މިރާއްޖެ ރީނދޫވެ ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީގެ އަތަށް އަންނަމުންދާތަން ފެންނަމުންދާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ

ރިޔާސީ ކެންޑިޑޭޓަކީ މިއިންނެވީއޭ ކިޔާފައި ވަކި މީހަކު ނެރުމަކީ އެމްޑީޕީން ކުރާނޭ ކަމެއް ނޫން – ޗެއަރޕާސަން މާރިޔާ

އިބްރާހިމް ރާމިޒް

މިރާއްޖެ ރީނދޫވެ ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީގެ އަތަށް އަންނަމުންދާތަން ފެންނަމުންދާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިހާރު ހިންނަވަރަށް އެމްޑީޕީން ކުރަމުންދާ ކެމްޕެއިން ދަތުރުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
” މިރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް މިހާރު އަޅުގަނޑަށް ދަތުރުކުރެވިއްޖެ. އަޅުގަނޑަށް އެބަފެނޭ އަނެއް ދިވެހިރާއްޖެ. އަޅުގަނޑަށް އެބަފެނޭ މިރާއްޖެ ރީނދޫވާތަން. އަޅުގަނޑުމެންނަށް އެބަފެނޭ މި ލޯކަލް ކައުންސިލްގެ އިންތިޚާބު އަޅުގަނޑުމެންގެ އަތަށް އަންނަތަން.” މާރިޔާ ވިދާޅުވިއެވެ.
މާރިޔާ އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ މަޤްސަދެއް އޮންނަ، ފަލްސަފާއެއް އޮންނަ ޕާޓީއެއް ކަމަށާއި އެންމެ ފުރަތަމަވެސް ރައްޔިތުން ބެނުންވަނީ ރައްޔިތުން ބޭނުންވަނީ ކޮންގޮތެއްތޯ ބަލައި، މެނިފެސްޓޯއެއް ގައި ރައްޔިތުން ބޭނުންވާ ކަންތައްތައް ލިޔެ ވަކި ތަރުތީބަކުން ރައްޔިތުންނަށް ކަންތައް ކޮށްދިނުމަށް ނިކުތް ޕާޓީއެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ އިތުރަށް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓަކީ މިއިންނެވީއޭ ކިޔާފައި 2013 ގައި ވަކި މީހަކު ނެރުމަކީ އެމްޑީޕީން ކުރާނޭ ކަމެއް ނޫން ކަމަށާއި އެމްޑީޕީގެ ގޮތަކީ އެ ޒިންމާއާއި ހަވާލުވެވޭނީ ކާކަށްތޯ ބަލައި އެކަމުގެ ޤާބިލްކަން ހުރި މީހަކާ އެކަމެއް ހަވާލުކުރުން ކަމަށެވެ. އަދި 9 ދުވަހުގެތެރޭގައި ހިންނަވަރުގެ ބިން ހިއްކިފައި މިވަނީ އެގޮތަށް ކަންތައްކޮށް އެފަދަ ވެރިއަކު ނެރުމުން ކަމަށް މާރިޔާ ވިދާޅުވިއެވެ.
އެމްޑީޕީން ފާދިއްޕޮޅަށް ކުރަމުން މިގެންދާ ދަތުރުގައި މިރޭ އެޕާޓީގެ ޖަލްސާ އޮންނާނީ ނައިފަރުގައެވެ.