މެންބަރުންގެ ޚިޔާލު: ރިޔަލިޓީއަކީ ކޮބާ !!

ފުނަމާ

މިއީ މިހާރަކަށް އައިސް އަޅުގަނޑު މެންނަށް ވަރަށް ގިނައިން އިވެމުންދާ ބަހެކެވެ. ކުރީން ވާހަކަ ދެއްކުމުގައި ބައެއް ކަންނަމަށް ބާރުދިނުމުގެ ގޮތުން ހަގީގަތަކީ މިއީއޭ ބުނެއުޅޭ އުޅުމުގެ ބަދަލުގައި ރިއަލިޓީއަކީ މިއީއޭ ބުނެލުން ގިނަވެ ދިވެހި ބަހުގެ ތެރޭގައި ބޭނުން ކުރަމުން އައި ހަގީގަތް މިބަސް މިހާރު މިދަނީ އުވިގެންނެވެ.
ބައެއް މީހުންނަކީ ތިމާ މަޝްހޫރުވުމަށް ނުވަތަ އަނެކުންގެ ސަމާލުކަން ހޯދުމަށް ބައެއްކަހަލަ އާކަންކަމާއި ބަސްބަސް ތައާރަފު ކުރާމީހުންނެވެ. މިސާލަކަށް އެމީހަކީ މީހަކާ ވަހަކަ ދައްކާން ކޮއްޅަށް ހުންނައިރު ނުވަތަ ޕޯޑިއަމްއެއްގައި ހުރެ ވާހަކަ ދައްކާއިރު އިރުއިރު ކޮޅުން ފަހަރަކު އަތެއް އޭނާގެ ފަޓުލޫނުގެ ފައިކޭޓައް އަވަސްއަވަހަށް ނަގަނަގާފައި ޖަހާމީހެއް ނަމަ އަދި އޭނާއަކީ މިކަންކުރާތަން މީހުންނަށް ގިނަގިނައިން ފެންނަ މީހެއް ނަމަ އެކަމުން އޭނާ އަށް މަޝްހޫރުކަމެއް ލިބެއެވެ. އަދި ޖަމާއަތުގެ އެހެންމީހަކު މިކަން ކުރާތަން ފެނުމުން ކުރީންދެންނެވި މީހާގެ މަތީން މީހުންގެ ހަނދާން އާވެއެވެ. އަންހެން ކުއްޖަކު އޭނާގެ ހެއަރ ސްޓައިލް ބަހައްޓާ ގޮތަކުން ނިއްކުރި މައްޗަށް އިރުއިރު ކޮޅުން ވެއްޓޭގޮތައް އިސްތަށިކޮޅެއް ބަހައްޓާފައި ހުރެ އަދި އިރުއިރު ކޮޅުން އެކަމުން އުނދަގޫވެގެން އެއިސްތަށިކޮޅު ރަނގަޅު ކުރާން އުޅޭމަންޒަރު ފެނުމުން އޭނާގެ އެހެއަރ ސްޓައިލް އަކީ އެހެންމީހުންގެ ސަމާލުކަން އޭނާގެ މައްޗަށް ހޯދުމަށް ބޭނުންކުރާ ހަތިޔާރަކަށް ވުމަކީ ދުރުކަމެއް ނޫނެވެ. ދަންނަވާން މިއުޅެނީ ކޮންމެހެން މިވާހަކައެއް ނޫނެވެ.
ދިވެހިރާއްޖޭގައި ލިއެވިގެން ގާނޫނު އަސާސީ ބޭނުންކުރެވެމުން އަންނަތާ މިހާރުމިވަނީ އަށްޑިހަ ވަރަކަށް އަހަރަށްވުރެ އިތުރުވެފައެވެ. ތަފާތު އެކިފަހަރުގެ މަތީން ބަދަލު ގެންނަމުން އާކުރަމުން ގެންދިޔަނަމަވެސް ދިވެހީން ލިޔެވިފައިވާ ގާނޫނުއަސާސީ އަކަށް އަމަލު ކުރާތާ ގަރުނަކާ ކައިރި ވެފައި ވާއިރު މިއަދު މިބޭނުން ކުރަމުން ގެންދާ ގާނޫނުއަސާސީގެ ބަނޑޭރިގަނޑުގެ ކުލަޔަކީ ކޮބައިކަން ހުރިހާ ދިވެހީންނަށް ނޭނގި އުޅެނިކޮށް މިހާރުވެސް ގިނަމީހުން ބުނަމުން ގެންދަނީ މިއީވެސް ފުރިހަމަ ގާނޫނުއަސާސީއެއް ނޫންކަމުގައެވެ. މިކަމުން އެނގެނީ އިންސާނުން ކުރާކޮންމެ ކަމަކީވެސް އިސާހިތަކު އެކަން ބަދަލުކުރާން ޖެހޭ ކަމެއްކަމެވެ. ހާލަތާ ޒަމާނަށް އަންނަ ބަދަލުތަކާ ގުޅިގެން ކަންކަމާ ވިސްނުން ބަދަލުކުރާން މަޖުބޫރުވާކަމެވެ. އިންސާނީ ހަޟާރަތް ކުރިއަރައި މިއަދުގެ ތަހުޒީބީ ދުނިޔެ ގާއިމް ކުރެވިފައި މިވަނީ ޒަމާނާ އެކު އިންސާނުންގެ ވިސްނުން ބަދަލުކުރުމުގެ ގާބިލްކަން ގުދުރަތުން ދެއްވާފައިވާތީއެވެ. އިއްޔެ މާމޮޅައް ކުރެވުނު ކަންކަމަކީ މިއަދު ގަބޫލުނުކުރެވޭ ކަންކަމަށް ބަދަލުވެދާތަން މިދަނީ ފެނިހާމަވަމުންނެވެ. އެބުނާ ރިއަލިޓީއަކީ މިއީއެވެ.
ރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމަށް ދޭހަވާ ބީދަޔަކުން މީގެކުރީންވެސް އެކިއެކި ނަންނަމުގައި މަސައްކަތް ކުރެވެމުން ގޮސްފައިވާކަން ތާރީޚަށް ބަލާލުމުން އެނގޭން އެބައޮތެވެ. ސީދާ މިނަމަކީ ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެނައުމަށް ގޮވާލައި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން މަދުބަޔަކުު ހިންގާންފެށި ހަރަކާތްތައް ފުޅާވަމުން ދިޔަދުވަސްވަރު އަލުން ތައަރަފުވެ ދިވެހި ފަޒާގައި ގުގުމަމުން ދިޔަނަމަކަށް ވެގެން ދިޔައެވެ. ރާއްޖޭގައި މީގެކުރީން ހިންގަމުން ގެންދިޔަ ވެރިކަމުގެ ނިޒާމުގެ ތެރެއިންވެސް ލާމަރުކަޒީ އުސޫލުން މިރާއްޖެ ހިންގުމުގެ ފުރުސަތު ކުރީގެ ސަރުކާރުތަކަށްވެސް ލިބިފައިއޮތެވެ. ނަމަވެސް އެކިފަހަރު އެކިދަޅަ ރައްޔިތުންނަށް ދައްކަމުން މިކަންނުކޮށް ހިފަހައްޓާފައި ވަނީ ވެރިކަމުގައި ތިބި ބައެއްގެ އަތުގައިއޮތް ބާރުތައް ހަގީގީ މާނައިގައި ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލައިގެން އުމުރަށް ވެރިކަމުގައި ނުތިބެވޭނެތީވެ އެކަން ފަހިކުރުމުގެ ގޮތުންނެވެ. މިގޮތުން މާޒީއަށް ބަލާލާއިރު އަތޮޅުވެރީން އިންތިޚާބު ކުރެވުނު ދުވަސްވަރެއް ފެނިގެން ގޮސްފައި ވެއެވެ. އަދި ހަމައެފަދައިން ރައްކުރިއަރުވާ ކޮމެޓީތައް އިންތިޚާބު ކުރެވި އެކޮމެޓީތަކުގެ ރައީސް އަކީ ކޮމެޓީގެ ތެރެއިން އިންތިޚާބު ކުރެވޭ މީހެއް ކަމުގައި ހަމަޖެހިގެންދިޔަ ދުވަސްވަރެއްވެސް ދިޔައެވެ. ނަމަވެސް އެކަން ކުރެވުނީ ނަމެއްގައެވެ. އަދި މާގިނަ ދުވަސްތަކެއްނުވެ މިކަންކަން މުޅީން ބަދަލުކޮށް ސީދާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް މިކަންކަން ބަދަލު ކުރެވިގެން ދިޔައީއެވެ.
ވެރިކަން ކުރާރަށުގައި ސަރުކާރު ހިންގަވާ ވެރިމީހާގެ ކިހިލިފަތްދަށަށް އެއްކޮށް ގުޅަކުރެވިފައިވާ ބާރުތައް ދޫކޮށް ނުލައި އެކިއެކި ބަހަނާ ދައްކައިގެން ހިފަހައްޓައި ދުވަސްތަައް ދިގުދެންމުމުގެ ބާރު ރައީސްނަޝީދުގެ ސަރުކާރަށްވެސް ލިބުނީހެވެ. ނަމަވެސް ރައްޔިތުންގެ މަޖްލީހުން ކަންކަން ފަހިކޮށް ނިންމުނުހާ އަވަހަކަށް އެމްޑީޕީގެ ސަރުކާރުން ދިވެހި ރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުން މިވަނީ ތައާރަފުކޮށް ތާރީޚުގެ ތެރެއަށް ވަދެފައެވެ. މިހާތަނުން މިކަމަކީ ގާނޫނު އަސާސީގެ ދަށުން ކުރާން ލާޒިމް ކަމެއް ކަމުގައި ބުނެ ފަރުޖެއްސޭކަށް ނެތެވެ. އެހެންނަމަ 2009 ޖުލައިމަހު މިކަން އޮތީހީ ކުރެވިފައި ތާއެވެ. ގާނޫނުއަސާސީގައި ބުނެފައިވާ މުއްދަތު ފަހަނައަޅައި ދިޔަގޮތައް މިދައުރު ބަދަލުވާންދެންވެސް މިކަން ދަމާވާންކޮށްގެން މިސަރުކާރަށް އޮވެވުނީސްތާއެވެ. އެހެން ނަމަވެސް ރަނގަޅު ނިޔަތެއްގައި މިސަރުކާރުން އަލަށް ތައާރަފު މިކުރި ނިޒާމުވެސް ފެއިލް ކޮށްލުމަށް ބަޔަކު މިދަނީ އުންކާރު ދެމުންނެވެ. ތިމާމެންނަށް ކުރިމަގުގައި ވެރިކަމަށް އާދެވިދާނެ ކަމުގެ އުންމީދެއް އޮތަތީވެ އެދުވަހަކުން މިކަން ބަދަލު ކުރާން އުޅުނަސް ބަދަލު ނުކުރެވޭނެކަން މިހާރުވެސް އެނގޭތީވެ ފެށުނު ހިސާބުން މިއުޅެނީ ނިކަން ހުއްޓާލެވޭތޯއެވެ. އެކަން ކުރެވޭނީ ތިމަންނާމެންގެ ބަސްެއަހާ ކުދީން މިކަމުގެ އިސްސަފަށް ގެނެސް ގަޑުބަޑު އުފައްދައިގެންކަން އެނގޭތީވެ އެކަމަށް މަރުދީގެން ކޮންމެވެސް ވަރެއްގެ ކާމިޔާބެއްވެސް މިވަނީ އިދިކޮޅުގައިތިބި މީގެކުރީން މިކަން ނުކުރާން މަރުދިން ފަރާތްތަކުން ހޯދާފައެވެ. އެމީހުންގެ ނިޔަތަކީ މިކަން ފަސާދަކޮށް ކުރިއަށް ގެންދިޔަ ނުދިނުންކަން މިހާރުވެސް އެދަނީ ހާމަވަމުންނެވެ. ކައުންސިލްތައް އިންތިޚާބުކުރެވި އެމީހުންގެ އިދާރާއަކީ ކޮބައިކަން އޮޅި ސަރުކާރާ ދެބަސްވާން ޖެހުމުން ކަންކުރި ގޮތައް ބަލާއިރު މިކަން ޔަގީންވެއެވެ.
ސަރުކާރުން މާލެއަތޮޅުގެ ކައުންސިލް އިދާރާއަކީ މާފުށީގައި ހިންގަމުންއައި ކުރީގެ މާލެއަތޮޅު އޮފީސްކަމުގައި ކަނޑައަޅާފައި ވާއިރު އިންތިޚާބުވި ކައުންސިލުން އެކަން ގަބޫލުނުކޮށް އެމީހުންގެ އިދާރާއަކީ ތުލުސްދޫގައި ހުރި ކުރީގެ އަތޮޅުއޮފީސް ކަމުގައި ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމުގައި ބަޔަކު ބުނެފާނެއެވެ. އެންމެ ރަނގަޅެވެ. އެހެންވީއިރު އެގޮތައް އެމީހުން އެކަން ނިންމައި ސަރުކާރުގައި އެކަމަށްއެދި ބުނުމުން ސަރުކާރުން އެކަމާ އިންކާރު ކުރުމުން ޝަރީއަތައް ގޮސްގެން ޝަރީއަތުން މިކަން އިންސާފުންނިމި ސަރުކާރުން ކަންކަން ނިންމުމަށް ފުރުސަތު ދިނުމަކާ ނުލައި އަދި ސަރުކާރުން އެކަމާ ދެކޮޅުހަދަމުން ގެންދަނިކޮށް ފުލުހުންގެ ސަފުތައް ރޫޅާލައި ސަރުކާރުގެ އެންގުމަކަށް ފުލުހުން ބަލަހައްޓަމުން ގެންދިޔަ އިމާރާތެއްގެ ދޮރުހަލާކުކޮއްލައި ވަދެ އިމާރާތެއް ހިފުމަކީ ކޮންހަމަޔަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟ ދައުލަތުގެ މުދާބަލަހައްޓަމުން ގެންދަވާ ވުޒާރާގެ ބެލުމުގެ ދަށުގައި ހުރި އެސެޓްތަކެއް ސޯމާލިއާ މީހުން ބޯޓެއް ފޭރިގަންނަހެން ފޭރިގަތުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟
ކިތަންމެ އިދިކޮޅުވިޔަސް ހައްދެއް އޮންނާން ވާނެއެވެ. ދިވެހި ދައުލަތާއި ސަރުކާރުގެ އެންމެ އިސްވެރިޔާއާއި ހާހެއްހާ މީހުންގެ ވޯޓަކުން ހޮވުނު ކައުންސިލަރަކާ ބާރުގެ ގޮތުން ހަމަހަމަ ކަމުގައި ދެކޭބަޔަކީ ތަނެއްދޮރެއް ނޭނގޭ ދެއުޅިއެއްނުވާ ބައެއްކަމުގައި ނޫނީ ބުނެވިދާނެ ހެއްޔެވެ؟
ބޭނުމަކީ މިފެށުނު މަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިވެހީންނަށް ފޯރާ ހިސާބަށް ދިއުމުގެ ކުރީން މިކަން މުލުން އުފުރާލުމެވެ. ސަރުކާރަށް ދުއްތުރާކޮށް ޖެއްސުންކުރުމެވެ. މިކަމަކީ ބިރުވެރި ކަމެއްކަމުގައި ދިވެހި ރައްޔިތުންނަށް ދެއްކުމެވެ. އިދިކޮޅު ފަރާތްތަކުގެ ބޭނުމަކީ މިކަން ދިވެހީންގެ ތެރޭގައި ފުރިހަމައަށް ގާއިމްވިޔަ ނުދިނުމެވެ. ” ރިއަލިޓީއަކީ ” މިއީއެވެ.