މެންބަރުންގެ ޚިޔާލު: ރައްޔިތުންގެ މަޖްލިހަކީ މެންބަރުންގެ ތަރިކައެއްނޫން!

30 ނޮވެމްބަރ 2010

ފުނަމާ

majlis-450-x-301

ރައްޔިތުންގެ މަޖްލީހުގެ މެންބަރަކަށް ވުމަކީ ރާއްޖޭގެ ގާނޫނު އަސާސީއާ ޚިލާފަށް އެމެންބަރަކު ހިތުހުރި ގޮތަކަށް އުޅުމަށް ، ހިތުހުރި ވާހަކައެއް ދެއްކުމަށް ދެވޭ ޓިކެޓެއްކަމުގައި މިއަދު އެމަޖްލީހުގެ ގިން މެންބަރުން ހީކުރާ ކަހަލައެވެ. މަޖްލީހަށް ހުށައެޅޭ ކޮންމެ މައްސަލައަކާ ގުޅިގެން ބަހުސްކުރުމަށް ލިބޭ ފުރުސަތަކީ އެއް މެންބަރަކު އަނެއް މެންބަރަކަށް އެއްސިޔާސީ ޕާޓީއަކުން އަނެއް ޕާޓީއަށް ހިތުހުރި އެއްޗެއް ގޮވާލާން ލިބޭ ފުރުސަތެއް ކަމުގައި ހެދުމުގެ އިތުރުން އެމަޖްލީހުގައި ބަހެއް ބުނުމުގެ ހައްޤުން މަހްރޫމް ވެފައިވާ އެތަކެއް ދިވެހި ރައްޔިތުންގެ އަބުރާބެހި ފާޅުގައި ސީދާބަހުން މައިބަފައިގޮވައި ހަދަމުން ގެންދާ މަޖްލީހަކަށް މިއަދު އެމަޖްލިސް އެވަނީ ވެފައެވެ.
ދައުލަތުގެ މާލިއްޔަތުން ބޮޑުމުސާރަޔަކާ އިންތިހާ އިއްޒަތް ދީފައިވާ މަޖްލީހުގެ މެންބަރުންގެ ސުލޫކީ މިންގަނޑަކީ ބުޅަލެއްގެ ބަނޑުން ބޭރުވާ ނަޖިހުގެ ނުބައިވަސް ހުންނަ އެއްޗެއް ކަމުގައި ވާކަމީ ދިވެހި ކޮންމެ ރައްޔިތަކުވެސް މިކަމުގައިވިސްނާލާން ވެއްޖެ ކަމެއް ކަމުގައި ދެކެމެވެ. އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާގޮތަށް މީހުންނަށް މައިބަފައި ގޮވުމާ ކަނޑައެޅިގެން އިސްލާމުންނަށް ހަރާމް އެއްޗެއް ބޯކަމުގައި ގޮވައިނެގޭ ނެގޮތެއް ހަމަވިސްނައި ވިސްނައިވެސް ނޭނގުނެވެ. ވީއިރު މެންބަރުން މިފަދަ ދަށުދަރަޖައިގެ އަމަލު ކުރަމުން ތަކުރާރުކޮށް މުޅިރައްޔިތުންގެ ކުރިމަތީގައި ގޮވާނަގާއިރު މިކަންކުރާ ފަރާތްތަކާމެދު ފިޔަވަޅެއް އެޅޭނެ ގޮތެއް ނެތްކަމީ ރާއްޖޭގެ ދުސްތޫރީ ހަޔާތަށް ގެނެސްގެންފައިވާ ސުނާމީއެއް ނޫނެކޭ ދެންނެވޭކަށް ނެތެވެ.
މަޖްލީހުގެ މެންބަރަކަށް ވުމުގެ ޝަރުތަކީ ވީހާގިނައިން އައުގުރާނަ ގޮވާންއެނގުމާ ދިވެހި އެންމެހާ ރައްޔިތުންގެ މުޅަމަސް ކެއުން ކަމުގައި ހީވާ ދަރަޖަޔައް މިއަދު މެންބަރުންގެ އަޚްލާގީ ފެންވަރު އެގެންދަނީ ރައްޔިތުންނަށް ތަމްސީލުކޮށްދެމުންނެވެ. މަޖްލިހުގެ ޖަލްސާއެއް އަޑުއަހާލުމުގެ ނިޔަތުގައި ޓީވީ ހުޅުވާލާފައި ބެހެއްޓޭނީ ގޭގައި އަނބިދަރީން ނެތިއްޔާ ކަމުގައި މިވަނީ ވެފައެވެ. ކުދި ލަދަރީންގެ ބަހުރުވަ މިދަނީ މަޖްލީހުގެ ބަހުރުވަޔަށް އެނބުރި ހައްދުފަހަނަޅައި އޮޔާދަމުންނެވެ. ދިވެހި ރައްޔިތުން އެމީހުންގެ އިއްޒަތްތެރި މަޖްލީހާމެދު އުންމީދު ކެނޑި ލަދުވެތިވާން މިއަދު މިވަނީ ޖެހިފައެވެ.
ތިމާގެ ބައްޕަގެ އޮޑިފަހަރުގައި ހުއިފިލަނޑާ ފަޅާފައި ރަށުފަޅަށް ދިޔަގަނޑުއަޅާލުމުން ރަށުފަޅުގައި އޮންނަ ތާވަޅަގަނޑު މަރުވެދިއުމާ ޓީވީ ސްޓޫޑިޔޯއަކުން ކެމެރާއެއް ވަގަށް ނެގުމާ ދިވެހި ރައްޔިތުންގެ ގާނޫނު ހަދާ މަޖްލީހުގައި ސުލޫކު ހިފެހެއްޓުމަކީ އެއްފަދަ ކަމަކަށް ހަދާނަމޭ ހީކުރާނަމަ އެމެންބަރަކު އެވަނީ އޭނާގެ ދާއިރާގެ މެންބަރުންގެ އިތުރުން ދިވެހި އެންމެހާ ރައްޔިތުންނަށް ބޮޑުޚިޔާނާތެކެވެ. އަދި ތިމާޔަކީ އެންމެ ހަޔާތްކުޑަކޮށް މީހުންނަށް ބަވާލުމާ މައިބަފައި ގޮވާލުމުގެ ގާބިލްކަން ހުރިމީހެއްކަމުގައި ހަދައި މިއީ މިއަދުގެ ” ރިއަލިޓީ ” އޭ ބުނެ ބައެއް މެންބަރުން ނިންމާލާއިރު އެއަޑުއަހާ ކޮންމެ މީހަކީ އެވާހަކަތަކަށް ތާއީދުކުރާނެ މީހެއްކަމުގައި ހީކުރުމަކީ “ރިއަލިޓީ” އެއްނޫންކަން އެމެންބަރަކަށް ނޭނގޭނަމަ ސައިކޭޓިސްޓެއްގެ އެހީތެރިކަން އެފަދަ މެންބަރުންނަށް މަޖްލީހުގެ ބަޖެޓުންނަމަވެސް ފޯރުކޮށްދޭން އެބަޖެހެއެވެ. އަދި މިފަދަ މެންބަރަކު އޭނާގެ ފާޓުފުޅާކަން ދައްކާނެ އެހެންގޮތެއް ނެތިގެން ތިމާ އެޕާޓީއަކަށް ނިސްބަތްވާ ޕާޓީގެ އެންމެ އިސް މެންބަރުންނަށް ވަގަށްގޮވައި ރިޝްވަތުގެ އިނގިލި ދިއްކުރާނަމަ އެމެންބަރަކީ އެޕާޓީއަށް އިޚްލާސްތެރި މެންބަރެއްތޯ ޕާާޓީއިންވެސް ބަލާލާން ޖެހެއެވެ.
ތިމާމެން ހިތުހުރި ގޮތަކަށް ޚަރަދުކުރާނެ މިންވަރުގެ މުސާރައެއް ޔަޤީންވާތީވެ މަޖްލީހުގެ ދޮރުން އެތެރެއަށް (މާސޯލިހު މީހަކަށް ހެދިގެން) ވަދެވުމުން ދިވެހި އެންމެހާ ރައްޔިތުންގެ އަބުރާ އިއްޒަތްވެސް ތިމާގެ ނަޖިހާޖަހައިގެން ކާނަމޭހީކޮށް ބައެއް މެންބަރުން އެކުރާ މަސައްކަތަކީ ދިވެހި ރައްޔިތުން ކިހާވަރަކަށް ބަލައިގަންނާނެ މަސައްކަތެއް ބާވައެވެ؟ އަދި މިފަދަ ގޮތްކުޑަ އަމަލުތަކެއް ހިންގަމުން ގެންދާ މަޖްލީހެއް ގައުމުގެ ތާޖެއްގެ ގޮތުގައި ބާއްވައިގެން ސަރުކާރުން ހަނުއޮތުމަކީ ހަމަ އެންމެ ރަނގަޅުގޮތް ބާވައެވެ.
ގާނޫނަށް ބޯލެނބުމަކީ ސަރުކާރަށް ލާޒިމް ކުރާކަމެކެވެ. ނަމަވެސް ގާނޫނަށް ބޯލެނބުމުގެ ނަމުގައި ގައުމުގެ ކަންކަން ބަޔަކު ހިތުހުރިހާ ގޮތަކަށް ސުންނާފަތި ކޮށްލާތަން ބަލާން އަޅާނުލައި އޮތުމަކީ ސަރުކާރުގެ މެންޑޭޓު ކަމުގައި ވެގެން ނުވާނެއެވެ. ދައުލަތާ ސަރުކާރުގެ އެންމެ އިސްވެރިޔަކަށް ގާނޫނުގައި ކަނޑައަޅާފައިވާ ފަރާތުން ބަޔަކު ހިތުހުރިހާ ގޮތެއް ހަދާން ދޫކޮށްލައިގެން ހުރެގެން ނުވާނެއެވެ. ޗާޓުން ބޭރުންނާއި އެތެރޭން ވިޔަސް މިކަންކަން ހަމަމަގަށް އެޅުވުމަކީ ރައީސުލް ޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި އެޅިފައިވާ ގާނޫނީ މަސްއޫލިއްޔަތެކެވެ. ދައުލަތުގެ މުއައްސަސާ ތައް އެމުއައްސަސާ ތަކުގެ މެންޑޭޓާ އެއްގޮތައް ހިނގާތޯ ބަލައި ޔަޤީން ކުރުމަކީ ރައީސްގެ މެންޑޭޓެކެވެ. އެއްދުވަހުން އަނެއް ދުވަހަށް މިކަންކަން ގޯސްވަމުންގޮސް އާޚިރުގައި ރާއްޖޭގެ އެންމެހާ ރައްޔިތުން ބޮލާފޮށާ އަޅުވާން ބަޔަކު ރާއްޖޭގެ އިއްޒަތްތެރި ޤާނޫނުހަދާ މަޖްލިސް މަސްމާރުކޭޓަކަށް ބަދަލުކޮށް ނިންމާއިރު އެމުއައްސަސާގައި ބޮޑުތަޅުއަޅުވާން ޖެހުނަސް ދިވެހި ރައްޔިތުންގެ ޙައްޤުގައި އެކަން ނުކުރެވޭނެ ކަމުގައި ހީކުރުމަކީ ބުއްދިވެރި ކަމެއް ނޫނެވެ.
ދިވެހި އެއްވެސް ރައްޔިތަކު މިގައުމު ތާއަބަދު ފަސާދަޔާ ރުޅިވެރިކަމުގައި މެކިގެން އޮޔާދާކަށް ބޭނުމެއް ނުވާނެއެވެ. ޒާތީ ތައައްސުބާއި ސިޔާސީ ވާދަވެރިކަމުގައި އެކަކު އަނެކަކާއި ތަޅާފޮޅައި އަހުލީ ހަނގުރާމަޔަކަށް މިގައުމު ދީލާލުމަށް މިއަދު ރައްޔިތުންގެ މަޖްލީހުގެ ތެރެއިން އެކުރަމުން ގެންދާ މަސައްކަތަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. ރާއްޖޭގެ އިގްތިސާދު ފުނޑާލުމަށް ވެރީން ސުންނާފަތިކޮށްލުމަށް ފާޅުގައި މެންބަރުން އެގޮވާ ގޮވުންތައް ތަކުރާރުކޮށް ކޮންމެދުވަހަކު އަޑުއިވެމުން ދާއިރު އަދި މަޖްލީހުން ބޭރުގައިވެސް މިކަންކަމަށް މީހުންނަށް ހިއްވަރުދީ ގޮވާލަމުން ދާއިރު މިކަން މިގޮތައް ވާނެގޮތެއްވާން ދޫކޮށްލައިގެން ބަލާން ތިބުމަކީ މިގައުމަށް ހެޔޮއެދޭ އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއްނޫނެވެ. އާއެކެވެ. ދިވެހި ރައްޔިތުންގެ ޤާނޫނު ހަދާ މަޖްލީހަކީ އެމަޖްލީހުގެ މެންބަރުންގެ އަމިއްލަ ތަރިކައެއް ނޫނެވެ. އެނޫންމީހުންގެ ޙައްޤަކީވެސް އެމަޖްލީހުގައި އޮންނާނެ އެއްޗެކެވެ.