މެންބަރުންގެ ޚިޔާލު: އައްޑޫ ސިޓީ ތަރައްގީ ކުރާނީ ކިހިނެއް؟

ހަސަން މާހިރު/އައްޑޫ ސިޓީ، ހުޅުދޫ

seenu_atoll-450-x-275

ކުށްހީގެ މައްޗަށް އަޅުގަނޑަށް ނަފުރަތު ނުކުރާށެވެ. އަޅުގަނޑަކީ އިސްލާޙު ގެންނަން މަސައްކަތްކުރި މީހެކެވެ. އިސްލާހަށް ލޯބިކުރާ މީހަކީމެވެ. ކުރީގެ ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީ އިސްލާގުކޮށް، އައުޤާނޫނު އަސާސީއެއްގެ ހިޔާވަހިކަން ދިވެހިންނަށް ވަނީ ލިބިފައެވެ. ނަމަވެސް، ޤާނޫނު އަސާސީ ފުރިހަމަ ކުރުމުގެ ބާބު އަދި އޮތީ ކުރިއަށެވެ. ކަންއޮތީ މިހެންކަމުގައި ވީހިނދު، ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށް ދޭންޖެހޭ، އެންމެހާ، ޤައުމީ ވާޖިބުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ސަރުކާރަށް ހުރަސްތަކެއް އެބަވާކަން ހެޔޮހިތުން ގަބޫލުކުރަމެވެ. ލާމަރުކަޒީ އުސޫލުން ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުން ދައުލަތް ހިންގުމުގެ ބާރު ފެށުނުއިރު، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ބާރާއި ހައިސިއްޔަތު ޔުނިޓަރީ ދައުލަތެއްގެ ތެރޭގައި ބާރުވެރިވެ އޮތްގޮތް ވެސް ދެނެހުރީމެވެ. ދައުލަތް ހިންގުމުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ގޮތުގައި 77 މެމްބަރުން ހިއްސާކޮށް، އެތައް ކައުންސިލަރުން ވެރިކަމުގެ ތެރޭގައި ބާރުވެރިވެ ތިބިހިނދު، ދައުލަތުގެޚަރަދު އިންތިހާއަށް ބޮޑުވެގެން ދާނެކަންވެސް، އަޅުގަނޑު ދެނެހުރީމެވެ. މިފަދަ ކަންކަމުގެ ނުބައިއަސަރު ކުރާނީ ސަރުކާރުން އެކަށަ އަޅުއްވާފައިވާ ތަފާތު ތަރައްގީގެ މަޝްރޫޢު ތަކަށެވެ. މިއީ ޔަގީންވާ ކަންކަމެވެ.
ކަންއޮތީ މިހެންކަމުގައި ވީހިނދު، މިއަދު އަޅުގަނޑު އެންމެ ކަންބޮޑުވެ އެކަމެއްގެ މައްޗަށް އެންމެ ބޮޑަށް ހިތާމަކޮށް ދެރަވާ މައްސަލައަކީ، އައްޑޫއަށް ސަރުކާރުން އިއުލާން ކޮށްފައިވާ މަޝްރޫޢު ތަކުގެ މައްޗަށެވެ.އެއީ ފެނާއި ނަރުދަމާގެ މަސައްކަތާއި ރަށްރަށުގެ މަގުހެދުމާއި ވިންޑް ޓާރބައިން އެލެކްޓްރިކް އުފެއްދުމުގެ މަސައްކަތާއި ގަމުގެ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތާއި ހުޅުދޫ މީދޫ ދެމެދު އަޅަން އިއުލާން ކުރެވުނު ލޯކޮލެޖްގެ މައްސަލައެވެ. އަޅުގަނޑުގެ ހިތުގައި އުފެދޭ ސުއާލަކީ، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން، މިޚަރަދު ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ހުށައަޅާ ރިޕޯޓެއްގެ މައްޗަށް ނުވަތަ ތަފާސް ހިސާބުގެ ކަރުދާހެއްގެ މައްޗަށް ބިނާކޮށް، މިކަމަށް ބޭނުންވާ ފައިސާ ނުވަތަ ބަޖެޓް ލިބޭނެތޯއެވެ؟ ނުލިބޭނެއެވެ. މިއީ ސުއާލެއްވެސް އޮތް ކަމެއްނޫނެވެ. ސަބަބަކީ ސިޓީ ކައުންސިލެއްގެ ދަށުން އައްޑޫ އަތޮޅުގެ ތަރައްގީގެ މަސައްކަތް ހިންގުމުގެ ފުރުސަތު އޮތަސް، ޤާނޫނު ބަޔާންކުރާ ގޮތުން މައިސަރުކާރުން ކަނޑައަޅާ މިންވަރެއްގެ މައްޗަށް މެނުވީ ބަޖެޓްދިނުން ތަންނުދެއެވެ.
ނަމަވެސް އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫޢުތައް ހިންގުމުގެ ފުރުސަތު ހޭރިޔާކޮށް ހޯދެން އެބައޮތެވެ. އެކަމަކު އެކަން ކުރެވޭނީ ސިޓީ ކައުންސިލްގެ މަސްއޫލިއްޔަތާއި ގާބިލިއްޔަތު އެކަމަށް ތަންދޭނަމައެވެ. ސިޓީ މޭޔަރާއި ސިޓީ ކައުންސިލަރުންގެ ވިސްނުމާއި، ގާބިލްކަން ތަންދޭނަމައެވެ. ރޭވުންތެރިކަމާއި ހުނަރުވެރިކަމާއި އިލްމީ ގާބިލްކަން އެބައި މީހުންގެ ވިސްނުމުގައި ހުރިނަމައެވެ! އައްޑޫ ސިޓީ ކައުންސިލުން އެންމެ ފުރަތަމަވެސް ކުރަންވީ މަސައްކަތަކީ، ވަރުގަދަ ޕްލޭނަރުންގެ އިރުޝާދުގެ މަތިން އައްޑޫ ސިޓީގެ ވިޝަންއެއް ތައްޔާރުކޮށް، އެޕްލޭނާއި އެއްގޮތަށް މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ފޮރިންއިންވެސްޓް މަންޓް ހޯދުމަށް މަސައްކަތް ފެށުމެވެ. އެގޮތުން ގަން އެއަރޕޯޓް ވިޔަފާރި އުސޫލުން ޕްރައިވެޓް ޕާރޓަނަރ ސިޔާސަތުގެ ދަށުން ހިންގުމެވެ. އެއަރޕޯޓް ހިންގާއިރު، ވިޔަފާރި އުސޫލުން އެއަރޕޯޓްގެ ޚިދުމަތް ގިންތި ކުރާނީ އިކާއޯ ގަބޫލުކުރާ ފެންވަރަށް ބައިނަލް އަގުވާމީ ފްލައިޓްތަކަށް ޙިދުމަތްދޭ އުސޫލުންނެވެ. އެއީ ފިއުލްސަރވިސްގެ ޙިދުމަތް ދިނުމާއި ކެޓަރިންގެ ސަރވިސްގެ ޙިދުމަތް ދިނުމާއި ގްރައުންޑް އިންޖިނަރިންގ ސަރވިސް ޚިދުމަތް ދިނުމާއި ޑޮކްސަރވިސްގެ ޙިދުމަތް ދިނުންފަދަ އުސޫލުތައް ތަޢާރަފް ކުރުމެވެ. މިހާރުވެސް އައްޑޫ ސިޓީގައި ހިންގާ ހެރެތެރެ ރިސޯރޓާއި ވިނލިގިލި ރިސޯޓްގެ އިތުރުން މަރިޔާހެރަ އަދި ފްލޯޓިން ޓޫރިޒަމްގެ މަޝްރޫޢުތައް ހިންގުމަށް ސާރވޭކޮށް، އެކަމަށް ހޯދެންއޮތް ފުރުސަތުތައް ހޯދުމެވެ. އިންޑޮނޭޝިއާގެ ރަށްތަކާއި އަރަބުސްތާނާއި ސީނުކަރައާއި އެފްރިކާގެ ބައްރުތަކަށް އީކުއޭޓަރ ހުރަސްކޮށް ދަތުރުކުރާ އާގް ބޯޓް ފަހަރަށް ޙިދުމަތް ދެވޭނެ ގޮތުގެ މައްޗަށް އައްޑޫ ބަނދަރު ތަރައްގީ ކުރުމެވެ. މިހެންގޮސް ތަފާތު މަޝްރޫޢުތައް ޕްލޭންކޮށް، ފުރުސަތު ހޯދެން އެބައޮތެވެ. އިނގިރޭސި ވިލާތްފަދަ ގައުމުތަކުން ވަރުގަދަ ޕްރޮފެސަރުން ގެނަސް މިކަމުގެ ޕްލޭންރާވާ ހިންގާށެވެ. އައްޑޫ ސިޓީ ތަރައްގީ ކުރެވޭނީ އައްޑޫ ސިޓީގެ އެސެޓްގެ ބޭނުންކޮށް ވިސްނުމާއި ހަރުދަނާ ސިޔާސަތު އައްޑޫ ސިޓީގެ ކައުންސިލަށް ލިބިގެންވާ މިންވަރެއްގެ މައްޗަށެވެ. މައިސަރުކާރުގެ ބަޖެޓަށް ބަރޯސާވެ ކުރެވޭނެ އެއްވެސް ތަރައްގީގެ މަސައްކަތް ތަކެއް އޮތްކަމުގައި އަޅުގަނޑު ނުދެކެމެވެ. އައްޑޫ ސިޓީގައި މަދިރިމެރުމުގެ ޕްލޭންރާވާ ބަޔަކަށް ނުވާށެވެ. ފުރުސަތުގެ ބޭނުންހިފާށެވެ