ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެމްޑީޕީ ހަރުގޭގައި ފޯމު ފުރައިދިނުމުގެ މަސައްކަތް ފޯރިޔާއެކު ކުރިޔަށް

20 ޑިސެމްބަރ 2010

އިބްރާހީމް ރާމިޒް

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެމްޑީޕީ ހަރުގޭގައި ފޯމު ފުރައިދިނުމުގެ މަސައްކަތް ފޯރިޔާއެކު އިއްޔެއާއި ރޭ ވެސް ކުރިޔަށް ދިޔައެވެ.

މި ގޮތުން މިހާތަނަށް 366 މީހުން ފޯމު ފުރާފައިވާ އިރު، ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4 ކުން ރޭގަނޑު 10 ޖެހުމާއި ހަމައަށް އެމްޑީޕީ ހަރުގޭގައި ފޯމުފުރައިދިނުމުގެ ޙިދުމަތް ދެމުން ގެންދާނެއެވެ. އަދި މިއީ ވަކި ޕާޓީއެއްގެ ބަޔަކަށް ޚާއްސަކޮށްގެން ހިންގާ ހަރަކާތެއް ނޫން ކަމަށާއި، ކޮންމެ ޕާޓީ އެއްގެ ކޮންމެ މީހަކަށް ވެސް ހަރުގެއިން ފޯމުފުރައިދިނުމުގެ ޚިދުމަތްދޭނޭ ކަމަށް އެމްޑީޕީން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލާން ބޭނުންވާ މީހުން ރަޖިސްޓްރީ ވުމުގެ ފުރުޞަތު މި ޑިސެމްބަރު މަހުގެ 16 ވީ ބުރާސްފަތި ދުވަހުން ފެށިގެން މިއަންނަ ޖެނުއަރީ މަހުގެ 5 ވާ ބުދަ ދުވަހުގެ ހަވީރު 5.00 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.