ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިޔަށް އެބަދޭ

_ ޑީއާރުޕީން ކެމްޕެއިން ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އެމްޑީޕީން ބުނޭ

– އައްޑޫ ސިޓީއަށް ނިސްބަތްވާ އެމްޑީޕީގެ 200 އެއްހާ މީހުން ވޯޓުލުމަށް ޗާޓަރު ފްލައިޓެއްގައި އައްޑޫ ސިޓީއަށް ގޮސްފި

އިބްރާހީމް ރާމިޒް

vote-anni

ރާއްޖޭގައި މުޅިން އަލަށް މިއަދު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން މާލެ ސިޓީ އާއި އައްޑޫ ސިޓީ އަދި އަތޮޅުތަކުގައި ފެށިގެން ކުރިޔަށް އެބަދެއެވެ.
މި އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8 ޖެހިއިރު ފެށިގެން ކުރިޔަށް ދާއިރު، ބައެއް ރަށްރަށުގެ ވޯޓުފޮށިތަކުގައި ބައެއް މައްސަލަތައް ޖެހެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ގިނަ ރަށްރަށުގައި މައްސަލަ ޖެހެމުންދަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބަދަލުގައި ވޯތުދިނުމަށް އެ ފަރާތްތަކާއި އާއިލީ ގޮތުން ގުޅުން ނެތް މީހުންދާ މައްސަލައިގައެވެ. މި ފަދަ މައްސަލަތައް ޖެހިގެން ވޯޓުލުން މެދުކަނޑާލަން ޖެހުނު ބައެއް ރަށްރަށުގެ ތެރޭގައި ޅ.ނައިފަރު، ނ.ހޮޅުދޫ، ނ.މަނަދޫ ގދ.މަޑަވެލި އަދި ގދ.ފަރެސްމާތޮޑާ ހިމެނެއެވެ.
މި އިންތިޚާބުގައި އައްޑޫ ސިޓީ ކައުންސިލަށް ވޯޓުލުމުގެ ޙައްގު ލިބިފައިވާ ގިނަ އަދަދެއްގެ ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލިފައިވާތީ އެފަރާތްތަކަށް މިއަދު އެބަޔަކު ތިބި ތަނެއްގައި ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެމްޑީޕީން ވަނީ ރޭ އިލެކްޝަންސް ކޮމިޝަނަށް އިލްތިމާސްކޮށްފައެވެ. މިކަމަށް ގޮވާލާ އެމްޑީޕީން ރޭ ނެރުނު ނޫސް ބަޔާނުގައި ވަނީ ” މި އިންތިޚާބު އައްޑޫގައި ބާއްވަން ނިންމި އިރު މި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު މި އިންތިޚާބު ފެބްރުއަރީ 5 ވާ ހޮނިހިރު ދުވަހު ނުބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމާގުޅިގެން މި އިންތިޚާބުގައި ވޯޓުލުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތައް ވަނީ އެކިތަންތަނަށް ދަތުރުކޮށްފައެވެ. އަދި މިރޭ ކުއްލިއަކަށް މާދަމާ އައްޑޫ ސިޓީ ކައުންސިލް އިންތިޚާބު ބާއްވާ ގޮތަށް ހަމަޖެހުނު ނަމަވެސް އޭގެތެރެއިން ގިނަބަޔަކަށް ވަނީ އެފަރާތްތަކަށް ލިބިފައިވާ ވޯޓުލުމުގެ ހައްގުން މަޙްރޫމްވެފައި” ކަމަށެވެ.
އައްޑޫ ސިޓީގެ 200 އެއްހާ މީހުން މިއަދު ވޯޓުލުމަށް ޗާޓަރު ފްލައިޓެއްގައި އައްޑޫ ސިޓީއަށް ގޮސްފައިވާ ނަމަވެސް އަދިވެސް ވަރަށް ގިނަ ބަޔަކު އައްޑޫއަށް ދެވޭނޭގޮތް ނުވެފައި މާލޭގައި އެބަތިބިކަމަށް މައުލޫމާތު ލިބެއެވެ. އަދި މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީ ވެފައިވާ އައްޑޫ ސިޓީގެ ގިނަ ބަޔަކު އައްޑޫއިން މާލެ ނާދެވިފައިތިބި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މި އިންތިޚާބު ކުރިޔަށްދާއިރު، ޑީއާރުޕީގެ ބައެއް ފަރާތްތަކުން ކެމްޕެއިން ކުރަމުންދާ ކަމުގެ ޝަކުވާ އެމްޑީޕީއަށް ލިބެމުންދާ ކަމަށް އެޕާޓީން ދަނީ ބުނަމުންނެވެ. އެގޮތުން ގއ. އަތޮޅާއި، އައްޑޫ ސިޓީ އާއި، ހދ. އަތޮޅާއި ނޫނު އަތޮޅުން އެފަދަ ޝަކުވާ ލިބިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
ކުރިން ހީކުރި ވަރަށް ވުރެ ވެސް ފޯރިގަދަ ކަމަށް ފެންނަ މި އިންތިޚާބުގައި ވޯޓުލުމަށް ގިނަ އަދަދެއްގެ ބަޔަކު ނުކުންނަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ޒުވާނުންނާއި އަންހެނުން ވެސް ގިނަ އަދަދަކަށް ވޯޓުގައި ބައިވެރިވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.