ކެލާ ގިނަ އަދަދެއްގެ ބަޔަކު ވޯޓުލުމަށް ނިކުންނަމުންދާ ކަމަށް އެމްޑީޕީން ބުނެފި

އިބްރާހީމް ރާމިޒް

ކެލާގައި މިއަދު ވޯޓުލުމަށް ބަޔަކު ކިޔޫގައި - އެރަށު ގިނަ އަދަދެއްގެ ބަޔަކު ވޯޓުގައި ބައިވެރިވޭ -- ފޮޓޯ: އީހާބު
ކެލާގައި މިއަދު ވޯޓުލުމަށް ބަޔަކު ކިޔޫގައި - އެރަށު ގިނަ އަދަދެއްގެ ބަޔަކު ވޯޓުގައި ބައިވެރިވޭ

ހއ. ކެލާގައި މިއަދު ކުރިޔަށްދާ ވޯޓުލުމުގައި އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަމުންދާ ކަމަށް އެރަށުގައި ހަރަކާތްތެރިވާ އެމްޑީޕީގެ ޓީމުން ބުނެފިއެވެ.
ކެލާ ދާއިރާގެ އެމްޑީޕީ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ އަންޑަރ ސެކްރެޓަރީ އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) ވިދާޅުވީ މިފަހަރު ކެލާގައި މި ބާއްވާ ވޯޓަކީ ގިނަ ޕާޓީ އެކުލެވޭ ރިޔާސީ ނިޒާމެއް ރާއްޖޭގައި ގާއިމްކުރެވުނު ފަހުން އެރަށުގައި އެންމެ ގިނަ ބަޔަކު ވޯޓުގައި ބައިވެރިވެފައިވާ ފަހަރު ކަމަށް ފާހަގަކުރެއްވޭ ކަމަށާއި، މިއަދު މި ބާއްވާ ކެލާ ރަށު ކައުންސިލް އިންތިޚާބާއި، ކެލާ ދާއިރާގެ އަތޮޅު ކައުންސިލް އިންތިޚާބުގައި މެންދުރާ ހަމައަށް 70 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި ވޯޓުލުމުގެ ކަންތައް އަދި ކުރިޔަށްދަނީ އަމާން އޮމާންކޮށް ކަމަށް ވެސް ހޯރަ އިއްބެ ވިދާޅުވިއެވެ.
ރެއިން ފެށިގެން އެރަށު މީހުން ވޯޓުފޮށި ކައިރީގައި ކިޔޫ ހަދާފައިވާ ކަމަށާއި، މެންދުރުކުރިން އެކަނިވެސް އެރަށުގައި ބަހައްޓާފައިވާ 2 ވޯޓު ފޮއްޓަށް 600 އެއްހާ މީހުން ވޯޓުލާފައިވާ ކަމަށް އެރަށުގައި ހަރަކާތްތެރިވާ އެމްޑީޕީގެ ޓީމުން ބުނެއެވެ.
ކެލާގައި އަލުން އިންތިޚާބު މި ބާއްވަނީ ފެބްރުއަރީ 5 ވަނަ ދުވަހު އެރަށުގައި ވޯޓުލުން ކުރިޔަށްދަނިކޮށް، ޖެހުނު މައްސަލަތަކަކާ ގުޅިގެން ވޯޓުލުން ހުއްޓާލައި އެ ވޯޓުފޮށިތައް ހަނިމާދޫއަށް ގެންގޮސް ގުނުމުގެ ސަބަބުން އެތައް ބައެއް ވޯޓުލުމުގެ ހައްގު އުނިވެފައިވާތީ އެމްޑީޕީން ހުށަހެޅި މައްސަލަ އެޕާޓީއާ އެއްކޮޅަށް ނިމި ކެލާގައި އަލުން ވޯޓުލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.