ދައުލަތުގެ ބަޖެޓުން ރައްޔިތުންނަށް ލިބިދޭނެޖެހޭ އިނާޔަތްތަކަށް މަޖިލީހުން ހުރަސް ނޭޅުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ގޮވާލައްވައިފި

14 ޑިސެމްބަރ 2010

އިބްރާހީމް ރާމިޒް

moosa2

ދިވެހި ދައުލަތުގެ ބަޖެޓުން ރައްޔިތުންނަށް ލިބިދޭނެޖެހޭ އިނާޔަތްތަކަށް މަޖިލީހުން ހުރަސް ނޭޅުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު (ރީކޯ) މޫސާ މަނިކު ގޮވާލައްވައިފިއެވެ.
އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން މޫސަ މިއަދު ވިދާޅުވީ ބަޖެޓަށް ހުރަސްއެޅުމުގެ ގޮތުން މަޖިލީހުން ކުރަން މިއުޅެނީ ކީއްކަން ވަރަށް ރަގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، މަޖިލީހުގެ ބޭނުމަކީ ދައުލަތުގެ ބަޖެޓުން ދިވެހި ރައްޔިތުންނަށް ލިބިދޭންޖެހޭ އިނާޔަތްތަކަށް ހީލަތްތެރި ރޭވުމެއްގެ ދަށުން ހުރަސްއަޅައި، ދިވެހި ސަރުކާރާއި، ރައްޔިތުން ޖެއްސުން ކަމަށެވެ.
” ކުރީގެ ފިނޭންސް މިނިސްޓަރ އަލީ ހާޝިމް ވަނީ ޤާނޫނު އަސާސީއާ މާލިއްޔަތު ޤާނޫނާ އެއްގޮތަށް މަޖިލީހަށް ބަޖެޓް ހުށަހަޅާފައި. އަދި އެބަޖެޓް ވަނީ މަޖިލީހުން ބަލައިގެންފަ. އަލީ ހާޝިމްގެ މިނިސްޓަރ ކަމުގަ އެމަނިކުފާނު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވާނޭ ކަމަށް އަޅުގަނޑު، ފަޚުރުވެރިކަމާއެކު ސަރުކާރު ހިންގާ ޕާޓީގެ ފަޚުރުވެރި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ގަދައަޅާ ބުނަމުން ދިޔަ ގޮތަށް، އަލީ ހާޝިމްގެ މިނިސްޓަރު ކަމުގައި ބަޖެޓް ހުށަހަޅާފައިވާކަން މަޖިލީހުގެ ރައީސް ވަނީ އިއްޔެގެ ޖަލްސާގައި ވިދާޅުވެފަ.” އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވިއެވެ.
މާލިއްޔަތު ޤާނޫނުގައިވާ ގޮތުގެ މަތީން މިއަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން މަޖިލީހަށް ބަޖެޓް ހުށަހަޅަން ޖެހޭ ކަމަށާއި، އަދި އެމުއްދަތުގެ ކުރިން އޭރުގެ ފިނޭންސް މިނިސްޓަރ އަލީ ހާޝިމް މަޖިލީހަށް ބަޖެޓް ހުށަހެޅުއްވި ކަމަށާއި އެހެން ކަމުން ސަރުކާރުގެ މައްޗަށް ޤާނޫނުން ލާޒިމްކުރާ ކަންކަން ސަރުކާރުން ކޮށް ނިންމާފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.
” ހުއްޖަތް ދައްކައިގެން ބަޖެޓް ފާސްނުކޮށް، ސަރުކާރަށް އުނދަގޫކުރުމުގެ އެއްވެސް މާނައެއް ނެތް. ސަރުކާރު ސިޔާސީ މަޅިއެއްގަ ބައްދަން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް އެކަމެއް ނުވާނެ. މި ސަރުކާރަކީ ޤާނޫނު އަސާސީއާއި، ޤާނޫނީ އިމުގެތެރޭގައި، ކޯޓުތަކުގެ އަމުރަށް ފުރިހަމަޔަށް ކިޔަމަންވާ ސަރުކާރެއްކަމާއި އަދި ޑިމޮކްރަސީގައި އެއްބާރުން އަނެއް ބާރަށް އިޙްތިރާމްކުރަންޖެހޭ މިހާރުވާނީ އެމްޑީޕީ ސަރުކާރާއި، ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ވަރަށް ރަގަޅަށް ދައްކާފަ.” މޫސަ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން އެމަޖިލީހުގައި އިދިކޮޅު ފަރާތްތަކަށް ލިބިފައިވާ ބާރުގެ ބޭނުން ނާޖާއިޒް ގޮތުގައި ކޮށްގެން ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ތަފާތު އެތައް ކަމެއް ކޮށްފައިވާކަން ހާމަ ކުރައްވަމުން މޫސަ ވިދާޅުވީ ” ޤާބިލްހެން ހީވާ ވަޒީރަކަސް ވެއްޖިއްޔާ ރުހުމެއް ނުދިން. ޤާނުނު އަސާސީގެ 16 ވަނަ މާއްދާގެ ރޫހާ ޚިލާފަށް މާލިއްޔަތު ޤާނޫނުގެ ބާރުތައް ވެސް ބަދަލުކޮށްފި. މަޖިލީހަށް ލިބޭ ބާރުތައް އެއީ ފަހަރެއްގައި ވެސް އިދިކޮޅު ފަރާތްތަކަށް ލިބޭ ކުރިއެރުމެއް ނޫން. އެއީ މަޖިލީހަށް ލިބޭނެ ބާރެއް. މިއަދު ވެސް މަޖިލީހުގައި އޮތް ކޯލިޝަން ރޫޅި، އެއް ޕާޓީއަކުން އެންމެ ގިނަ ކެންޑިޑޭޓުން އެންމެ ގިނަ ވޯޓު ކަމަކަށް ހަމަކުރަން ޖެހިއްޖެނަމަ، ސަރުކާރު ހިންގާ ޕާޓީއަށް ވުރެ، ގިނައިން ވޯޓޫ ހޯދޭނެ ޕާޓީއެއް މަޖިލީހުގައި ނޯންނާނެ” ކަމަށެވެ.
މޫސަ ވިދާޅުވީ ދައުލަތުގެ އަހަރީ ބަޖެޓް ފާސްކުރުމަކީ މަޖިލީހުގެ މައްޗަށް ޤާނޫނު އަސާސީ ލާޒިމްކުރާ ކަމެއް ކަމަށާއި، ކޮންމެހެން ފިނޭންސް މިނިސްޓަރަކު ނެތުން ނުވަތަ އެހެން ކަމެއްގެ ބަހަނާ ދައްކައިގެން ބަޖެޓް ފާސްކުރުން މަޖިލީހުން ލަސްކޮށްގެން ނުވާނޭ ކަމަށެވެ.