އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ރައީސް ޝުކުރު އަދާކުރައްވައިފި

އިބްރާހީމް ރާމިޒް

hep-mdp

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ސަރުކާރަށް ދީފައިވާ އެއްބާރުލުން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެ ގްރޫޕަށް ޝުކުރުއަދާ ކުރައްވައިފިއެވެ.
” 21 މާޗް 2011 ވި ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުނު ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި، މަނިކުފާނާއި ޕާލަމެންޓްރީ ގްރޫޕްގެ އެންމެހައި މެންބަރުން އަޅުގަނޑަށާއި، ސަރުކާރަށް ވެދެއްވި ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.” އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި ޝުކުރުގެ ސިޓީފުޅުގައި ވެއެވެ.
ރައީސްގެ ސިޓީ ފުޅުގައި ކުރިޔަށް އޮތް ތަނުގައި ވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން އެމަނިކުފާނަށާއި، ސަރުކާރަށް ލިބެމުންދާނޭ ކަމަށް ޔަޤީން ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
5 ވަޒީރަކަށް ރުހުން ދިނުމުގެ މައްސަލައިގައި، އިދިކޮޅު ޑީއާރުޕީން 3 ވަޒީރަކަށް ރުހުން ނުދޭނޭ ކަމަށް ބުނަމުން ދަނިކޮށް، އެމްޑީޕީން ވަނީ އިދިކޮޅު ފަރާތްތަކުގެ މައްޗަށް ވަރަށް ބޮޑު ކާމިޔާބީއެއް ހޯއްދަވައި 4 ވަޒީރަކަށް ރުހުން އޮތް ކަމަށް ފާސްކޮށްފައެވެ.