ޒަކީގެ ކެމްޕެއިން މިރޭ ރަސްމީކޮށް ފަށާނެ

އިބްރާހީމް ރާމިޒް

އެމްޑީޕީގެ އާންމު ޖަލްސާ ބޭއްވުމުގެ ބަދަލުގައި އެޕާޓީގެ ހަރުގޭ ބޮޑު ސްކްރީންގައި މިރޭ ދައްކާނީ ޒަކީގެ ކެމްޕެއިން ހަފްލާ

އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ، އެޕާޓީގެ މިހާރުގެ ނައިބު ރައީސް އިބްރާހީމް ޙުސައިން ޒަކީގެ ކެމްޕެއިން މިރޭ ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
ޒަކީގެ ކެމްޕެއިން ރަސްމީކޮށް ފެށުން އޮންނާނީ މިރޭ 9.30 ގައި އެމްއެންބީސީގެ ރާއްޖެ ރޭޑިއޯގެ ސެނެކޯ މާލަމުގައި ކަމަށާއި، މި ޙަފްލާ ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލަކާއި، ރޭޑިއޯ ޗެނަލްތަކުން ވަގުތުން ދުރަށް ދައްކާނޭ ކަމަށާއި، އަދި މި ހަފްލާ އެމްޑީޕީ ހަރުގޭގައި ބޮޑު ސްކްރީންގައި ވަގުތުން ދައްކާނޭ ކަމަށް އެމްޑީޕީގެ ހަރުގެ ކޮމިޓީގެ މެންބަރު އިބްރާހީމް އަޙުމަދު (މާލިމީ) ވިދާޅުވިއެވެ. ސެނެކޯ މާލަމަކީ ޖާގައިގެ ގޮތުން ވަރަށް ދަތި ތަނަކަށް ވާތީ އާންމުންނަށް މިތަނަށް ވަނުމުގެ ފުރުސަތު ނުދޭގޮތަށް ވަނީ ނިންމާފައެވެ.
ޒަކީގެ ކެމްޕެއިން ރަސްމީކޮށް ފެށުން މިރޭ އޮންނާތީ އެމްޑީޕީ ހަރުގޭގައި މިރޭ ބާއްވަން ހަމަ ޖެއްސި އެޕާޓީގެ އާންމު ޖަލްސާ ނުބާއްވާ ގޮތަށް މިހާރު ވަނީ ނިންމާފައެވެ.