެވެ.

މި ތާރީޚީ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އެމްޑީޕީ ޕާރލިމެންޓަރީ ގްރޫޕްގެ ރައީސް، އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާމަނިކެވެ. ރޭ ސޮއިކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސައުއްތުޤީ ޢަލީ އަކީ ކައްދޫ ރީޖަނަލް އެއަރޕޯޓްގެ ސީނިއަރ މެއިންޓެނަންސް އޮފިސަރެކެވެ. ހަމަ އެހެންމެ އަޙްމަދު ޢަލީ އަކީ ކައްދޫ އެއަރޕޯޓް ހިންގުމާއި މިވަގުތު ޙަވާލުވެ ހުންނެވި ސީނިއަރ އެޑްމިން އޮފިސަރެކެވެ. މީގެ އިތުރުން މިހާރު ފޮނަދޫ ވަޒަންވެރިއެއް ކަމަށްވާ މާބައިދޫ ވިނަރެސް އަޙްމަދު ނާސިރަކީ ކައްދޫ ސީނިއަރ ޓެކްނީޝަނެވެ.
ސައުތުއްޤީ ޢަލީ އަކީ ޑީއާރްޕީގެ ޙަރަކާތްތައް ފޮނަދޫގައި ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް ވޭތުވެދިޔަ ކައުންސިލް އިންތިޚާބްގައިވެސް ވަރަށް ފޯރިއާއިއެކު ޙަރަކާތްތެރިވެލެއްވިއެވެ. ސައުއްތުޤީ ޢަލީ އަކީ ފޮނަދޫ ރަށު ކައުންސިލް ރައީސްގެ ކޮއްކޮއެއްގެ އިތުރުން ޕީއޭ އަށް ނިސްބަތްވާ ފޮނަދޫ ދާއިރާގެ ރައްޔިތުން މަޖްލީސް މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ގެ ޅިޔަނެކެވެ.
އަހްމަދު ނާސިރަކީ މާބައިދޫ އިބްރާހިމްފުޅުބެގެ ދަރިފުޅެކެވެ. އިބްރާހިމްފުޅަކީ މާބައިދޫގެ ވެރިކަމުގައި ގިނަދުވަސްތަކެއް ހޭދަކުރެއްވި އެރަށުގެ ޤަދަރުވެރި ބޭފުޅެކެވެ.
ރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން މޫސަ ދެއްކެވި ވާހަކަ ފުޅުގައި ރޭ ފޮނަދޫން އެމްޑީޕީއަށް ސޮއިކުރި ބޭފުޅުންނަށް އެމްޑީޕީގެ 48,000 (ސާޅީސް އަށްހާސް) މެންބަރުންގެ ނަމުގައި މަރުޙަބާ ދެންނެވިއެވެ. މޫސަގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ ފިކުރެއް ކަމަށާއި އެ ފިކުރު ބިނާވެގެންވަނީ ރައްޔިތުންނަށް ކުރިއެރުމާއި ލާބަޔާއި މަންފާޔާ ތެދުވެރިކަމާ އިޚްލާޞްތެރި ކަމާއެކު ޤައުމަށް ޚިދުމަތްކުރާ، ވާދަވެރި ސިޔާސީ މާހައުލެއްގައި ކަންކަން ނިންމުމުގެ މައްޗަށް ބިނާވެގެންވާ ފިކުރެއްގެ މައްޗަށް ކަމަށެވެ. އަދި މިފިކުރު އަޅުގަނޑުމެންނަށް ގެނެސްދެނީ ވެރިކަމަކީ އެއްބައެއްގެ މިލްކެއް ނޫންކަމާއި ވެރިކަމަކީ މުޅި ރައްޔިތުންގެ އެެއްޗެއްކަން ރައްޔިތުންނަށް އަންގައިދިނުން ކަމަށްވެސް ވިދާޅުވިއެވެ.
މޫސަގެ ވާހަކައިގައި ހައްދުންމަތީގައި ޑީއާރްޕީގެ ޙަރަކާތްތައް އިތުރުވަމުންދާ މިންވަރާއި ބެހޭގޮތުން އަލިއަޅުވާލެއްވިއެވެ. އަދި މަޢުމޫނު ސަރުކާރުގައި އެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާއިމެދު ޢަމަލުކުރަމުން ދިޔަގޮތުގެ މައްޗަށް ބައްލަވާލައްވަމުން ވިދާޅުވީ ރައްޔިތުން ކޮންމެ ޕާޓީއެއްގައި ހުއްޓަސް އަދުގެ ސަރުކާރުން އެއްވެސް މީހެއްގެ ވަޒީފާއާއި ދޭތެރޭ ނިކަމެތިކޮށް ނުހިތާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.