ބިރުދެއްކުމާއި އަނިޔާވެރިވުމަކުން ގައުމަށްޓަކައި އެމްޑީޕީން ކުރާ މަސައްކަތުގެ ރޫހަކަށް އެއްވެސް ބަދަލެއް ނާންނާނެ- ޝިފާޤް މުފީދު

25 މާރޗް 2010

haruge-shifaq-600-x-450

މިދިޔަ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުންނަށް ދީފައިވާ ހަމާލާތަކަކީ ގަސްދުގައި ދީފައިވާ ހަމަލާތަކެއް ކަމަށާއި، އެމްޑީޕީން ގައުމާއި ރައްޔިތުންނަށްޓަކައި ކުރާ މަސައްކަތަކީ ޑީއާރުޕީގެ ބިރު ދެއްކުމާއި އަނިޔާވެރި ވުމަކުން އެމަސައްކަތުގެ އަޒުމާއި، ރޫހަށް އެއްވެސް ބަދަލެއް ގެނެވޭނޭ މަސައްކަތެއް ނޫން ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދު ވިދާޅު ވެއްޖެއެވެ.
ރޭ އެމްޑީޕީ ހަރުގޭގައި އޮތް އެޕާޓީގެ ކުއްލި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިފާޤް އިތުރަށް ވިދާޅުވީ މައުމޫނުގެ ވެރިކަމުގައި ރައްޔިތުންނަށް ލިބުނު އަނިޔާތަކަށް ކެތްނުކުރެވިގެން ރައްޔިތުން މަގުމައްޗަށް ނުކުތުމުން، އޭރުގެ ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވުން އިހުނަށްވުރެވެސް އިތުރުކުރި ކަމުގައެވެ. މީގެ އިތުރުން ޑީއާރުޕީގެ ޖިސްމާނީ އަނިޔާވެރިކަން ނުފެނި އޮތް ހަމައެކަނި ތަން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް އެންމެ ފަހުން އަނިޔާވެރިކަން ފެނުނީ ކަމުގައި ޝިފާޤް ވިދާޅުވިއެވެ.
ރޭ ބޭއްވި ކުއްލި ޖަލްސާގައި ވާހަކަ ދެއްކެވި ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި މިހާރު އިންނެވި ޢަބްދުﷲ ޝާހިދު އެމަޤާމުގައި ބައިންދައިގެން މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދަން ބޭނުންފުޅު ނުވާ ކަމަށާއި، ޢަބްދުﷲ ޝާހިދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ބޭނުންވާ ޤާނޫނީ އަދަދު މިހާރު ހަމަކޮށްފައިވާ ކަމުގައެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުން ވެސް ވަނީ މަޖިލިހުގައި ހިނގައިދިޔަ މާރާމާރީ ހިނގަން މެދުވެރިވީ މަޖިލިޙުގެ ރައީސްގެ ސަބަބުން ކަމަށް ވިދާޅުވެ، އެމަނިކުފާނު އެކަމުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނޭ ކަމުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ.